ކާމިޔާބު ދިރިއުޅުމަކަށްޓަކައި ކައިވެނިކުރަންވީ ކޮންވަގުތަކު ނުވަތަ ކޮން އުމުރެއްގައިތޯ ވަރަށް ގިނަ މީހުން ސުވާލުކުރެއެވެ. އަހުރެންގެ ޖަވާބަކީ ކައިވެނިކުރެވޭ ޙާލަތުގައި ހުރިނަމަ އެއޮތީ ކައިވެނިކުރަންވީ ވަގުތު ޖެހިފައެވެ.
ކިޔަވައި ނިމުން، ނުވަތަ ބޮޑު ތަނަވަސްކަމެއް ލިބުމުން ކައިވެނިކުރާކަށް އެއްވެސް ޙަދީޘްފުޅެއްގައި ނެތެވެ. އަދި ކީއްހެއްޔެވެ؟ ޒުވާން އުމުރުގައި އެކުގައި (ކައިވެނިކޮށް) ދިރިއުޅެން ފެށުމަކީ އެކަކު އަނެކެއްގެ މައްޗަށް ލޯބި އިތުރުވާކަމެކެވެ. ގިނަ ބައަކާއި ލޯބިވެފައި ކައިވެނިކުރުމުން ގިނަ ފަހަރު އޮންނަނީ ލޯބިވާންވީ މީހާ އޮޅިފައެވެ. ބައިވެރިޔާދެކެ ވާންޖެހޭ ލޯބި ނުވެވިފައެވެ.
ޒަވާޖީ ހަޔާތަށް މިއަދު ކުރިމަތިވަމުންދާ އެންމެ ބޮޑު ޒަލްޒަލާއަކީ ތަނަވަސްކަން ފަހަތުން ދުވެވޭކަމެވެ. އެއީ އިސްލާމް ދީނުގައި ކައިވެނިކުރަން އޮތް ގޮތެއް ނޫނެވެ. ތިބާ އާއި ކައިވެނިކުރަން އެދުނު މީހާގެ ޖީބުގައި ފައިސާތަކެއް ނެތި ހިނގައިދާނެއެވެ. އެއީ ސަބަބެއްކަމަށް ބަލައި ކައިވެނިކުރަން ފަސްޖެހެން ބިރުވެތިވާށެވެ! އޭނާއަކީ ތަޤްވާވެރިއެއްނަމަ އޭނާއަކީ ﷲ ތަޢާލާގެ މިތުރަކަށްވެދާނެއެވެ. އެހެން އެކަން މެދުވެރިވުމުން ތިބާ އޭނާގެ ކައިވެންޏަށް ދެކޮޅު ހަދައިފިނަމަ ދެން ތިބާއަށް ރަނގަޅު ބައިވެރިއަކު ނުލިބިވެސްދާނެއެވެ. މިހިރީ ހަމަ ވިސްނަންޖެހޭނެ ކަންކަމެވެ.
މައިންބަފައިންނޭވެ! ތިބާގެ ދަރިފުޅުގެ ކައިވެންޏަށް އެދިގެން ޞާލިޙް އަޅަކު އައުމުން ކައިވެނިކޮށްނނުދޭން ބަހަނާއަކަށް ދަރިފުޅު އަދި މާހަގުކަމަށް ނުބުނާށެވެ! ތިބާ ދަރިފުޅު ގެންގުޅެނީ އަލަމާރިއެއްގައި ތަޅުލައިގެން ނަމަވެސް ތިބާގެ ދަރިފުޅުގެ އަތުގައި ސްމާޓް ފޯނެއް އޮތްނަމަ އޭނާގެ އުމުރު މުޅި ދުނިޔެއަށް މިއަދު އެނގޭނެއެވެ. އަދި ތިބާ އެދައްކަނީ ބަހަނާކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
ވީމާ އެފަދަ ޖަވާބެއް ދިނުމުގެ ކުރިން ދަރިން ގާތު އަހަންވެސް ވާނެއެވެ. ކައިވެންޏަށް ދަރިފުޅު އަމިއްލަ ހިތުން އިންކާރުކޮށްފިނަމަ އެކަން ވާނީ ތަފާތުކަމަކަށެވެ. ޞާލިޙް އަޅެއްގެ ކައިވެންޏަށް އިންކާރުކުރުމުގެ ޙައްޤު ދަރިންނަށް ދޫކޮށްލާށެވެ.
- މުފްތީ މުންކުގެ ދަރުސަކުން