އަނބިދަރިން ދެކެ ލޯބިވެގެންވެސް ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ހިޔާވަހިކަން ހޯދެން އެބައޮތް!

މިއަދު
ކިޔުމަށް ހޭދަވާނީ 11މ 21ސ
އަނބިދަރިން ދެކެ ލޯބިވެގެންވެސް ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ހިޔާވަހިކަން ހޯދެން އެބައޮތް!

މުޖުތަމަޢުގެ ހަމަޖެހުން، އެއެއްޗެއްގެ މައްޗަށް ބިނާވެފައިވާ އެންމެ މުހިންމު އެއް އަސާސަކީ، މީސްތަކުންގެމެދުގައި އޮންނަ ލޯތްބާއި ކުލުނުވެރިކަމެވެ. އެގޮތުން، މީސްތަކުން އެއްބަޔަކު އަނެއްބަޔަކަށް ލޯބިކުރުމުގައި އޮންނަ ގޮތްތަކަށް ބަލާއިރު، އެއްބަޔަކު ފައިސާއަށްޓަކައި އަނެކާދެކެ ލޯބިވެއެވެ. އަނެއްބަޔަކު އެބަޔަކު ނިސްބަތްވާ ޖަމާޢަތަށް ނިސްބަތްވީތީވެ، އަނެކާދެކެ ލޯބިވެއެވެ. އަނެއްބަޔަކު ހަސަބާ ނަސަބާ، މަޤާމުގެ މަތިވެރިކަމަށްޓަކައި އެނެކާދެކެ ލޯބިވެއެވެ. އަނެއްބަޔަކު މީހެއްގެ ހުރި ރީތިކަމަށްޓަކައި އަނެކާދެކެ ލޯބިވެއެވެ.

އެހެންނަމަވެސް މިއިން ކޮންމެ ކަމަކީވެސް ބަދަލުވެގެން ހިނގައިދާނެކަމެކެވެ. މުއްސަނދި މީހާ މާދަމާ ފަޤީރުވެދާނެއެވެ. ތިމާގެ ޖަމާޢަތަށް ނިސްބަތްވާމީހަކު މާދަމާ އެހެން ޖަމާޢަތަކަށް ނިސްބަތްވެދާނެއެވެ. މިއަދު ޤަދަރުވެރި މަޤާމުގައިވާމީހާ މާދަމާ މާޤާމު ގެއްލިދާނެއެވެ. އެހެންކަމުން މިސަބަބުތަކަށްޓަކައި އެކަކު އަނެކަކާ ރަޙުމަތްތެރިވެ، ލޯބިވެއުޅުމުގެ އާޚިރު ނަތީޖާއަކަށްވެގެންދަނީ ޢަދާވާތްތެރިކަމާއި މުޖުތަމަޢުގައި ފިތުނަފަސާދަ އުފެދިގެން ދިޔުމެވެ.

މުސްލިމުން އެންމެ ލޯބިވާންޖެހޭ ފަރާތަކީ ﷲ އާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އެވެ. އެއަށްފަހުގައި އެހެންފަރާތްތައް ދެކެވާ ލޯބި ބިނާވާން ޖެހޭނީ ﷲއަށްޓަކައި ވާ ލޯތްބަކަށެވެ. މައިންބަފައިން ދަރިންދެކި ލޯބިވާން ޖެހެނީ އެދަރިން ހެޔޮގޮތުގައި ބަލާ ބޮޑުކުރުމަށް އަމުރުކުރެއްވި ﷲ ތަޢާލާއަށްޓަކައެވެ. ދަރިން މައިންބަފައިންދެކެ ލޯބިވަންޖެހެނީ، އެ މައިންބަފައިންނަށް އިޙްސާންތެރިވެ އެމީހުންނަށް ހެޔޮކޮށްހިތުމަށް އަމުރުކުރެއްވި ﷲ ތަޢާލާއަށްޓަކައެވެ. ވެރިން ރައްޔިތުންދެކެ ލޯބިވާން ޖެހެނީ، އެރައްޔިތުންނަށް ޢަދުލުވެރިވުމަށް އަމުރުކުރެއްވި ﷲތަޢާލާއަށްޓަކައެވެ. ރައްޔިތުން ވެރިންދެކެ ލޯބިވާންޖެހެނީ، އެވެރިންނަށް ކިޔަމަންތެރިވާން އަމުރުކުރެއްވި ﷲ ތަޢާލާއަށްޓަކައެވެ.

ﷲ އަށްޓަކައި ލޯބިވުމަކީ މަތިވެރިވެގެންވާ އަޅުކަމެކެވެ. ދުނިޔެއާއި އާޚިރަތުގައި ފަލާޙާއި ކާމިޔާބު ލިބެވެނިވި ކަމެކެވެ. އަދި އެއީ މުޖުތަމަޢުގައި ހަމަޖެހުމާ އަމާންކަން ޤާއިމްކޮށްދެނިވި ކަމެކެވެ. އަދި އެއީ މުސްލިމުންގެ އީމާންކަމާއި ގުޅިފައިވާ ކަމެކެވެ. މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން ރިވާވެގެންވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ.

((والَّذِي نَفْسِي بِيَدِهِ ، لا تَدْخُلُوا الجَنَّةَ حَتَّى تُؤْمِنُوا ، وَلا تُؤْمِنُوا حَتَّى تَحَابُّوا ، أوَلاَ أدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ ؟ أفْشُوا السَّلامَ بينكم)) [رواه مسلم].

މާނައީ: "ތިމަންކަލޭގެފާނުގެ ނަފްސު އެއިލާހުގެ އަތްޕުޅުގައިވާ އިލާހު ގަންދީ ހުވާކުރަމެވެ. ތިޔަބައިމީހުން އީމާންނުވާހާ ހިނދަކު ތިޔަބައިމީހުން ސުވަރުގެ ނުވަންނަ ހުއްޓެވެ. އަދި ތިބައިމީހުން އެއްބަޔަކު އަނެއްބަޔަކުދެކެ ލޯބި ނުވާހާ ހިނދަކު ތިޔަބައިމީހުން އީމާނެއް ނުވެއެވެ. ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް އެ ޢަމަލެއް ކުރުމުން ލޯބި އާލާވެދާނެފަދަ ޢަމަލެއް ބުނެދެއްވަން ހެއްޔެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމްކުރުމުގެ އާދަ ފަތުރާށެވެ."

އިސްވެދިހަ ޙަދީޘުން އެނގިގެން ދިޔަގޮތުގައި މީސްތަކުން އެއްބަޔަކު އަނެއްބަޔަކުދެކެ ލޯބިވެއްޖައުމަށް ދާންދެން އެއްވެސް މީހެއްގެ އިމާންކަން ފުރިހަމަވެގެން ނުދެއެވެ. އަދި ﷲ އަށްޓަކައި ތިމާގެ މުސްލިމު އަޚުންނާމެދު ޙަޤީޤީ ލޯބި ވެވިއްޖެނަމަ އެމީހަކަށް އީމާންކަމުގެ ފޮނިކަން ހާޞިލުވާނެއެވެ. މާތްﷲ ރުއްސުންލެއްވި އަނަސްގެފާނުގެ އަރިހުން ރިވާވެގެންވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ.

((ثَلاثٌ مَنْ كُنَّ فِيهِ وَجَدَ بِهِنَّ حَلاوَةَ الإيمانِ : أنْ يَكُونَ اللهُ وَرَسُولُهُ أحَبَّ إِلَيْهِ مِمَّا سَوَاهُمَا ، وَأنْ يُحِبّ المَرْءَ لاَ يُحِبُّهُ إلاَّ للهِ ، وَأَنْ يَكْرَهَ أنْ يَعُودَ في الكُفْرِ بَعْدَ أنْ أنْقَذَهُ الله مِنْهُ ، كَمَا يَكْرَهُ أنْ يُقْذَفَ في النَّارِ))[مُتَّفَقٌ عَلَيهِ]

މާނައީ:"ތިންކަމެއް މީހެއްގެ ކިބައިގައިވާނަމަ އޭގެ ސަބަބުން އޭނާއަށް އީމާންކަމުގެ ފޮނިކަން ޙާޞިލުވާނެއެވެ. އެއީ ހުރިހާ އެއްޗަކަށްވުރެ ﷲ އާއި އެއިލާހުގެ ރަސޫލާދެކެ ލޯބިވުމެވެ. އަދި މީހަކުދެކެ ލޯބިވާނަމަ ހަމައެކަނި ﷲ އަށް ޓަކައި ލޯބިވުމެވެ. އަދި އަލިފާނުގެތެރެއަށް ވެއްޓިގަތުމަށް ނުރުހޭ ފަދައިން، ﷲ ތަޢާލާ އެބައިމީހުން ކުފުރުން ސަލާމަތްކުރައްވާފައިވަނިކޮށް ދެވަނަ ފަހަރަށް ކުފުރުވުމަށް ނުރުހުމެވެ."

ހަމައެކަނި ﷲ ތަޢާލާގެ ވަޖުހުފުޅަށްޓަކައި މުސްލިމުންދެކެ ލޯބިވުމަކީ، އެކަމުގެ ސަބަބުން ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުމާއި، އެއިލާހުގެ ދާއިމީ ރުއްސެވުން ޙާޞިލްކުރެވެނިވި ކަމެކެވެ.  މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން ރިވާވެގެންވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ.

“މީހަކު ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި އުޅޭ އޭނާގެ އަޚާއަށް ޒިޔާރަތްކުރިއެވެ. ދެން ﷲ ތަޢާލާ އޭނާ ދަތުރުކޮށްފައިދިޔަ މަގަށްމަލާއިކަތަކު ފޮނުއްވިއެވެ. ދެން އެމީހާ އެމަލާއިކަތާއާ އަރާހަމަވުމުން އެކަލޭގެފާނު ސުވާލުކުރެއްވިއެވެ.

"ތިބާ ތިޔަދަނީ ކޮންތާކަށްހެއްޔެވެ؟"

އޭނާ ބުންޏެވެ. "މިރަށުގައިވާ ތިމަންނަގެ އަޚާގެ ގާތަށެވެ." 

މަލާއިކަތާ ސުވާލުކުރެއްވެވިއެވެ. "އޭނާގެ ކިބައިން ތިބާ އެދޭ އެދުމެއް ވޭހެއްޔެވެ؟" 

އޭނާބުންޏެވެ. "ނޫނެކެވެ. ހަމަކަށަވަރުން އަހަރެން އޭނާދެކެ ލޯބިވަނީ ހަމައެކަނި ﷲ އަށްޓަކައެވެ."

ދެން އެމަލާއިކަތާ ވިދާޅުވިއެވެ:

فَإِنِّى رَسُولُ اللَّهِ إِلَيْكَ بِأَنَّ اللَّهَ قَدْ أَحَبَّكَ كَمَا أَحْبَبْتَهُ فِيهِ.

މާނައީ: "އަހަރެންނަކީ ﷲ ތަޢާލާ ތިބާ، ތިބާގެ އަޚާދެކެ ލޯބިވީތީވެ، އެފަދައިން އެއިލާހު ތިބާދެކެ ލޯބިވެ ވޮޑިގެންނަވާކަން އެންގެވުމަށް އެއިލާހު ފޮނުއްވި ބޭކަލެކެވެ." [رواه مسلم]

އަދި ޤިޔާމަތް ދުވަހު ﷲގެ ހިޔާވަހިކަން ލިބެނިވި ހަތްބާވަތުގެ މީހުންގެ ތެރޭގައިވެސް ﷲ އަށްޓަކައި ލޯބިވެއުޅުނު މީހުން ހިމެނެވެއެވެ. އަދިވެސް މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ.

(( سَبْعَةٌ يُظِلُّهُمُ اللهُ في ظِلِّهِ يَوْمَ لاَ ظِلَّ إلاَّ ظِلُّهُ : إمَامٌ عَادِلٌ ، وَشَابٌّ نَشَأ في عِبَادَةِ الله – عز وجل – ، وَرَجُلٌ قَلْبُهُ مُعَلَّقٌ بِالمَسَاجِدِ ، وَرَجُلاَنِ تَحَابّا في اللهِ اجْتَمَعَا عَلَيهِ وتَفَرَّقَا عَلَيهِ ، وَرَجُلٌ دَعَتْهُ امْرَأةٌ ذَاتُ حُسْنٍ وَجَمَالٍ ، فَقَالَ : إنِّي أخَافُ الله ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ ، فَأخْفَاهَا حَتَّى لاَ تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ ، وَرَجُلٌ ذَكَرَ الله خَالِياً فَفَاضَتْ عَيْنَاهُ )) مُتَّفَقٌ عَلَيهِ .

މާނައީ: "ޤިޔާމަތްދުވަހުގައި ﷲ ތަޢާލާ ހަތް ބާވަތެއްގެ ބަޔަކަށް އެއިލާހުގެ ހިޔާވަހިކަން ދެއްވާނެއެވެ. އެއީ އެއިލާހުގެ ހިޔާވަހިކަން ފިޔަވާ އެހެން އެއްވެސް ހިޔާވަހިކަމެއް ނުވާނެ ދުވަހެވެ. އެބަޔަކީ، ޢަދުލުވެރި ވެރިޔާއާއި އަދި އައަޅުކަމުގެމަތީ ބޮޑުވާ ޒުވާނާއާއި އަދި މިސްކިތާ އެމީހެއްގެ ހިތް ގުޅިފައިވާ މީހާއާއި އަދި ﷲ އަށްޓަކައި ލޯބިވެ އެކަމުގެ މަތީ ޖަމާވެ އެކަމުގެ މަތީ ވަކިވެދާ ދެމީހުންނާއި އަދި ރީތި، ނަސަބުވެރި އަންހެނަކު (ނުބައިކަމަކަށް) ގޮވާލާ ހިނދު ﷲ އަށް ތިމަން ބިރުވެތިވަމޭ ބުނެ އެކަމުން ދުރުވެގަންނަ މީހާއާއި އަދި އެކަނިހުރެ ﷲ ހަނދުމަކުރުމުން ލޮލުން ކަރުނަ އޮހޮރިގެންދާ މީހާއެވެ."

އަދިވެސް އެކަލޭގެފާނުގެ އަރިހުން ރިވާވެގެންވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(( إنّ الله تَعَالَى يقول يَوْمَ القِيَامَةِ : أيْنَ المُتَحَابُّونَ بِجَلالِي ؟ اليَوْمَ أُظِلُّهُمْ فِي ظِلِّي يَوْمَ لاَ ظِلَّ إلاَّ ظِلِّي )). [رواه مسلم]

މާނައީ: "ހަމަކަށަވަރުން ﷲ ތަޢާލާ ޤިޔާމަތްދުވަހު ވަޙީކުރައްވާނެއެވެ. ތިމަންއިލާހަށްޓަކައި އެކަކު އަނެކަކުދެކެ ލޯބިވި މީހުން ކޮބާ ހެއްޔެވެ؟ ތިމަންރަސްކަލާނގެ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާދުވަހު، މިއަދު ތިމަންރަސްކަލާނގެ އެބައިމީހުންނަށް ތިމަންރަސްކަލާނގެ ހިޔާވަހިކަން ދެއްވާހުށީމެވެ. "

- ޝައިޚް ޢަބްދުއްރަޙީމް ބިން މުޙައްމަދު

މިއަދު އޮންލައިން