ތިބާގެ ކައިވެންޏަށް އެދިގެން ޞާލިޙް އަޅަކު އަތުވެއްޖެނަމަ ކަންކަން ވަރަށް ރަނގަޅަށް ބަލައި ދޫކޮށްލަން ޖެހޭކަން ޔަޤީން ނުކޮށް ދޫކޮށްނުލާށެވެ! އެފަދަ ފުރުޞަތެއް ދެން ނުލިބިދާނެއެވެ. "ތިމަން ﷲ ތިބާއަށް އެންމެ ރަނގަޅު ފުރުޞަތު ދެއްވެވީމެވެ. ތިބާ ބޭނުން ނުކުރީއެވެ!" ﷲ ތަޢާލާ ވަޙީކުރައްވަވައިފާނެ އަޅަކަށް ނުވާށެވެ.
ހަމައެފަދައިން ބައިންބަފައިންވެސް ދަރިންގެ ކަންކަން ނިންމަންޖެހޭނީ އެމީހުން އެންމެ ބޭނުންވާ ގޮތަކަށް ނޫނެވެ. ދަރިންނަށް އުފާވެރިކަންލިބޭނެ ގޮތަށެވެ. އަަހރެންނަށް އެނގޭ ވާހަކައެއް ބުނެލާނަމެވެ. ކައިވެންޏަށް އެދި ވަރަށް ރަނގަޅު ޒުވާނަކު ދިއުމުން މައިންބަފައިން އެކަމަސް ހުރަސްއެޅިއެވެ. އެކައިވެނި ނުކުރެވުމުން އެޒުވާނާ އެހެން އަނހެނަކާއި ކައިވެނިކޮށް ދަނީ ވަރަށް އުފަލުގައި ދިރިއުޅެމުންނެވެ. ނަމަވެސް އެއަނހެންކުއްޖާ ދެތިން ކައިވެނިކުރުމުންވެސް ވަނީ އުފާވެރި ދިރިއުޅުމެއް ނުލިބިފައެވެ. ކުރިން މިބުނި ފަދައިން ލިބުނު ފުރުޞަތުގެ ބޭނުން ނުކުރެވުމުން އަންހެން ކުއްޖާގެ ޢާއިލާއިން މިހާރު ދަނީ ހިތާމަކުރަމުންނެވެ.
ކައިވެންޏަށް އެދިގެން އަތުވެއްޖެނަމަ ބަލަންޖެހޭނީ އަމިއްލަވިސްނުމަކުން ނޫނެވެ. ބައިވެރިޔާގެ ކިބައިގައި ހުރުމަށް ރަސޫލް ޙަދީޘްފުޅު ކުރައްވަވާފައިވާ ސިފަތައް ހަމައަށް ހުރިނަމަ އެކައިވެނި އަވަހަށް ކޮށްދޭށެވެ. ދީންވެރިކަން، ތަްްވާވެރިކަން، ރިވެތި އަޚްލާޤް ހުރިނަމަ އެކައިވެންޏަށް ދެކޮޅު ނުހަދާށެވެ. ދެންހުރި ކަންކަން އެއިރުން ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތެވެ.
މިހާރަކަށް އައިސް ކައިވެނީގެ ފުރުޞަތުތައް ވަރަށް ގިނަ ގޮތްގޮތުން ލިބެއެވެ. ޢާއިލާއިން ކައިވެނި ހަމަޖެއްސުމަކީވެސް ގޯސްގޮތެއް ނޫނެވެ. ނަމަވެސް ނުކުތާއަކީ ކައިވެނީގެކުރިން ދެމީހުން (ދީނުގައިވާ މަގުން) ބައްދަލުވާންވާނެއެވެ. ދެމީހުން ވާހަކަދައްކައި ދެމީހުންނަށް އެކުގައި އުލެވިދާނެކަމަށް ޤަބޫލުކުރެވެންވާނެއެވެ.
ހަމައެގޮތަށް މަސައްކަތުގެ މާހައުލުން ބައްދަލުވެގެންނަމަވެސް އުނގެނުމުގެ ދުވަސްވަރު ކޮލެޖުން ބައްދަލުވެގެން ނަމަވެސް ގުޅުން އުފެދިދާނެއެވެ. ގުޅުން އުފެދިއްޖެނަމަ އިތުރަށް ގެންދިއުމުގެކުރިން ދެމީހުންނަކީ އެކުގައި ދިރިއުޅެވޭނެ ދެމީހުންކަން ޔަޤީންކުރަންވާނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން