އިދުރީސް ޢަލައިހިއްސަލާމް: އެންމެ ފުރަތަމަ ޤަލަމުން ލިޔުއްވި ނަބިއްޔާ

މިއަދު
ކިޔުމަށް ހޭދަވާނީ 9މ 53ސ
އިދުރީސް ޢަލައިހިއްސަލާމް: އެންމެ ފުރަތަމަ ޤަލަމުން ލިޔުއްވި ނަބިއްޔާ

ޢަލީ އިޙްޞާން ފިރާޤް

 

إِدْرِيسُ عليه السّلام

شِيثُ عليه السّلام އަވާހަރަވުމަށްފަހު، މީސްތަކުން މާތްالله سبحانه وتعالى ގެ ދީންމަތީގައި ސާބިވެ ދުވަސްތަކެއް ވޭތުކުރިއެވެ. ނަމަވެސް، ޝައިތާނާގެ ވަސްވާހުގެ ނަތީޖާއެއްގެ ގޮތުން މީސްތަކުންގެ ހިތްތަކުގައި ދީނާއިމެދުގައި ތަފާތު ޝައްކުތައް އުފެދި ޝަރީޢަތުގައި އަންގަވާފައިވާ ޙުކުމްތަކަށް ދެމުންގެންދިޔަ ސަމާލުކަން ކުޑަވެގެންދިޔައެވެ.

މީސްތަކުން މާތްالله سبحانه وتعالى ގެ އެއްކައުވަންތަކަން ޤަބޫލުކޮށްގެން ތިބެމެ، ދީނުގައި މަނާކޮށް ނަހީކުރައްވާފައިވާ ފާފަތައް ކުރަމުންގެންދިއައެވެ. ފާޅުކަން ބޮޑުގޮތެއްގައެވެ. އެހިނދު ޚާލިޤުވަންތަ މާތްﷲ އިރާދަކުރެއްވީ އެބައިމީހުންނަށް ރަނގަޅުގޮތް އުނގަންނަވައިދެއްވައި ތެދުމަގު ބަޔާންކޮށްދެއްވުމަށް އެބައިމީހުންގެ ތެރެއިން ނަބީބޭކަލެއް ފޮނުއްވުމަށެވެ. އެ ނަބީއަކީ إِدْرِيسُ عليه السّلام އެވެ.

آدم عليه السّلام އަށްފަހު ޝަރީޢަތަކާއިގެން އެންމެ ފުރަތަމަ ފޮނުއްވި ރަސޫލުބޭކަލަކީ ނޫޙުގެފާނެވެ. ނޫޙުގެފާނުގެ ނަސަބުފުޅު ސަލާމްލެއްވި إدريس ގެފާނުގެ ނަސަބުފުޅާވަނީ ގުޅިފައެވެ. ތަފްސީރުލް ޖަލާލައިނީގައި ވާގޮތުން إدريس عليه السّلام އަކީ ނޫޙުގެފާނުގެ މުނިކާފާފުޅެވެ.

{ތަފްސީރުލް ޖަލާލައިނި، މަރްޔަމް ސޫރަތުގެ 56 ވަނަ އާޔަތުގެ ތަފްސީރު}

إدريس عليه السّلام ދުނިޔޭގެ އަލިކަންދެކެވަޑައިގެންނެވި އަހަރަކާއި، އެކަލޭގެފާނު އުޅެ ބޮޑުފުޅުވި ތަނަކާއިމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ. އެއް ރިވާޔަތެއްގައި ވަނީ إدريس عليه السّلام ރައްކައުވެވަޑައިގެންނެވީ ބާބިލުގައިކަމަށެވެ. ބާބިލަކީ، އިރާޤުގެ ރަށެކެވެ.

{ޤިޞަޞުލް އަންބިޔާޢު، މައުލާނާ ޙިފްޡުއް ރަޙްމާން، ޞަފްޙާ 43}

إدريس عليه السّلام ދުނިޔޭގެއަލިކަން ދެކެވަޑައިގެންނެވިއިރު آدم عليه السّلام ދުނިޔޭގައި ހުންނެވިއެވެ. އިބްނު އިސްޙާޤު ރަޙިމަހުﷲ ވިދާޅުވެފައިވާ ގޮތުގައި إدريس عليه السّلام ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ آدم عليه السّلام އަވަހާރަވުމުގެ 308 އަހަރުކުރިންނެވެ.

