ބައިވެރިޔާއާމެދު ޝައްކެއް ނުވަތަ ތުހުމަތެއް ކުރެވިއްޖެނަމަ ފުރަތަމަ ކަމަކަށް ކުރަންވީ ކަންތައް: ޝައިޚް މާޖިދް މަޙްމޫދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ބައިވެރިޔާއާމެދު ޝައްކެއް ނުވަތަ ތުހުމަތެއް ކުރެވިއްޖެނަމަ ފުރަތަމަ ކަމަކަށް ކުރަންވީ ކަންތައް: ޝައިޚް މާޖިދް މަޙްމޫދު

އެއްރެއަކު ރަސޫލް ﷺ ، އިތުރުއެކަލޭގެފާނުގެ އަނބިކަނބަލުން އުންމުލްމުއްމިނީން ސަފިއްޔާގެ ފާނާއިއެކު ހިންގަވާފައި ވަޑައިގަންނަވަނިކޮށް 2 ޞަހާބީއަކަށް ފެނިވަޑައިގަތުމުން އެބޭކަލުންގެ ހިންގެވުން ބާރުކޮށްލެއްވެވިއެވެ. އެތަން ފެނިވަޑައިގަތުމުން ހިންގެވުން މަޑުކުރައްވަވަން ވިދާލުވިއެވެ. އަދި އަރިއަހުގައިވަނީ އަނބިކަނބަލުންކަމަށް ވިދާޅުވިއެވެ. 

އެދެބޭކަލުން ވީދެރަފުޅުން "ތިމަންމެން ކަލޭގެފާނާއިމެދު ނުބައި ޝައްކެއް ނުކުރައްވަވާ ކަމަށާއި ނުވެސް ކުރައްވަވާނެ" ކަމަށް ދެންނެވުމުން ޙަދީޘްފުޅުކުރެއްވެވީ ހަށިގަނޑުގައި ލޭދައުރުކުރާފަދައިން ޝައިޠޯނާ އަަހަރެމެންގެ ހަށިގަނޑުގައި ދައުރުކުރާ ކަމަށެވެ. ޝައިޠޯނާ ނުބައި ވަސްވާސެއް ދީފާނެކަމަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. 

ރަސޫލް އާއިބެހޭ ގޮތުން ޞަޙާބީންގެ ހިތްޕުޅުގައި ޝައްކު އުފައްދުވަން ޝައިޠޯނާ މަސައްކަތްކުރާއިރު، އަހަރެމެންގެ ބައިވެރިންނާއި މައިންބަފައިންނާއި ޢާއިލާގެ މީހުންނާއި އެކުވެރިންނާއި މިހެންގޮސް އެންމެންގެ ހިތުގައި ޝައްކުތައް އުފައްދުވަން ޝައިޠޯނާ ކިހާވަރަކަށް މަސައްކަތްކުރާނެ ހެއްޔެވެ؟ 

މީހަކުކުރާ ފޯނުކޯލަކަށް ޖަވާބު ނުދެވުނަސް، އޮޅިގެން ދައުވަތެއް ނުދެވުނަސް މިބާވަތުގެ ކުދިކުދި ކަންކަމާއި ގުޅިގެންވެސް ނުބައި ޝައްކުތައް ހިތުގައި އުފައްދުވަނީ ހަަަމަ ޝައިޠޯނާއެވެ. 

މީސްތަކުންގެ މެދުގައި ޚާއްޞަކޮށް ދެމަފިރިންގެ މެދުގައި ފިތުނަ އުފައްދައި ތަޅާފޮޅުވަން ކުރާ މަސައްކަތް ހިނދުކޮޅަކަށް ނަމަވެސް ހުއްޓައެއް ނުލާނެއެވެ. ކިތަންމެ ހަނިނަމަވެސް ފުރުޞަތެއް ދީފިނަމަ ދެމެދަށް ވަދެގަންނާނެއެވެ. ކުދިކުދި ކަންކަން ބޮޑެތި ކަންކަމުގެ ގޮތުގައި ދައްކުވާނެއެވެ. 

ހަޔާތުގެ ބައިވެރިޔާ އާއިމެދުގައިނަމަވެސް އަދި އެހެން މީހަކާއިމެދުގައިވެސް ޝައްކެއް ނުވަތަ ތުހުމަތެއް ކުރެވިއްޖެ ނަމަ ފުރަތަމަ ކަމަކަށް أَعُوْذُ بِاللّٰهِ مِنَ الشَّيْطٰانِ ކިޔައި ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަމަށް އެދޭށެވެ. އެއިރުން ވަގުތުން ތިމާގެ ހިތާއި ޝައިޠޯނާ އާއިދެމެދު އުފެދިފައިވާ ސިގްނަލް ވަގުތުން ކެނޑިގެންދާނެއެވެ. 

ދެވަނައަށް ކުރަން އޮތްކަމަކީ ހަމަ އެއްވެސް މީހަކަށް ނުބައި އެންމެ ބަހެއްވެސް ނުބުނުމެވެ. އެފަދަ ބަހެއް މެސެޖްވެސް ނުކުރުމެވެ. އެހެނީ އެފަދައިން ބުނެވޭ ކިތަންމެ ކުޑަބަހުގައި ހިފައިގެން ވެސް އެކަން ބޮޑު ފިތުނައަކަށް ހަދަން މަސައްކަތްކުރާނެތީއެވެ. އެބަސްތައް ޝައިޠޯނާ ބޭނުންކުރާނީ ޝައިޠޯނާގެ މަޤްޞަދު ޙާޞިލުކުރަން "ރަހަމީރުކުރާ ޝައިޠޯނީ ހަވާދެއް"ގެ ގޮތުގައެވެ. 

އިތުރު ވަގުތުކޮޅެއް ހޭދަކޮށްލައިގެން ނަމަވެސް އެންމެ ރިވެތި ބަސްތަކުން މުޚާޠަބްކުރާށެވެ. އެންމެ ރިވެތި ބަސްތަކުން މެސެޖްކުރާށެވެ. ޝައިޠޯނާގެ ފިތުނައިން ސަލާމަތްވެވޭނީ އެއިރުންނެވެ. 

- ޝައިޚް މާޖިދް މަޙްމޫދުގެ ދަރުސަކުން

މިއަދު އޮންލައިން