ނިކަން ސަމާލުކަން ދީބަލަ! ހުއްދަ ނެތި ސިއްރުން ގޭތެރެއަށް ބަލަނިކޮށް ލޯމަތީގަ އެއްޗަކުން ޖަހާފަޅާލުން ހުއްދަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 27ސ
ނިކަން ސަމާލުކަން ދީބަލަ! ހުއްދަ ނެތި ސިއްރުން ގޭތެރެއަށް ބަލަނިކޮށް ލޯމަތީގަ އެއްޗަކުން ޖަހާފަޅާލުން ހުއްދަ!

ގެއަކަށްވަންނަމަވެސް ބަލލަން ހުއްދަވެގެންވަނީ އެގެއެއްގެ އަހުލުވެރިން ދެއްކި މިންވަރަކަށެވެ. އިތުރު ތަންތަން ބެލުމާއި ސިއްރުން ބެލުން ހުއްދަވެގެނެއް ނުވެއެވެ. އަދި ގެއެއްގެ ދޮރުމަތީގައި ހުރެގެން ނުވަތަ އެނޫންވެސް ގޮތަކުން ގޭތެރެއަށް ބެލުންވެސް ހުއްދަވެގެނެއް ނުވެއެވެ. އެފަދަ ކުރާ ޟިހާއަށް އޮތް އަދަބުވެސް ބޮޑެވެ.

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!

އިސްލާމްދީނަކީ ރިވެތި އަޚްލާޤްގެ ދީނެވެ. ރަސޫލު ﷲ صلى الله عليه وسلم ވަނީ ރިވެތި އަޚްލާޤުގެ ލާމަސީލު ނަމޫނާއެއް ދައްކަވައިދީފައެވެ. އެކަލޭގެފާނުގެ ސިޔަރަތުގައިވާ ކޮންމެ ޢަމަލަކީ އަދި ކޮންމެ ބަސްފުޅަކީ އެންމެހާ މީސްތަކުންނަށްޓަކައިވާ ދަރުސްތަކެކެވެ. މިގޮތުން ދިރިއުޅުމުގެ އެންމެހާ ކަންކަމުގައިވެސް އެކަލޭގެފާނުވަނީ އަޅުގަނޑުމެންނަށް އިރުޝާދުދެއްވާފައެވެ.

އެކަލޭގެފާނު ނުހަނު އަހަންމިއްޔަތުކަމެއްދެއްވާ އުނގަންނަވާދެއްވިކަމެއް އަޅުގަނޑެމެންގެ މުޖުތަމަޢުގައި ހަނދާންނެތެމުން ދާކަން ފާހަގެކުރެވެއެވެ. އެއީ ގޯތިގެދޮރުގެ ޙުރުމަތްތެރިކަން ހިފެހެއްޓުމެވެ. ގެތަކަށް ވަނުމުގެ އަދަބާއި ބެހޭ ގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿ فَإِن لَّمْ تَجِدُوا فِيهَا أَحَدًا فَلَا تَدْخُلُوهَا حَتَّىٰ يُؤْذَنَ لَكُمْ … ﴾ (سورة النور ٢٨)

މާނައީ: "ފަހެ، އެ ގެތަކުން ތިޔަބައިމީހުންނަށް އެކަކުވެސް ނުފެނުނުނަމަ، ތިޔަބައިމީހުންނަށް އިޛުނަ ލިބެންދެން ތިޔަބައިމީހުން އެ ގެތަކަށް ނުވަންނާށެވެ…."

އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.

﴿ قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ذَٰلِكَ أَزْكَىٰ لَهُمْ إِنَّ اللَّـهَ خَبِيرٌ بِمَا يَصْنَعُونَ (٣٠) وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ … ﴾ (سورة النور ٣٠ ، ٣١)

މާނައީ: " މުއުމިން ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ. އެގޮތް އެއުރެންނަށްޓަކައި، ޠާހިރުކަން ބޮޑެވެ. ހަމަކަށަވަރުން، ﷲ އީ، އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި މުއުމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! …"

ހުއްދަ ނެތި މީސްމީހުންގެ ގޯތިގެދޮރުގެ ތެރެއަށް ކަޅިއެއްލާ ބެލުމާއި އެތާތެރޭގެ ޙަޤީޤަތްތައް ހޯދުމަށް ފާރަވެރިވުމަކީ އިސްލާމްދީނުގެ ސުލޫކީ މިންގަނޑުން ބޭރުކަމެކެވެ. މުސްލިމުންނަށް ފާރަލާ ޖާސޫސްކުރުމަކީވެސް ހަމަ އެފަދަކަމެކެވެ.

‘އެގެއެއްގެ އަހުލުވެރިންގެ ހުއްދަނެތި އެގެއެއްގެ ތެރެއަށް ބެލުންވަނީ ނަހީކުރެވިގެންނެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "… ތިބާގެ ހުއްދަނެތްޙާލުގައި މީހަކު ތިބާގެ ގޭގެތެރެއަށް ބޯދިއްކޮށް ބެލުމުން، ތިބާ އެއްލި ގާކޮޅަކުން އެމީހާގެ ލޯމަތިފެޅުނުނަމަ، ތިބާގެ މައްޗަށް އެކަމުގެ ފާފައެއްނުވެއެވެ.” [أخرجه البخاري / كتاب: الديات / باب: من أخذ حقه… / رقم الحديث: ٦٨٨٨]

ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ބަޔަކުމީހުންގެ ގޯތިތެރެއަށް މީހަކު ހުއްދަ ނެތި ސިއްރުން ބަލަނިކޮށް، ފަހެ (އެއްޗެއް އެއްލާ) އޭނާގެ ލޯމަތިފަޅާލިނަމަވެސް، އެލޮލަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމެއްވެސް އަދި ޤިޞާޞް ހިފުމެއްވެސްނެތެވެ." [أخرجه أبو داود / كتاب: الأدب / باب: في الإستئذان / رقم الحديث: ٥١٧٢ وصححه الألباني في الإرواء ٢٢٢٧]‘1

މިހަދީޘުން ހިތްވަރުމިދެވެނީ އެފަދައިން ކަންކަންކުރާމީހުންގެ ލޮލަށް ހަމަލާދިނުމަކަމަށް ނޫނެވެ. ނަމަވެސް އެފަދަ ކަންކަންކުރާމީހުންނަށް އެކަމުގެ ނުބައިކަން ބަޔާންކޮށްދީ، އެފަދަ ޙާދިޘާއެއް މެދުވެރިވި ނަމަވެސް އެބެލިމީހާއަށް ލިބޭނޭ ދެރަނިކަމެތިކަން ބަޔާންކޮށްދިނުމެވެ.

‘މީހަކު ދޮރުކައިރިއަށް އައީ ހުއްދަހޯދުމަށްކަމުގައިވިޔަސް، ދޮރު ހުޅުވުމުންވެސް އެތެރެއަށް ބަލައިގެން ނުވާނެއެވެ. ސަޢުދު ބިން އަބީ ވައްޤާސް رضي الله عنه ވަޑައިގެން ނަބިއްޔާ صلى الله عليه وسلم ގެ ދޮރުކުރިމަތީ ، ދޮރާކުރިމަތިލާ ހުންނެވުމުން ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. "މިފަރާތުގައި އެހެންނޫނީ އެފަރާތުގައެވެ. (ދޮރާއި ދުރުގަ ހުންނަވާށެވެ.) ފަހެ ހުއްދަ ހޯދަނީ ބެލުމުން ރައްކާތެރިވުމަށެވެ." [أخرجه أبو داود / كتاب: الأدب / باب: في الإستئذان / رقم الحديث: ٥١٧٤ وصححه الألباني في التعليق الرغيب]‘2

އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމަޢުގައި މިފަދަ ރިވެތި ސިފަތަކަށް ފުރިހަމައަށް ޢަމަލުކުރަން އަވަސްވެގަންނަމާ ހިނގާށެވެ. އަޅުގަނޑުމެންގެ ރާއްޖޭގެ ގެތަށް ފިތިބާރުކޮށް ހުރުމުން މިފަދަ ކަންކަމަށް ރިޢާޔަތްކުރުން ނުހަނު މުހިއްމެވެ. އެއްގެއެއްގެ ބަދިގެއިން އަނެއްގޭގެ ސިޓިންގެ ރޫމް ފެންނަހާކައިރިކައިރީގައި އުޅުމަށް މިއަދު އަޅުގަނޑުމެންނަށް މިވަނީ ޖެހިފައެވެ. ޖެހިގެން ހުރިގޭ ދޮރުފޮތިގަނޑު ކަޝްފުވެފައި ހުރިނަމަވެސް އަދި ދޮރާއި ކުޑަދޮރުހުޅުވިފައި ހުރިނަމަވެސް އަޅުގަނޑުމެން އެގެތަކުގެ އަހުލުވެރީންނަށް އިޙްތިރާމްކޮށް އެބައިމީހުންގެ ޙުރުމަތްތެރިކަމަށް ރައްކާތެރިވާންވާނެއެވެ. ޖާހިލިއްޔަ ޒަމާނުގައި އުޅުން ޢަންތަރާ ބުން ޝައްދާދު އޭ ކިޔުނު މީހަކު ކިޔާއުޅުނު ޅެންބައިތެއްގައިވެއެވެ.

وَأَغُضُّ طَرْفَيَّ مَا بَدَتْ لِيْ جَارَتِي . . . حَتَّى يُوَارِيْ جَارَتِيْ مَأْوَاهَا 3

މާނައީ: "އަދި އަހަރެންގެ އަންހެން އަވަށްޓެރިޔާ ފާޅުވުމުން އަހަރެން ދެލޯމަރަމެވެ. އެއީ އޭނާ އޭނާގެ ގޯތިތެރެ ނިވާކޮށްފުމަށް ދާންދެނެވެ."

އެހެންކަމުން އަޅުގަނޑުމެންނީ މުސްލިމުންކަމުގައި ވީހިނދު އިސްލާމީ ރިވެތި އަޚްލާޤު އުނގެނި، އަޅުގަނޑުމެންގެ ދަރިން އެގޮތުގެ މަތިން ތަރުބިއްޔަތުކުރުމަކީ އެންމެހާ ބެލެނިވެރިންގެ މައްޗަށް އޮތް ވާޖިބެކެވެ.

___________________________________________

[1] [2] އިންވިޓޭޝަން ޓު އިސްލާމް އިން ޗާޕްކޮށްފައިވާ (އެޑްވައިސް އޮން އެސްޓެބްލިޝިން އެން އިސްލާމިކް ހޯމް…) އެފޮތުން ނަގާފައި

[3] ديوان عنترة بن شداد

 

--އަލްއުޚުތު އުންމި ޢަބްދިﷲ

މިއަދު އޮންލައިން