އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބައަކު ސުވަރުގޭގައި ބޭނުންވާ ކަންކަމުގެ ވާހަކަ ދައްކައެވެ. ކަންކަމަށް އެދުމުގެ ވިސްނުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ޤަބޫލުކުރަންވީ ކަމަކީ އިންސާނާގެ ބޭނުންތައް އަބަދުވެސް ދާނީ ބަދަލުވަމުންކަމެވެ. އެއް ކަމަކަށްވުރެ ރަނގަޅު ކަމެއް ފެންނައިރަށް ބޭނުންވާނީ ފަހުން ފެނުނު ރަނގަޅު ކަންތަކެވެ.
ﷲ ތަޢާލާ މުއްސަނދިކަމެއް ދެއްވެވުމުން ގިނަ ބައަކަށް ހީވަނީ އެދެން ހުރިހައި ކަމެއް ފުރިހަމަވީ ކަމަށެވެ. ފަޤީރުން އެމީހުންގެ ބޭނުންތައް ނުފުއްދިގެން އެހީއަށް އެދުމުން އެމީހުންނަށް ހީވަނީ ތިމަންނަމެން މިތިބީ މާމަތީގައި ކަމަށެވެ. ނަމަވެސް ހަޤީޤަތަކީ އެއީއެއް ނޫނެވެ. މުއްސަނދިން ދަހިވެތިވެ ތަލިން ކުޅު ހިކިފައި ތިއްބައި ފަޤީރުން ކުރިއަރައިދާނެ ދުވަސް އޮތީ ދާދިގާތުގައެވެ.
ނައިޖީރިއާއިން އަހަރެންނަށް ދެވުނު އެއް އަވަށަކީ އިންތިހާއަށް ފަޤީރު މީހުން ދިރިއުޅޭ އަވަށެކެވެ. ނަމަވެސް އެނގޭ ހެއްޔެވެ؟ ފަތިސް ނަމާދަށް ބަންގި ގޮވާއިރު އަވަށުގެ ކުދި ބޮޑު އެންމެން ތިބެނީ މިސްކިތުގައެވެ. މީހަކު މަދުވާނަމަ އެމީހާއަށް ވީގޮތެއް ބަލަން ވެސް މީހުން ދެއެވެ. ފަރުޟު 5 ނަމާދު ނުކުރާ މުސްލިމުން އުޅޭކަމެއް އެމީހުން ނުދަނެއެވެ.
ދެން އަހަރެމެންގެ ހާލަތަށް ބަލައިލަމާހެއްޔެވެ؟ ތަނަވަސްކަމެއް ﷲ ތަޢާލާ ދެއްވަވައިގެން ފިހާރައެއް ހުޅުވިއްޖަނަމަ ރޭގަނޑު މެންދަން ވެގެން ދިއަ ނަމަވެސް ފިހާރަ ބަންދުކުރުގެ އެއްވެސް ޝައުޤުވެރިކަމެއް ނުހުރެއެވެ. ޖީބުގައި ޑޮލަރެއް އޮތް ނަމަ ރޭގަނޑު މެންދަން ވެގެންދާއިރުވެސް ކޮފީ މޭޒުތަކާއި ރެސްޓޯރަންޓުތަކުން ނުކުމެވޭ ކަމަކަށް ވެސް ނުވެއެވެ. ނަތީޖާއަކީ ފަތިސްވާކަން ނުއެނގުމެވެ. އެމީހުންނަށް އެނގެނީ މެންދަންވާ ކަމާއި ހެނދުނުވާ ކަމެވެ. ފަތިސްވެ އިރުއެރިކަން ނުއެނގި އެނގެނީ އިރު އަރައި ހޫނުވެއްޖެ ކަމަވެ.
ދެން ނިކަން ބުނެބަލާށެވެ! ކުރިން ސުވަރުގެ ވަންނާނީ ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންވެ ފަތިހު ހޭލައި ޖަމާއަތުގެ ފަތިސް ނަމާދުން ދުވަސް ފެށި މީހުން ހެއްޔެވެ؟ ނޫނީ ﷲ ތަޢާލާގެ އެންގެވުމަށް ގޮންޖަހައި ނިދާފައި ތިބި މީހުން ހެއްޔެވެ؟
ﷲ ތައާލާ އެންމެ މާތް ކުރެއްވެވި އަހަރެމެންގެ ލޮބުވެތި ސާހިބާ މުޙައްމަދު (ޞޢވ) ދެއްވަވާފައިވާ އެންމެ މަތިވެރި އރުޝާދުތަކުގެ ތެރެއިން އެއް އިރުޝާދަކީ ކުރާ ކޮންމެ ކަމެއްވެސް އެމީހަކަށް ކުރެވޭ އެންމެ ފުރިހަމައަށް ކުރުމަށް ދެއްވަވާފައިވާ އިރުޝާދެވެ. އެކަމެއް ކޮށް ނިންމައިލެވުމުން އެން ކުރެވުނު ކަމުގެ ހިތްހަމަޖެހުން ލިބޭ މިންވަރަށް ކޮންމެ ކަމެއްވެސް ކުރުމަށް ދެއްވަވާފައިވާ އިރުޝާދެވެ.
ނަމަވެސް ހިތާމައަކީ މިއަދު ދުނިޔެއަށް ބެލި ނަމަވެސް އެންމެ ފަރުވާ ކުޑަކޮށް ކަންކަން ކުރާ ބައަކަށް މުސްލިމުން ވެފައިވާ ކަމެވެ. ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް މިއީ މިއަދު އެކން އޮތް ގޮތެވެ. މުސްލިމުންގެ ތެރެއިން އެމީހަކު ކުރާ ކަންކަން އެންމެ ފުރިހަމައަށް ކުރަން މަސައްކަތްކުރަނީ މަދު މީހެކެވެ.
ޚާއްޞަކޮށް ޢަރަބިންގެ ކިބައިގައި މި ނިކަމެތި ސިފަ ވަނީ ވަރަށް ބޮޑަށް އަށަގެންފައެވެ. އެހެންކަމުން ކުރާ ކަންކަމުގައި މީސްތަކުންގެ އިތުބާރު ދަނީ ގެއްލެމުންނެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ކޮންމެހެން އިޞްލާޙްކުރަން ޖެހިފައިވާ ކަމެކެވެ.
--މުފްތީ މެންކުގެ ދަރުސަކުން