އެންމެ ފައިދާހުރި އިންވެސްޓްމަންޓަކީ ޞަދަޤާތްކުރުންކަން ތަޖުރިބާކުރެވުނު ޒުވާނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
އެންމެ ފައިދާހުރި އިންވެސްޓްމަންޓަކީ ޞަދަޤާތްކުރުންކަން ތަޖުރިބާކުރެވުނު ޒުވާނެއްގެ ވާހަކަ-

ތަނަވަސްކަން ކުޑަ މުސްކުޅި އަންހެނަކު ރެސްޓޯރަންޓަކުން ކާހިތުން ވަނެވެ. ނަމަވެސް މެނޫބެލިއިރު އޭނާއަށް އަގުދެއްކާވަރުގެ އެއްވެސް އެއްޗެއް ނެތުމުން ޤަޞްދުކުރީ ފެންފޮދެއް ބޯލައިގެން ނުކުންނާށެވެ. 

އޭނާއަކީ އަބަދުވެސް ހިނިތުންވެގެން ހުންނަ އަންހެނެކެވެ. ވީމާ އެޙާލަތުގައި އޭނާ އިނީ ހިނިތުންވެގެންނެވެ. އޭނާ ވެއިޓަރާއި ދެއްކި ވާހަކަތައް ޖެހިގެން ހުރި މޭޒުގައި އިން ތަނަވަސް ޒުވާނަކު އަޑުއެހިއެވެ. އަދި ވެއިޓަރަށް ގޮވާލާފައި ޒުވާނާ ބުނީ ރެސްޓޯރަންޓުން ލިބެންހުރި އެންމެ މީރު ކެއުމެއް އެ އަންހެން މީހާއަށް ދިނުމަށެވެ. ބިލް އޭނާ ދައްކާނެ ކަމަށެވެ. 

ކައިނިމިގެން ޒުވާނާއަށް ޝުކުރު އަދާކޮށްފައި އެ އަންހެން މީހާ ދިއުމުން އެހައި ބޮޑު ހޭދައެއް އެ އަންހެން މީހާއަށް ކުރި ސަބަބާއިމެދު ވެއިޓަރު ސުވާލުކުރުމުން ޒުވާނާ ކިޔައިދިނެވެ. 

"އަހަރެންގެ މަންމަ އާއި ބައްޕަ އަހަރެން ވަރަށް ކުޑައިރު ނިޔާވެއްޖެއެވެ. ވަރަށް ދަތިޙާލުގައި ގެންގުޅެ ބޮޑުކުރީ މާމައެވެ. މާމައަކީ ކިތަންމެ ދަތިޙާލުގައި ނަމަވެސް އަބަދުވެސް ހިނިތުންވެގެން ހުންނަ އަންހެނެކެވެ. މާމައަށް ޚިދުމަތް ކުރާނެ ތަނަވަސްކަން ނުލިބެނީސް މާމަވެސް ނިޔާވެއްޖެއެވެ. އެހެންވެ މުސްކުޅި އަންހެނުންނަށް ޚިދުމަތްކުރަނީ މާމައަށް ޞަދަޤާތެއްގެ ގޮތުންނެވެ. 

މާމައަކީ ދަތިޙާލުގައި އުޅެމުންވެސް އަވަށްޓެރިންނަށް އެހީތެރިވި އަންހެނެކެވެ. އަދި މީސްތަކުންނަށް ހެޔޮކޮށް ހިތައި ގިނަގިނައިން ޞަދަޤާތްކުރަން މާމަ ވަނީ ވަޞިއްޔަތްކޮށްފައެވެ. މާމަ ބުނީ ޞަދަޤާތް ކުރުމުން އަތުން މަދުވާވަރަށްވުރެ މާގިނައިން ﷲ ދެއްވަވާނެ ކަމަށެވެ. މާމަގެ އެބަސް އެއީ ވަރަށް ބޮޑު ތެދެއްކަން އަހަރެންނަށް މިހާރުވަނީ ޔަޤީންކުރެވިފައެވެ. ޞަދަޤާތްކުރަން ލިބޭ ކޮންމެ ފުރުޞަތެއްގައިވެސް ޞަދަޤާތް ކުރަމެވެ. އަދި އަހަރެންގެ މަސައްކަތްވެސް ދަނީ ކުރިއަރަމުންނެވެ. ލިބޭ އާމްދަނީވެސް އަންނަނީ އިތުރުވަމުންނެވެ.

އަހަރެންނަށް ޤަބޫލުކުރެވޭ ގޮތުގައި ޞަދަޤާތްކުރުމަކީ އެންމެ ފައިދާހުރި އިންވެސްޓްމަންޓެވެ. އެކަމުގެ ސަބަބުން ދުނިޔޭގައިވެސް އެމީހަކަށް ފައިދާކުރާކަން އަހަރެން މިދަނީ ތަޖުރިބާކުރަމުންނެވެ. އަދި އުންމީދުކުރަނީ އާޚިރަތް ދުވަހުން ލިބޭނެ ފައިދާ މާބޮޑުވާނެ ކަމަށެވެ."

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަކިޔާފައި އަޅުގަނޑުގެ ހަނދާނަށް އައީ ހަމަ އަޅުގަނޑުގެ މަންމަވެސް ކަންތައްކުރި ގޮތެވެ. އަވަށްޓެރިއަކު އަތުވެއްޖެނަމަ އަޅުގަނޑުމެންނަށް ކާންދޭން ބަހައްޓާފައި ހުންނަ އެތިކޮޅުންވެސް ކާންދޭނެއެވެ. އަދި އަވަށްޓެރިއަކު ބަލައިއަތުވެއްޖެނަމަ ގެންދަންވެސް ދޭނެއެވެ. އަޅުގަނޑުމެން ގާތުބުނާނެއެވެ. "ބިސްމި ކިޔައިގެން މީތިކޮޅު ކާލާފައި ބިސްމި ކިޔައިގެންތަށްޓެއް ބޮއިލާށެވެ. އިރާދަކުރެއްވިއްޔާ ބަނޑުހައިވެގެން އުޅޭކަށް ނުޖެހޭނެއެވެ. 

ބައްޕަ ނިޔާވިފަހުން މަސްކޮޅެއް ލިބެނީ އަވަށްޓެރިއަކު މަހުން އައިސް ދީފިނަމައެވެ. އެދޭ މަސްކޮޅުން ކައްކާފައި ހުންނަ ރިހަ، ގަރުދިޔަކޮޅުވެސް އަވަށްޓެރިންނަށް ދޭނެއެވެ. އެހެންކަމުން އަޅުގަޑުމެންނަށް މިތިބީ އެގޮތަށް ކަންތައްކުރަން ދަސްވެ އާދަވެފައެވެ. މަންމަގެ ތަރުބިއްޔަތުގެ ފައިދާކޮށްފައެވެ. 

އަޅުގަނޑު ބުނެލަން ބޭނުމީ މިހާރުވެސް މިފަދަ އާދަތައް ދަރިންނަށް ދަސްކޮށްދީ އެކަކު އަނެކަކަށް އެހީތެރިވުމުގެ ޘަޤާފަތެއް އުފެއްދިއްޖެނަމަ އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް ކުރާނެއެވެ. އަދި ދަތިޙާލުގައި އުލެންޖެހޭ މީހުންވެސް މަދުވާނެއެވެ. 

- ޙައްވާ ޢަލީ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން