ދާދިފަހުން ބައްދަލުވި ޒުވާނަކު ބުންޏެވެ. "ޝައިޚް އެވެ. ކައިވެނި ކުރަން ބޭނުންވެގެން ގުޅި ކައިވެންޏާއި ހަމައަށް ނުދެވެނީސް މިހާރު 4 ލޯބިވެރިން ކަޓުވާލައިފިއެވެ."
ޖަވާބުގައި ބުނީމެވެ. "5 ވަނައަށް ލިބޭ ލޯބިވެރިޔާ ނުވަތަ ބައިވެރިޔާ މާފުރިހަމަވާނެ ކަމަށް ޔަޤީންކުރާށެވެ. އަހަރެމެންނަށް އެނގޭނީ ކޮންކަމެއް ހެއްޔެވެ؟ ވާން ހުރި އެއްވެސް ކަމެއް އަހަރެމެންނަށް ނުއެނގޭއިރު ވާން ހުރި ހުރިހާ ކަންކަން އެންމެ މޮޅަށް ﷲ ތަޢާލާ ދެނެވޮޑިގެންއެވެ. ވީއިރު ތިބާއަށްޓަކައި އެކަލާނގެ ނިންމެވި ނިންމެވުމުން ތިބާއަށް ކިތަންމެ ކުޑަނަމަވެސް ގެއްލުމެއް ލިބިދާނެކަމަށް ވިސްނަންވެސް ހެޔޮނުވާނެ ނޫންހެއްޔެވެ؟
ހަމަ އެފަދައިން ބައެއް ޒުވާން އަންހެން ކުދިން ބުނެއެވެ. "މިވެނި އަންހެނަކު އަޅުގަނޑުގެ ފިރިމީހާ ޖަހައިގަނެގެން ގެންގޮސްފިއެވެ." ޒުވާން ފިރިހެން ކުދިން ބުނާއެވެ. މިވެނި މުއްސަންޖަކު ނުވަތަ ބާރުގަދަ މީހަކު އޭނާގެ އަނބިމީހާ ޖަހައިގަނެގެން ގެންގޮސްފި ކަމަށެވެ.
މީސްތަކުންނޭވެ! އަނބިމީހާ ނުވަތަ ފިރިމީހާ ވަރިވާން އުޅޭއިރު އެކަން ނުވާނެ ގޮތެއް ފެނޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންވާނެއެވެ. އެމަސައްކަތް ކުރަނިކޮށް ވަރިވެއްޖެ ނަމަ އެއްވެސް އިތުރު މީހަކު ކުށްވެރިނުކުރާށެވެ. އަދި ވަރިވި މީހާ ނުވަތަ ވަރިކުރި މީހާވެސް ކުށްވެރި ނުކުރާށެވެ!
ހިތަށް އަރުވާށެވެ. "މިޙާލަތު މެދުވެރި ކުރެއްވެވީ މިކަމުގައި ދެމިހުރެއްޖެ ނަމަ ލިބިދާނެ އިތުރު އަނިޔާއެއްގެ ބޮޑުކަމުން އެކަމުން ސަލާމަތްކުރެއްވެވުމަށެވެ. ﷲ ތަޢާލާގެ ވާގިފުޅާއިއެކު ކުރިއަށް އޮތީ މާ އުޖާލާ ދުވަސްތަކެކެވެ."
--އިސްލާމީ ތިލަފަތުގެ ދަރުސަކުން