ކުފުރުގެ ބަސްތައް މީހުން ބުނުމުން އެކަން ކުށްވެރިކުރަން ހާމަކުރާ ވާހަކަތަކުގައި ހަމައެ ކުފުރުގެ ބަސް ހަމައެގޮތަށް ހިމަނައެވެ. ލިޔާ ޓްވީޓްތަކަށް އޭނާގެ ޓްވީޓް އެބަ ޓެގްކުރެއެވެ. މިއީ ވިސްނާނުލައި ކުރެވެމުން އަންނަކަމަކަށްވާތީ އިތުރަށް ވިސްނައިލާށެވެ!
ކުފުރުވާ ފަދަ ބަހެއް މީހަކު ބުނުމުން އެބަސް އެގޮތަށް މީހުންގެ ތެރޭގައި ފެތުރުމަކީވެސް ވާނީ ހަމަ ކުފުރުގެ އަމަލަކަށެވެ. އެފަދަ ބަހެއް މީސްތަކުންނަށް ޢާންމުކޮށްގެން ނުވާނެއެވެ. އެފަދަ ބަހެއް ނުބުނުމަށް ނަޞޭޙަތް ދިނުމުގައިވެސް ޢާންމުންނަށް އެބަސް ފެތުރުމުން އެކަން ވާނީ އެބަސް ބުނި މީހާއަށް ކުރެވޭ ތާއީދަކަށެވެ. ދެވޭ ހިތްވަރަކަށެވެ.
ނުއެނގި ތިބެ ނަމަވެސް މިފަދަ ކަންކަން ބައެއް މީހުން އެބަ ކުރެވެއެވެ. ބައެއް މީހުން އެކަން ކުރަނީ ހަމަ ޤަޞްދުގައި އެކަމަށް ހިތްވަރު ދިނުމަށެވެ.
ރަސޫލް (ﷺ) އަށް ނިޞްބަތްކޮށް މީހަކު ފުރައްސާރަކުރުމުން އޮތީ ހަމަ އެ ބަސްތައް ލިޔެ ޓްވީޓް ކުރުމެއް ނޫނެވެ. އެކަން ނުކުރަން ބުނަން ބޭނުންވާ ނަމަ އެވާހަކަތައް ނުލިޔެ ބުނަން ނުއެނގޭ މީހުން ރަނގަޅުވާނީ ދަސްކޮށްގެން ޓްވީޓް ކުރުމެވެ. ނޫން ނަމަ އެކަމާއި ނުބެހި ހުރުމެވެ. އެފަދަ ބަސްތައް ލިޔެ ޕްރަމޯޓް ކުރުމަށްފަހު އެކަންކުރި މަޤްޞަދު ދުނިޔެއަށް އޮޅުވައިލެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތަށް އޮޅުވައެއް ނުލެވޭނެއެވެ.
އިސްލާމް ދީނުގެ ޙުކުމްތަކަށް ފައުޅުގައި ގޮންޖަހައި ބަސްބުނަމުން ގެންދާ މީހުން މިބާވަތުގެ ކަންކަން ކުރާއިރު އަމިއްލަ ބޮލުގައި ޒިންމާ ނުއެޅޭނެ ކަމަށް ބަލައިގެން އެބަ ކަންކަން ކުރެއެވެ. "ލާދީނީ" ވާހަކައެއް ބުނީމާ ހަމަ އެމީހާ އެބުނި އިބާރާތުން ލިޔުމަށްފަހު އެބަސް ކުށްވެރި ކުރަން އުޅޭކަމަށް ދައްކުވަން އެބަ މަސައްކަތް ކުރެއެވެ. ނަމަވެސް އެއީ ބުއްދި ހަމަޖެހޭ އެއްވެސް މީހަކު ބަލައިގަންނާނެ ކަމެއް ނޫނެވެ.
މިފަދަ ކަންކަން ކުރެވެނީ ނުއެނގި ތިބެ ކަމަށްވާނަމަ އެފަދަ ކަންކަން ކުރުން އަވަހަށް ހުއްޓައިލާށެވެ! ކުރެވިފައިވާ ކަންކަމަށް އަވަހަށް ތައުބާވާށެވެ! ތައުބާވުމުގެ ފުރުޞަތު ބަނދުވުމުގެ ކުރިން ފުރުޞަތުގެ ބޭނުން ހިފާށެވެ! އެންމެ ބުއްދިވެރި ގޮތަކީ އަވަހަށް ތައުބާވުމެވެ.
--މިއީ ރާއްޖޭގެ ދީނީ ޢިލްމްވެރިންގެ ތެރެއިން 3 ބޭކަލަކު ދެއްވި މައުލޫމާތަށް ލިޔެފައިވާ ލިޔުމެކެވެ.