ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ދެކަންތައް!: ޝައިޚް މާޖިދު މަޙްމޫދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ދެކަންތައް!: ޝައިޚް މާޖިދު މަޙްމޫދު

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ދެކަމެއް ފާހަގަކޮށްލާނަމެވެ. މި ދެކަންތަކަށް ސަމާލުކަން ދެވިއްޖެ މީހަކަށް އެވަނީ ދުނިޔެވެސް އަދި އާޚިރަތްވެސް ކާމިޔާބުކުރެވިފައެވެ. އިން ޝާ ﷲ

ފުރަތަމަކަމަކީ އެކަމެއް ކުރަން ރަސޫލް ﷺ މަނާކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރުމެވެ. ޙަރާމް ކުރެވިގެންވާ އެއްވެސް ކަމެއް ނުކުރުމެވެ. ތިމާއަށް މިހުރެވެނީ މިވެނި ކަހަލަ މަންޒަރުތަކެއް ބަލަން ދެވިހިފާފައި ކަމަށް ބުނެގެން ދެކޮޅެއް ނުޖެހޭނެއެވެ. މިވެނި ފާފައެއް ކުރަން ދެވިހިފާފައިކަމަށް ބުނެގެންވެސް ދެކޮޅެއް ނުޖެހޭނެއެވެ. ހުއްޓާލަން މަސައްކަތްކުރާކަމަށް ބުނުމަކުން ވެސް ނުފުދޭނެއެވެ. ޖެހޭނީ ހަމަ ވަގުތުން ހުއްޓާލާށެވެ. އެނޫން ގޮތެއް އެކަމުގައި ނެތެވެ. ކޮންމެ ކަމެއްވެސް ހުއްޓާލަން ބޭނުންވުމުން ހުއްޓައިލެވޭނެއެވެ. އެކަމުގައި ޞަޙާބީން ދެއްކެވި ނަމާނާއިން އެކަން އެނގިގެންދެއެވެ. 

ދެން އޮތީ ވީހައި ގިނައިން އަޅުކަންކުރުމެވެ. އަޅުކަންކުރަން ބަލައިފިނަމަ ސުންނަތުން އެނގެންހުރި ހުރިހާ އަޅުކަން ހަމައެކަކަށްވެސް ނުކުރެވޭނެއެވެ. އެހެންވެ އަޅުކަންކުރުމުގައި އޮތީ އެމީހަކަށް ކުރެވޭ އެންމެ ގިނައިން ކުރުމެވެ. އެންމެ ފުރިހަމައަށް ކުރަން މަސައްކަތްކުރުމެވެ. 

މިސާލަކަށް ނަމާދުކުރަން އޮތީ ޚުޝޫޢަތްތެރިކަމާއިއެކުގައެވެ. ނަމަވެސް 100 އިންސައްތަ ޚުޝޫޢަތްތެރިވެވޭނީ ކާކަށް ހެއްޔެވެ؟ އަހަރެމެންނަށް އޮތީ ވީހާ ބޮޑަކަށް ޚުޝޫޢަތްތެރިވާން މަސައްކަތްކުރުމެވެ. އެކަމުގައި ފަރުވާކުޑަކޮށްގެން ނުވާނެއެވެ. މަސައްކަތްކުރަންޖެހޭނީ ހަމަ އެންމެ ބޮޑަށް ޚުޝޫޢަތްތެރިވާށެވެ. 

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އެކަލާނގެ އަންގަވާފައިވާ މަގުން ކަންކަން ކުރަން ބޭނުންވާ މީހުންނަށް އެކަމަށް މަގުދައްކަވާނެކަމަށެވެ. މިބަސްފުޅުގެ ތަފްސީރުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ބަސްފުޅުގެ މާނައަކީ ހެޔޮ ޢަމަލުތައް ކުރަން މަސައްކަތްކުރާނަމަ އެމީހަކަށް ޙަރާމް ކަންކަން ނުކޮށް ހުންނަން މަގުފަހިކޮށްދެއްވަވާނެ ކަމެވެ. ވީމާ ވީހައި ގިނައިން ހެޔޮ ޢަމަލުކުރަން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ މީހާއަށް ﷲ ތަޢާލާގެ މަގަށް ތައުފީޤް ދެއްވަވާނެތެވެ. އިން ޝާ ﷲ 

- ޝައިޚް މާޖިދު މަޙްމޫދުގެ ދަރުސަކުން

މިއަދު އޮންލައިން