ﷲ ތަޢާލާ އިންސާނާއަށް ދެއްވެވި އެންމެ ބޮޑު ބާރު ތިބާގެ ކިބައިގަ ހުރީ ކިހާވަރަކަށް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 31ސ
ﷲ ތަޢާލާ އިންސާނާއަށް ދެއްވެވި އެންމެ ބޮޑު ބާރު ތިބާގެ ކިބައިގަ ހުރީ ކިހާވަރަކަށް؟

ވީމާ އަހަރެންގެ ކުރިމަތީގައި ޝިރުކުކުރާ މީހާ އަށް ޙަޤީޤީ ހިތްހަމަޖެހުމެއް ދުވަހަކުވެސް ނުލިބޭނެއެވެ. ނަމަވެސް ﷲ ތަޢާލާގެ ޙުކުމްފުޅުތައް ޤަބޫލުކޮށް ޢަމަލުކުރާ މީހާ ކޮންމެ ޙާލެއްގައިވެސް ހުންނާނީ ހިތްހަމަޖެހިގެންނެވެ. އީމާންތެރިކަމުގެ ބާރުން ލިބޭ ހަކަތައިގެ ބާރު ވަޒަން ކުރެވޭނީ ވެސް އީމާންތެރިންނަށެވެ. ހަކަތަ ލިބޭ އެންމެ އަގު ކާނާ އަބަދު ކައިކައި ހުންނަ މީހާއަށް ނުލިބޭ ހަކަތަ އީމާންތެރިންނަށް ލިބޭނެއެވެ.

މީސްތަކުންނޭވެ! ރަނގަޅަށް ވިސްނާށެވެ! ﷲ ތައާލާ އިންސާނުންނަށް ދެއްވެވީ ވަރަށް ކުޑަކުޑަ ދެ ބާރެކެވެ. އެއީ ކަންކަމުގައި ވަކި މިންވަރަކަށް ވިސްނުމުގެ ބާރާއި އަތުންނާއި ފައިން ބައެއް ކަންކަން ކުރުމުގެ ބާރެވެ. މިއިން ކޮންމެ ބާރެއްވެސް ދެއްވަވަނީ ހަމަ ﷲ ތަޢާލާ އިރާދަކުރައްވަވާ މިންވަރަކަށެވެ. އިތުރަށް ޒައްރެއްގެ މިންވަރުވެސް ނުލިބޭނެއެވެ. ނަމަވެސް ﷲ ތަޢާލާއަށް އީމާންވާ މީހާއަށް، ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި އުޅޭ މީހާއަށް އިތުރު ބާރެއް ލިބިގެންވެއެވެ. އެއީ ރޫޙާނީ ބާރެވެ. ޢަޤީދާ ވަރުގަދަވުމުގެ ބާރެވެ. ޢަޒުމް ވަރުގަދަވުމުގެ ބާރެވެ. ކަމެއް މެދުވެރިވި ނަމަވެސް ހިތްވަރުކުރުމާއި ހިތްވަރާއިއެކު ކުރިމަތިލުމުގެ ބާރެވެ.

ކުޑަކުޑަ މިސާލެއް ބުނެދެން ހެއްޔެވެ؟ މީހަކު މަސްތުވާ ތަކެތި ބޭނުންކުރަނިކޮށް ފެނިދާނެއެވެ. އޭނާއަށް ހެޔޮ ނަސޭހަތެއް ދޭން ބުނެވޭނީ ކީކޭ ހެއްޔެވެ؟ ދުންފަތުގެ އިސްތިއުމާލުކުރަނިކޮށް ފެނިދާނެއެވެ. ނުވަތަ އެނޫންވެސް ޞިއްހަތަށް ގެއްލުމެއް ލިބޭ ކަމެއް ކުރަނިކޮށް ފެނިއްޖެ ނަމަ ބުނާނީ ކީކޭހެއްޔެވެ؟

އަހަރެންނަމަ ފުރަތަމަ ވެސް ބުނާނީ އަމިއްލަ ނަފުސަށް، ހަށިގަނޑަށް ތިއަ އަނިޔާ ކުރަނީ އަމިއްލައަށެވެ! އަމިއްލަ ހަށިގަނޑަށް އަމިއްލައަށް އަނިޔާ ލިބިގަތުން އަވަހަށް ހުއްޓައިލާށެވެ! ތިބާ ތިބާގެ ހަށިގަނޑާއިމެދު އަމަލު ތިއަކުރަނީ އިންޞާފަކުން ނޫނެވެ. މިމޭރުމުން އޭނާއަށް އޭނާގެ ކުށް ވިސްނައިދެވިއްޖެނަމަ ވަރަށް ރަނގަޅުވާނެއެވެ. މިފަދަ ވާހަކަތައް ބުނެނުދީ، ވިސްނައި ނުދީ ހަމަ ފުރަތަމަވެސް ތިއަ ކުރަނީ ﷲ ތަޢާލާ ޙަރާމް ކުރެއްވި ކަންކަން ކަމަށް ބުނެފިނަމަ ގިނަ ފަހަރު އަޑުވެސް ނުއަހާނެތީއެވެ.

އަހަރެންގެ ކުރިމަތީގައި ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވެ ހެޔޮ އަމަލުތައް ނުކުރާ މީހާގެ މިސާލަކީ ނުކައިހުރެ އަމިއްލައަށް އަމިއްލަ ހަށިގަނޑަށް ގެއްލުންދޭ މީހާގެ މިސާލެވެ. އަމިއްލައަށް ނުކައި ހުރެ އެނާ އެގެންދަނީ އޭނާގެ ހަށިގަނޑަށް އަނިޔާކުރަމުންނެވެ. ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވެ ހެޔޮ އަމަލުތައް ނުކުރާ މީހާ އެގެންދަނީ އަމިއްލައަށް ދެ ދުނިޔޭގައި އަނިޔާ ލިބިގަންނަމުންނެވެ.

އެކަމުގެ މިސާލެއްވެސް ބުނެދީފާނަމެވެ. ކިތަންމެ ބާރު ގަދަ އަދި ބުންވަރު ގަދަ މީހާވެސް ހުންނާނީ މީހަކު އެމީހަކަށް ދީފާނެ ގެއްލުމަކަށް އަބަދުވެސް ބިރުންނެވެ! ނަމަވެސް ފުރިހަމަ ގޮތުގައި އީމާންވެގެން ހުންނަ މީހަކު އެފަދަ އެއްވެސް ބިރެއް ނުގަންނާނެއެވެ. އަބަދުވެސް ހުންނާނީ ހިތްހަމަ ޖެހިގެންނެވެ. އީމާންތެރިޔާގެ ހިތް އަބަދުވެސް ހުންނާނީ ފުރިފައެވެ. ކޮންމެ ފަދަ މުސާބާތެއް ޖެހުނު ނަމަވެސް އެފަދަ މީހާ ބުނާނީ "ﷲ ތަޢާލާ ތިމްނާއަށް ފުދި އިތުރުވެއެވެ."

ކުފުރާއި ޝިރުކުގެ އަމަލުކުރާ މީހުންނަކީ އަމިއްލައަށް އަނިޔާ ލިބިގަންނަ ބައެކެވެ. އަދި އެމީހުންނަކީ އެންމެ ބޮޑެތި އަނިޔާވެރިންނެވެ. ބޭ އިންޞާފުން އެންމެ ބޮޑަށް ކަންތައްތައްކުރާ މީހުންނެވެ.

ﷲ ތަޢާލާ ވަޙީކުރައްވަވައި އަންގަވާފައިވަނީ އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ތިމަން ﷲ އަށް ކަމަށެވެ. އެންމެހައި މީސްތަކުންވެސް ހިމެނޭ ގޮތަށް އެންމެހައި މަޚްލޫޤުން އުފެއްދެވީ ތިމަން ﷲ ކަމަށެވެ. ރަޙްމަތާއި އަދި ކޯފާ ފޮނުއްވަވަނީ ވެސް ހަމަ ތިމަން ﷲ ކަމަށެވެ.

ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅުތައް ޤަބޫލުކޮށް ﷲ ތަޢާލާއަށް ސަޖިދަ ކުރަން ބޭނުންނުވާ މީހާ މިއިން ހަމަ އެންމެ ކަމެއްވެސް އަމިއްލައަށް ކޮށްބަލާށެވެ! "ﷲ ތަޢާލާގެ އިރާދަފުޅާއި ނުލައި އާނ މިރެއަކީ އަނބިމީހާ އާއި ދަރިއަކު ހަވާލުކުރާ ރޭ ކަމަށް މީސްތަކުންގެ ކުރިމަތީގައި އިއުލާނުކޮށްފައި ނިކަން އެވަރުކަމެއްވެސް ކޮށްލަބަލާށެވެ! ނޫންނަމަ ތިބާ އެންމެ ލޯބިވާ މީހެއްގެ ފުރާނަ ގެންދެވުމުން ނިކަން އަލުން އެންމެ ހިނދުކޮޅަކަށް ނަމަވެސް ފުރާނަ ބަލާށެވެ! ނޫނީ ތިއަ ވަރުގަދަ މީހާ، ﷲ ތަޢާލާގެ އެންގެވުންތަކަށް ގޮންޖަހާމީހާ މަރުވީމާ ނޫން އަދި މަރެއް ނުވަމޭ ބުނެ ނިކަން ތެދުވެބަލާށެވެ!"

ވީމާ ﷲ ތަޢާލާޢަށް ފުރިހަމަ ގޮތުގައި އީމާން ނުވާ ކޮންމެ މީހަކީ ދޮގުވެރިއެކެވެ. އަމިއްލަ ނަފުސަށް އަނިޔާވެރިއެކެވެ. އަދި އެއީ ދުނިޔޭގައި އެންމެ ބަލިކަށި މީހާއެވެ.

__އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން