ތިމާއަކީ ކޮޅަށް ހުރެވޭ މީހަކު ނަމަ ފަރުޟު ނަމާދުކުރަންޖެހޭނީ ކޮޅަށް ހުރެގެންނެވެ. އަދި ސަފުގައި ޖާގަ އޮތްނަމަ ސަފަށް އަރަން ޖެހޭނެއެވެ. ސަޖިދައަށް ތިރިވުމުގެ ކުޅަދާނަކަން ލިބިގެންވާނަމަ ސަޖިދަކުރަން ޖެހޭނީ 7 ގުނަވަން މަތީގައި ނިތްކުރި ބިމުގައި ނުވަތަ ތަޅުމުގައި ޖައްސައިގެންނެވެ.
މިސްކިތުގައި ގޮނޑީގައި ތިބެގެން ނަމާދުނުކުރަނީ ޞިއްޙީ ކޮންމެވެސް މައްސަލައެއް ހުރެގެން ކޮޅަށް ނުތިބެވޭ މީހުންނެވެ. ރުކޫޢު، ސުޖޫދު ނުކުރެވޭނަމަ ރަކްއަތުގައި ކޮޅަށްހުރެފައި ރުކޫޢު ސުޖޫދު ގޮނޑީގައި އިނދެގެން ކުރާނީއެވެ.
ލިޔުމުގައިވާ ޓްވީޓުން ސައިކަލްމަތީގައި ނަމާދުކުރާތަން ފެންނަ ޒުވާނާ އެގޮތަށް ނަމާދުކުރަނީ ޝިއްޙީ ޢުޒުރެއް އޮވެގެން ކަމަށްވާނަމަ އޭނާގެ ނަމާދު ޞައްހަވާނެއެވެ. ޞިއްޙީ މައްސަލައެއް ނެތި އެގޮތަށް ކުރުމުން ނަމާދުކުރިކަމަކަށް ނުވާނެއެވެ.
އެޒުވާނާ އެގޮތަށް ނަމާދުއެކުރީ ޙުކުމް ނުއެނގޭތީކމަށްވާނަމަ އޮތީ ދަސްކުރުމެވެ. ލަފާކުރެވޭގޮތުން އެއީ މިދިއަ ހުކުރު ނަމާދެވެ. ނަމާދުކުރިއިރު ކޮންމެވެސް ވަރަކަށް ވާރޭ ވެހެއެވެ. އަދި ވާރޭ ނުވެހުނު ނަމަވެސް ހުކުރަށް ނުގޮސް ގޭގައި ނިދަނ ތިބޭ މީހުންވެސް އުޅެއެވެ. ވާރޭ ވެހެނިކޮށް އެ ޒުވާނާ ހުކުރަށް ދިއަކަން އެއީ އޭނާގެ ހިތުގައި ހުކުރުކުރަން އޮތް ލޯބި އަންގައިދޭ ކަމެކެވެ.
އަދި ޓްވީޓް ކުރިފަރާތުގެ ބޭނުމެއް ކަމަށް ބެލެވެނީވެސް މިފަދަ ކަންކަމަށް ހޭލުންތެރިކުރުވުމެވެ. ވީމާ މިއީ ޖަދަލަކަށް ހަދަންޖެހޭ ކަމެއް ނޫންކަން ފާހަގަކުރެވެއެވެ.