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު}

إدريس عليه السّلام ބޮޑުފުޅުވަމުން އައި ދުވަސްވަރު شيث عليه السّلام އަރިހުން ޝަރީޢަތުގެ ޢިލްމު ޙާޞިލްކުރެއްވިއެވެ. ދީނުގެ ޙުކުމްތަކާއި ޢިބާދާތުގެ ކަންތައްތައް ދަސްފުޅު ކުރެއްވިއެވެ. އެގޮތުން إدريس عليه السّلام ގެ ގައިކޮޅުގައި ތަޤްވާވެރިމަކާއި،އިސްލާމީ އަޚްލާޤުގެ ރިވެތި ސުލޫކު ވަނީ ހަރުލާފައެވެ.

{ޤިޞަޞުލް އަންބިޔާޢު، މައުލާނާ ޙިފްޡުއް ރަޙްމާން، ޞަފްޙާ 43} 

އިމާމް ގުރްޠުބީ ރަޙިމަހުﷲ، އެކަލޭގެފާނު ލިޔުއްވި ތަފްސީރު ފޮތްކަމުގައިވާ އަލްޖާމިޢު ލިއަޙްކާމިލް ގުރްއާނުގައި، މަރްޔަމް ސޫރަތުގެ 56 ވަނަ އާޔަތް ތަފްސީރު ކުރައްވަމުން ލިޔުއްވައިފައިވެއެވެ. "އެންމެ ފުރަތަމަ ޤަލަމުން ލިޔުއްވީ إدريس عليه السّلام އެވެ. އެންމެ ފުރަތަމަ ހެދުން ފައްސަވައިގެން ތުރުކުރެއްވި ބޭކަލަކީވެސް إدريس عليه السّلام އެވެ. އަދި އެންމެ ފުތަރަމަ ތަރިތަކުގެ ދައުރުވުމަށް ބައްލަވައިގެން ނުޖޫމީ ޢިލްމު ދަސްފުޅު ކުރެއްވި ބޭކަލަކީވެސް ޚުދު إدريس عليه السّلام އެވެ."

{އިމާމުލް ޤުރްޠުބީ، ތަފްސީރުލް ޤުރްޠުބީ، މަރްޔަމް ސޫރަތުގެ 56 ވަނަ އާޔަތުގެ ތަފްސީރު} 

ކައްޝާފުގައި އައްޒަމަޚުޝަރީ ވިދާޅުވެފައިވާކަމަށް އަލްއިމާމް ގުރްޠުބީ ރަޙިމަހުﷲ، ލިޔުއްވައިފައިވެއެވެ. " إدريس عليه السّلام އަށް إدريس ގެ ނަންފުޅުން ނަންދެވިގެންވަނީ، އަރަހުށި މާތްﷲ ބާވައިލެއްވި ފޮތް ގިނަގިނައިން ބައްލަވައި ދިރާސާ ކުރައްވައި އުޅުވާތީއެވެ."

{އިމާމުލް ޤުރްޠުބީ، ތަފްސީރުލް ޤުރްޠުބީ، މަރްޔަމް ސޫރަތުގެ 56 ވަނަ އާޔަތުގެ ތަފްސީރު}  

ރިސާލަތު؛

إدريس عليه السّلام ބޮޑުފުޅުވުމުން ނަބީކަމުގެ އަފޫރުއްބަ މަސްޢޫލިއްޔަތާއިގެން މާތް الله سبحانه وتعالى އެކަލޭގެފާނު ފޮނުއްވިއެވެ. އެކަލޭގެފާނު މާތްﷲ ބާވައިލެއްވި ޝަރީޢަތުގައިވާ ޢަމުރުފުޅުތަކާއި ނަހީފުޅުތައް މީސްތަކުންނަށް އުނގަންނަވައި ދެއްވުމަށް ރެޔާދުވާލު ފޫހިފުޅުކަމެއްނެތި މަސައްކަތްޕުޅު ކުރެއްވިއެވެ. އެކަލޭގެފާނު އެބައިމީހުންނަށް، ދީނުގެ ޝަރީޢަތް ބަޔާންކޮށްދެއްވުމުން، މަދުބަޔަކު ފިޔަވައި ވަރަށް ގިނަ ބަޔަކު އެކަލޭގެފާނާ ދެކޮޅުވެރިވެގަތެވެ.

ދެން إدريس عليه السّلام އެކަލޭގެފާނަށް އީމާންވެވަޑައިގެންނެވި، މީސްތަކުންނަށް އެރަށުން އެހެން ރަށަކަށް ހިޖުރަކުރެއްވުމަށް ޢަމުރުފުޅު ކުރެއްވިއެވެ. އެބައިމީހުންނަށް އެގޮތަށް އެހެން ރަށަކަށް ހިޖުރަކުރުންވީ ވަރަށް ދަތިކަމަކަށެވެ. އެބައިމީހުން إدريس عليه السّلام އަށް ދެންނެވިއެވެ.

"އަޅުގަނޑުމެން ބާބިލު ދޫކޮށް ދާނީ ކޮންތާކަށްތޯއެވެ؟ ބާބިލުފަދަ ރަނގަޅު އެހެން ރަށެއް އަޅުގަނޑުމެންނަށް ދެން ލިބޭނީ ކިހިނެއްތޯއެވެ؟" 

إدريس عليه السّلام އެބައިމީހުނަން ޖަވާބު ދެއްވިއެވެ. "ތިޔަބައިމީހުން މާތްﷲ ގެ މަގުގައި ބުރައުފުލަން ތައްޔާރަށް ތިބެއްޖެނަމަ، ތިޔަބައިމީހުން ދިޔަ ކޮންމެ ދިމާލަކުން އެކަލާނގެ ރަޙްމަތާއި ބަރަކާތް ތިޔަބައިމީހުންނަށް ލިބޭނެއެވެ. ހަމަ ޔަޤީނުންވެސް އެކަލާނގެ ތިޔަބައިމީހުންނަށް އެކަމުގެ ހެޔޮ ޖަޒާ ދެއްވާނެއެވެ. ހެޔޮ ބަދަލު ދެއްވާނެއެވެ. ތިޔަބައިމީހުން ކެތްތެރިވެ، އެކަލާނގެ އަމުރުފުޅަށް ތަބާވާށެވެ." 

ދެން، إدريس عليه السّلام އެކަލޭގެފާނަށް ތަބާވި މީސްތަކުންނާއިގެން، މިޞްރާ ދިމާލަށް ދަތުރުފުޅު ކުރައްވައި ވަޑައިގެން ނީލަކޯރުގެ އައްސޭރީގައި ވަޒަންވެރި ވެވަޑައިގެންނެވިއެވެ. އެތަނަށް ވަޑައިގަތުމަށްފަހުވެސް، إدريس عليه السّلام އެބައިމީހުންނަށް ހެޔޮކަންތައްތަކަށް އަމުރުކުރައްވައި ނުބައިކަންތައްތައް ނަހީކުރައްވަމުން ގެންދެވިއެވެ. މާތްالله سبحانه وتعالى ގެ ދީލަތިފުޅުކަމުގެ މަބުދަޢުން، إدريس عليه السّلام އަށް އެ ޒަމާނުގައި މީސްތަކުން މޮށެއުޅޭ ހުރިހާ ބަހަކުން ވާހަކަފުޅު ދައްކަވަން އެނގިވަޑައިގަންނަވައެވެ. އެކަލޭގެފާނު ކޮންމެ ބަޔަކަށްވެސް އެބަޔަކު ވާހަކަ ދައްކާ ބަހަކުން، ދީނުގެ ދަޢުވަތު ދެއްވައި ހައްދަވައެވެ.

{ޤިޞަޞުލް އަންބިޔާޢު، މައުލާނާ ޙިފްޡުއް ރަޙްމާން، ޞަފްޙާ 43}

ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން إدريس عليه السّلام ގެ ޙަޔާތްޕުޅުގައި މީސްތަކުން މާތްالله سبحانه وتعالى ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ކުރުން ފަށާފައެއްނުވެއެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ ޝަރީކު ކުރުމުގެ ނުބައި ފާފަކުރަން ފަށާފައެއްނުވެއެވެ. ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ގެ ރިވާޔަތުގައިވާ ގޮތުން، آدم عليه السّلام އިން ފެށިގެން ދިހަ ޤަރުނު ވަންދެން މިބިންމަތީގައި ޚާލިޞް ތައުޙީދު އޮތެވެ. އޭގެފަހުގައި ޝިރުކުގެ އަނދިރިކަން މިދުނިޔެއަށް ވެރިވާންފެށިއެވެ. 

ޚުލުޤުފުޅު:

ކީރިތި ޤުރްއާނުގައި މާތްالله سبحانه وتعالى، إدريس عليه السّلام ސިފަކުރައްވައިފައިވަނީ، ވަރަށް ތެދުވެރި ނަބީބޭކަލެއްގެ ގޮތުގައެވެ. ކީރިތި ޤުރްއާނުގެ މަރްޔަމް ސޫރަތުގެ 56 ވަނަ އާޔަތާއި 57 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.

وَاذْكُرْ فِي الْكِتَابِ إِدْرِيسَ ۚ إِنَّهُ كَانَ صِدِّيقًا نَّبِيًّا ﴿٥٦﴾ وَرَفَعْنَاهُ مَكَانًا عَلِيًّا ﴿٥٧﴾

މާނައީ: "ކަލޭގެފާނު މިފޮތުން إدريس ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނަކީ، ތެދުވެރިކަން ބޮޑު ނަބިއްޔަކު ކަމުގައިވިއެވެ. އަދި ތިމަންރަސްކަލާނގެ، އެކަލޭގެފާނު މަތިވެރިވެގެންވާ مقام އަކަށް އުފުއްލެވީމެވެ."

ތެދުވެރިކަމުގެ އިތުރުން، إدريس عليه السّلام އަކީ އިސްލާމްދީނުގައި އެސިފައަކަށް ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާ ކެތްތެރިކަމުގެ ސިފައިން ޒީނަތްތެރިވެވަޑައިގެންފައިވާ ބޭކަލެކެވެ. إدريس عليه السّلام ގެ ކެތްތެރިކަމުގެ ސިފައަށް ތާރީފްކުރައްވައި ކީރިތި ޤުރްއާނުގެ އަލްއަންބިޔާޢު ސޫރަތުގެ 85 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.

وَإِسْمَاعِيلَ وَإِدْرِيسَ وَذَا الْكِفْلِ ۖ كُلٌّ مِّنَ الصَّابِرِينَ ﴿٨٥﴾

މާނައީ: "އަދި إسماعيل ގެފާނާއި، إدريس ގެފާނާއި، ذوالكفل ގެފާނު ހަނދުމަކުރާށެވެ! އެއިން ކޮންމެ ބޭކަލަކުވަނީ، ކެތްތެރިންގެ ތެރެއިންނެވެ."

އިސްރާއާއި މިޢުރާޖުގެ މާތް ދަތުރުފުޅުގައި އިސްލާމްދީނުގެ މާތް ނަބިއްޔާ محمّد صلّى اللّـه عليه وسلّم އާ إدريس عليه السّلام އާ ބައްދަލުވެވަޑައިގެންނެވިއެވެ. މި ބަރަކާތްތެރި ދެބޭކަލުން ބައްދަލުވެވަޑައިގަތީ ހަތަރުވަނަ އުޑުންނެވެ.  إدريس عليه السّلام މާތް ނަބިއްޔާއާ ބައްދަލުވެވަޑައިގަތުމުން އެކަލޭގެފާނަށް މަރުޙަބާ ދަންނަވައި، ހެޔޮދުޢާފުޅު ކުރެއްވިއެވެ.

{ޞަޙީޙު މުސްލިމު، ޙަދީޘު ނަންބަރު 309}

އަރަހުށި މާތްﷲ،  آدم عليه السّلام އަށް ޞަލަވާތާއި ސަލާމްލައްވާށިއެވެ.! 

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

މިއަދު އޮންލައިން