ފަތިސް ނަމާދާ ޢަޞްރު ނަމާދުގެ އިތުރުން ﷲ ތަޢާލާއަށް އޮތް ތިބާގެ ހިތުގެ ލޯބިން ތިބާގެ ވާހަކަ އެކަލާނގެ ޙަޟްރަތައް ވަގުތުން އުފުލުން ކީއްހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 47ސ
ފަތިސް ނަމާދާ ޢަޞްރު ނަމާދުގެ އިތުރުން ﷲ ތަޢާލާއަށް އޮތް ތިބާގެ ހިތުގެ ލޯބިން ތިބާގެ ވާހަކަ އެކަލާނގެ ޙަޟްރަތައް ވަގުތުން އުފުލުން ކީއްހެއްޔެވެ؟

ފަރުޟު 5 ނަމާދުގެ ތެރެއިން ފަތިސް ނަމާދާއި ޢަޞްރު ނަމާދުގެ ވަގުތަކީ ތިބާ އާއިއެކުގައިވާ މަލާއިކަތުންގެ ޑިޔުޓީ ބަދަލުވެގެންދާގަޑިއެވެ. އެއް ޝިފްޓް ނިމި އަނެއް ޝިފްޓް ފެށޭވަގުތެވެ. 

ކޮންމެ ޝިފްޓެއް ނިންމަވާފައިވެސް މަލާއިކަތުން އެނބުރި ﷲ ތަޢާލާގެ ޙަޟްރަތަށް ވަޑައިގެން އެ މަލާއިކަތުން އެމީހަކާއިއެކުގައި ވެވަޑައިގެންނެވި މީހާގެ ވާހަކައިން ﷲ ތަޢާލާއަށް ޚަބަރު ދަންނަވަތެވެ. ވީމާ ފަތިސްނަމާދާއި ޢަޞްރު ނަމާދު ޖަމާޢަތުގައި ކުރަންހުރިނަމަ ތިބާއަށް އެހުރެވުނީ އެންމެ މަތީ ޢަމަލުކުރުމުގައެވެ. 

ފަތިސްނަމާދާއި ޢަޞްރު ނަމާދަކީ ފަރުޟު ނަމާދެވެ. ދަރަންޏެވެ. ވީމާ ތިބާ ނަމާދުކުރަން ބޭނުންނުވިނަމަވެސް ނަރަކައިން ސަލާމަތްވާން ބޭނުންނަމަ އޮތީ ނަމާދުކުރުމެވެ. ވީމާ އެހިސާބަކުން އަދި ނުފުދެއެވެ. އަހަރެމެން ކުރާ ހިތުން އަމިއްލައަށް ކުރާ ޢަމަލުތައްވެސް ހަމަ ވަގުތުން އެކަލާނގެ ޙަޟްރަތަށް ފޮނުވައިލުމަކީ ކުރެވެން އޮތް ކަމެކެވެ. 

ގޭގައިވެސް ނުވަތަ މިސްކިތުގައިވެސް  މަޑުކޮށްލައި މި ޙަދީޘްފުޅަށް ޢަމަލުކުރަންވީއެވެ.  

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«وَمَا اجْتَمَعَ قَوْمٌ فِي بَيْتٍ مِنْ بُيُوتِ اللهِ، يَتْلُونَ كِتَابَ اللهِ، وَيَتَدَارَسُونَهُ بَيْنَهُمْ، إِلَّا نَزَلَتْ عَلَيْهِمِ السَّكِينَةُ، وَغَشِيَتْهُمُ الرَّحْمَةُ وَحَفَّتْهُمُ الْمَلَائِكَةُ، وَذَكَرَهُمُ اللهُ فِيمَنْ عِنْدَهُ» 

[رواه مسلم]   

މާނައީ: "އަދި ﷲގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅެއްގައި (އެބަހީ: މިސްކިތެއްގައި) ބަޔަކު އެއްވެ، ﷲގެ ފޮތް ކިޔަވާ އަދި އެބައިމީހުންގެ މެދުގައި އުނގެނި ދަސްކުރާ ބަޔަކު ދަންނައެވެ. އެބައިމީހުންގެ މައްޗަށް މަޑުމޮޅިކަން ބާވައިލައްވާނެއެވެ. އަދި ރަޙްމަތުން ވަށާލެވޭނެއެވެ. އަދި (އެބައިމީހުންނަށް މާތްކޮށް ހިއްތެވުމުގެ ގޮތުން) މަލާއިކަތުން އެބައިމީހުން ވަށައިލައްވާނެވެ. އަދި ﷲ، އެއިލާހުގެ ޙަޟްރަތުގައިވާ މަލާއިކަތުންގެ އަރިހުގައި އެބައިމީހުންގެ (ވާހަކަ) ޛިކުރުކުރައްވާނެއެވެ."

[ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله]

މިއަދު އޮންލައިން