ޝައްވާލް މަހުގެ ހަރޯދަ ހިފުމަކުން ނުފުދެއެވެ. ސުންނަތް ރޯދަ ހިފުން ގިނަކުރަން ޖެހެއެވެ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 12ސ
ޝައްވާލް މަހުގެ ހަރޯދަ ހިފުމަކުން ނުފުދެއެވެ. ސުންނަތް ރޯދަ ހިފުން ގިނަކުރަން ޖެހެއެވެ.

ބައެއް މީހުން ދެކޭ ގޮތުގައި ރަމަޟާން މަހާއި ޝައްވާލްމަހުން ހަރޯދަ ހިފުމުން ނުވަތަ އިތުރަށް ޢަރަފާތު ދުވަހާއި އާޝޫރާ ދުވަހު ރޯދަހިފުމުން އެއޮތީ ނިމިފައެވެ. ނަމަވެސް ސުންނަތް ރޯދަހިފުމަކީ އެހާ ފަސޭހައިން ނިންމައިލެވެން އޮތްކަމެއް ނޫނެވެ. ވީހައި ގިނައިން ސުންނަތް ރޯދަހިފަން އެބަޖެހެއެވެ. ހަނދުމަހުގެ 13، 14، 15 3 ދުވަހާއި އަދި ހޯމް ބުރާސްފަތީގައިވެސް ރޯދަހިފަން އެބަ ޖެހެއެވެ. 

މިބަޔާންކުރާ ޙަދީޘްފުޅަށް ބަލާށެވެ! 

وَعَنْ أَبِي سَعِيدٍ اَلْخُدْرِيِّ -رَضِيَ اللَّهُ عَنْهُ- قَالَ: قَالَ رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ (( مَا مِنْ عَبْدٍ يَصُومُ يَوْمًا فِي سَبِيلِ اَللَّهِ إِلَّا بَاعَدَ اَللَّهُ بِذَلِكَ اَلْيَوْمِ عَنْ وَجْهِهِ اَلنَّارَ سَبْعِينَ خَرِيفًا ))  مُتَّفَقٌ عَلَيْه، وَاللَّفْظُ لِمُسْلِمٍ .

أَبُو سَعِيدٍ الْخُدْرِيِّ -رَضِيَ اللَّهُ عَنْهُ- ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ ޙަދީޘްކުރެއްވިއެވެ. 

{ (اللَّه ގެ އަޅުތަކުންގެ ތެރެއިން) އެއްވެސް އަޅަކު، اللَّه ގެ މަގުގައި ރޯދައެއް ހިފައިފި ކަމުގައިވާނަމަ، އެ ރޯދައަށްޓަކައި އޭނާގެ މޫނު ނަރަކައާއި ހަތްދިހަ އަހަރުގެ ރާސްތާއަށް ދުރު ކުރެވޭ ހާލު މެނުވީ އޭނާ އެރޯދަ ނުހިފައެވެ.}

مُتَّفَقٌ عَلَيْهِ (އެބަހީ: މިއީ الإِمَامُ البُخَارِي އަދި الِإمَامُ مُسْلِم ސައްޙަކަމަށް އިއްތިފާޤުވެ ވަޑައިގަންފައިވާ ހަދީޘެކެވެ.)

މިއީ الِإمَامُ مُسْلِم ގެންނަވާފައިވާ ލަފްޒެވެ.

ލިބެން އޮތް މިމަތިވެރި ނިޢްމަތް ދޫކޮށްލަން ހެޔޮވެދާނެހެއްޔެވެ؟ ޤިޔާމަތް ދުވަހު އުޅެންޖެހޭނެ ޙާލު އެއްވެސް މީހަކަށް ނުއެނގޭނެއެވެ. ތިމާގެ ތިލަފަތް ބަރުވާނީ ކޮންކޮޅަކަށްކަން އެއީ އެނގޭނެ ކަމެއް ނޫނެވެ. އެކަން އެނގޭނީ ހަމަ އެކަމުގެ ވަގުތުގައެވެ. 

ތިމާއަކީ ނަރަކައަށް ވަންނަން ޖެހޭނެ މީހަކުކަން އެނގުމުން ދެން އެކަމަސް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ކިތަންމެ ބޭނުން ނުވި ނަމަވެސް ޖެހޭނީ ހަަމ ނަރަކައަށް ވަންނާށެވެ! ސަލާމަތްކަން ހޯދޭނީ ދުނިޔޭގައި ހުންނަން ލިބޭ ދުވަސްކޮޅު އެކަމަށް މަސައްކަތްކޮށްފިނަމައެވެ. 

ވީމާ މިގޮތަށް ވިސްނައިލާށެވެ. ކޮންމެ މަހެއްގައި 4 ހަފްތާވެއެވެ. ވީމާ 4 ހޯމަ އާއި 4 ބުރާސްފަތިވެއެވެ. އެއީ 8 ދުވަހެވެ. ރޯދަ ހިފައިފިނަމަ 8 ރޯދައެވެ. ނަތީޖާއަކަށްވާނީ 560 އަހަރުގެ ރާސްތާއަށް އެމީހާ ނަރަކައާއި ދުރުކުރެއްވެވުމެވެ. 13، 14، 15 ގައި ހިފައިފިނަމަ އިތުރު 3 ރޯދަ ހފުނީއެވެ. މަހަކު 11 ރޯދަ ހިފުނީއެވެ. ކޮންމެ މަހަކަށް އެއިރުން 770 އަހަރުގެ ރާސްތާއަށް އެމީހަކު ނަރަކަޢާއި ދުރުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ 

ދެން ނިކަން މިބުނެބަލާށެވެ. ސުންނަތް ރޯދަ ހިފުން މަދުކޮށްގެންވާން އެބައޮތް ހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން