ފަށްކަނޑަން ކައިވެނިކުރާނީ ކިހިނެއް؟ ދީނުގަ ފަށްކެނޑުމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ފަށްކަނޑަން ކައިވެނިކުރާނީ ކިހިނެއް؟ ދީނުގަ ފަށްކެނޑުމެއް ނެތް!

ފަށްކެނޑުން ހުއްދަވުމާއި ހުއްދަނުވުމާއިބެހޭގޮތުން ކިޔުންތެރިއަކު ތަކުރާރުކޮށް ސުވާލުކުރައްވާތީ ދަންނަވަމެވެ.

ފަށް ކެނޑުން ކިޔަނީ އެއް ދެމަފިރިއަކު 1 ފަހަރު، 2 ވަނަ ފަހަރު 3 ވަނަ ފަހަރަށް ވަރިކުރުމުން އެހެން ފިރިހެނަކާއި ކައިވެނިކުރުމަށްފަހު ނޫނީ ކުރީގެ ފިރިމީހާ އާއި 4 ވަނަ ކައިވެނި ނުކުރެވޭނެތީ 3 ފަށްވުމުން އެހެން ފިރިހެނަކާއި ކައިވެނިކުރުމަށެވެ. ކުރީ ޒަމާނުގައި ފަށްކަނޑަން ކައިވެނިކޮށްދޭ ފިރިހެނުން ތިއްބެވެ. އެމީހުންގެ ނަން ކިޔައި އުޅޭނީ ނަމުގެ ކުރިއަށް ފަށްކަނޑާ ލައިގެންނެވެ. މިސާލަކަށް ފަށްކަނޑާ ޢަލީ ފަދަ ނަންނަމެވެ.

ނަމަވެސް މިއީ އިސްލާމް ދީނުގައި އޮތްކަމެއް ނޫނެވެ. 3 ފަށް ވެއްޖެނަމަ އޮތީ އެހެން ފިރިހެނަކާއި ކައިވެނިކޮށްގެން ދިރިއުޅެން މަސައްކަތްކުރުމެވެ. ފަށްކެނޑުމަށް ކައިވެނިކުރުމެއް ނެތެވެ. ވީމާ ފަށްކެނޑުމުގެ ބޭނުމުގައި ކައިވެންޏެއް ނުކުރެވޭނެއެވެ. އެއީ ހުއްދަ ކަމެއް ނޫނެވެ.

ދާދިފަހަކާއި ޖެހެންދެން ފަށްކެނޑުމުގެ ޘަޤާފަތެއް ރާއްޖޭގައި އޮތެވެ. ވަރަށް މަޝްހޫރު ބައެއް ކަންކަންވެސް ހިނގާފައިވެއެވެ. އެގޮތުން ވަރަށް މަޝްހޫރު ވިޔަފާރިއެއްގެ އެއް އަނބި 3 ފަށްވުމުން ފަށްކަނޑަން ކައިވެނި ކުރުވި މީހާ ވަރިނުކޮށްގެން މަސްދޯންޏަކާއި ބައިވަރު ފައިސާތަކެއް ދޭން ޖެހުނުވާހަކަ އެއީ ވެސް މަޝްހޫރު ވާހަކައެކެވެ.

މީގެ އިތުރުން ފަށްކެނޑި ވާހަކައެއް ފޮތެއްގައި ލިޔަން އުޅެގެން ރާއްޖޭގެ އެންމެ މަޝްހޫރު ތާރީޚީ ޢިލްމުވެރިންގެ 4 ބޭފުޅަކު ހައްޔަރުކޮށް އެބޭފުޅުންގެ ފޮތްތައް ސިފައިން ގެންގޮސް ޖަލަށްލައި ބޮޑެތި އަނިޔާތައް ކުރިކަމުގެ ވާހަކަތައްވެސް ޢާންމުވިއެވެ. އެއިގެ ތެރެއިން 3 ބޭފުޅަކު ބަންދުގެ ތެރޭގައި ވަރަށް ޙާލުކޮޅު ބޮޑުވެ ދުނިޔެ ދޫކުރައްވަން ޖެހިވަޑައިގަތީވެސް އެކަމުގެ ސަބަބުން ކަމަށްވެސް ވާހަކަ ފެތުރުނެވެ.

އެއިގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއްބޭފުޅަކު ވިދާޅުވީ އެބޭފުޅާގެ ގެ ޗެކްކުރަންދިއަ ސިފައިން ރުޅިގަދަވެފައިތިބިވަރުން ހުރިހާ އެބޭފުޅާގެ އަތްޕުޅުގައި ހުރި ހުރިހާ ފޮތްތައް އެނދުގައި އޮތް ބެޑްޝީޓަށް އަޅައި ގަޓަރި ހަދައިގެން ގެންދިއައިރު އަލަމާރީގެ ދޮރުފަތުގައި ތަތްކޮށްފައި އިން ކާފާފުޅުގެ ފޮޓޯވެސް ކުށްވެރިވެގެން ނައްތާލައި ގަޓަރިއަށް ލައިގެން ގެންދިއަކަމަށެވެ.

އެއިގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއްބޭފުޅަކީ ހަކުރުބަލި ވަރަށް ބޮޑަށް ހުންނަ ބޭފުޅެކެވެ. އެބޭފުޅާއަށް ދުނިޔެ ދޫކުރައްވަން ޖެހިވަޑައިގަތީ ކުށްވެރިލެއް ބޮޑުކަމުން ހަކުރުބަލީގެ ބޭސްކޮޅުވެސް ލިބިވަޑައިނުގަތުމުން ހަފްތާއެއްވަރުވަންދެން ބޭސް ފަރިއްނުކުޅުއްވެވުމުން ކުރިމަތިވެވަޑައިގެންނެވި މައްސަލަތަކުގައެވެ.

މިކަންކަމަކީ އަނިޔާއަށް ބަދަލުދޭން އުފައްދާފައިވާ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެންވެސް އިތުރަށް ތަޙްޤީޤްކޮށް ޢާއިލާތަކަށް ބަދަލު ހޯދައިދިނުން މުހިންމު ކަންކަންކަމުގައި ފާހަގަކުރެވެއެވެ.

ކޮންމެއަކަސް ފަށްކެނޑުމާއިބެހޭ މިފަދަ ޘަޤާފަތެއް ރާއްޖޭގައި އެއިރު އޮތް ނަމަވެސް އެއީ އެއްވެސް ޙާލެއްގައި އިސްލާމް ދީން އެކަމަށް ހުއްދަކުރާތީ ކުރަމުން އައިކަމެއް ނޫނެވެ. އެކަމުގެ ޙުކުމް ނުއެނގޭތީ ކުރަމުން އައި ކަމެކެވެ. "ފަށްކަނޑަން ކައިވެނިކުރުމަކީ ޙަރާމްކަމެއް" ކަމަށް އެއިރު ވެސް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އެއީ ކުރުން ހުއްދަ ނޫން ކައިވެންޏެއް ކުރާތީކަމަށް ބެލެވެއެވެ.

--ލިޔުމުގައި ހިމެނޭ ދީނުގެ ޙުކުމް: ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު

މިއަދު އޮންލައިން