ކޮންމެ އަޅުކަމަކަށްވެސް 2 ޝަރުޠަކާ 3 ތަނބެއްވެއެވެ!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ކޮންމެ އަޅުކަމަކަށްވެސް 2 ޝަރުޠަކާ 3 ތަނބެއްވެއެވެ!: ޝައިޚް އަބޫބަކުރު ޒައުދު

ކޮންމެ އަޅުކަމަކަށްވެސް 2 ޝަރުޠަކާ 3 ތަނބެއްވެއެވެ!

ފުރަތަމަ ޝަރުޠަކީ އިޚްލާޞްތެރިކަމެވެ. އެއިގެ މާނައަކީ ކޮންމެ އަޅުކަމެއްވެސް ކުރަންވާނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އެދިގެންނެވެ. ޘަވާބަށް އެދިގެންނެވެ. ދެއްކުންތެރިކަން ނުވަތަ އެނޫންވެސް އެފަދަ ނިޔަތެއް އޮވެގެން ނުވާނެއެވެ. 

ދެވަނަ ޝަރުޠަކީ ކޮންމެ އަޅުކަމެއްވެސް ރަސޫލް ﷺ ގެ ސުންނާއި އެއްގޮތަށް ކުރުމެވެ. އަމިއްލައަށް ކަންކަން ބަދަލުކުރުމެއް ނެތެވެ. ކޮންމެ އަޅުކަމެއްވެސް ކުރަންވާނީ އެކަމެއް ކުރަން ރަސޫލް ﷺ ދަސްފުޅުކޮށް ދެއްވެވި ގޮތަށެވެ. 

ދެން އޮތީ އަޅުކަމުގެ 3 ތަނބެވެ. 

ފުރަތަމަ ތަނބަކީ ކޮންމެ އަޅުކަމެއްވެސް ކުރަންވާނީ ﷲ ތަޢާލާއަށް ލޯބިންނެވެ. އެކަލާނގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ނަމާދުކުރިނަމަވެސް ޤުރްއާން ކިޔެވިނަމަވެސް ޛިކުރްކުރިނަމަވެސް އަދި އެހެން އަޅުކަމެއް ކުރިނަމަވެސް އެކަމެއް ކުރަންވާނީ ﷲ ތަޢާލާއަށް ލޯބިންނެވެ. އެކަލާނގެ ލޯބިވެވޮޑިގަތުން ހޯދުމަށެވެ. އެކަލާނގެއާއި ކުއްތަންވުމަށެވެ. ހަމަ އެއާއިއެކު ކޮންމެ އަޅުކަމެއް ކުރިނަމަވެސް ކުރަންވާނީ ކުރާހިތުންނެވެ. 

ﷲ ތަޢާލާ އަށް ލޯބިވުމުގައި އެއްވެސް އިމެއްނެތެވެ. ކޮންމެ ދުވަހަކުވެސް މަސައްކަތްކުރަންވީ ލޯބި އިތުރުކުރުމަށެވެ. 

ދެވަނަ ތަނބަކީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ބިރުވެތިކަމާއިއެކު އަޅުކަންކުރުމެވެ. ތިމާކުރާ އަޅުކަން ޤަބޫލުފުޅު ނުކުރައްވަވައިފާނެ ކަމުގެ ބިރު އަބަދުވެސް ހިތުގައި ބާއްވަންޖެހޭނެއެވެ. އަޅުކަން ކުރަންވީ ގޮތަށް ކުރެވޭނީ އެއިރުންނެވެ. 

ތިނންވަނަ ތަނބަކީ ތިމާކުރާ އަޅުކަން ޤަބޫލުފުޅު ކުރައްވަވާނެ ކަމުގެ އުންމީދުގައި އަޅުކަންކުރުމެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އުންމީދުކުރުމަކީ އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމެކެވެ. 

އެހެންވެ ބައެއް ޢިލްމުވެރިން ދޫންޏެއް ސިފަކުރައްވައެވެ. ބޮލަކީ ﷲ ތަޢާލާ ދެކެ ލޯބިވުން ކަމަށެވެ. ދެ ފިޔައަކީ ﷲ ތަޢާލާއަށް ބިރުވެތިވުމާއި ﷲ ތަޢާލާގެ ރަހްމަތަށް އުންމީދުކުރުން ކަމަށެވެ. ދޫންޏަށް އުދުހެވޭނީ ބޮލާއި ދެފިޔަ ސަލާމަތުން ހުރުމުން ކަމުގައިވާތީއެވެ.

އަހުރެން ބުނާނީ ކުރާ ކޮންމެ އަޅުކަމެއް ވެސް ފުރިހަމަވާނީ މި ބަޔާންކުރި 3 ތަނބާއި އެކުގައެވެ. ނޫންނަމަ އޮންނާނީ އަރިއަލާލައިފައެވެ. 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން