ހަސަދަވެރިކަމަކީ ކުރާ ހެޔޮ ޢަމަލުތައް ނެތިކޮށްލާ އެއްޗެއް! ތިބާގެ ކިބައިގަ ޙަސަދަވެރިކަން ވޭތޯ ޗެކްކޮށް ބެލުމަށްޓަކާ ކުރެވިދާނެ ބައެއް ކަންކަން!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 17ސ
ހަސަދަވެރިކަމަކީ ކުރާ ހެޔޮ ޢަމަލުތައް ނެތިކޮށްލާ އެއްޗެއް! ތިބާގެ ކިބައިގަ ޙަސަދަވެރިކަން ވޭތޯ ޗެކްކޮށް ބެލުމަށްޓަކާ ކުރެވިދާނެ ބައެއް ކަންކަން!

އެސްފީނާ ޖެހޭ އެންމެ ޢާންމު ސަބަބުތަކުގެ ތެރޭގައި ޙަސަދަވެރިކަން ހިމެނެއެވެ. ޙަސަދަވެރިކަން އަޅުގަނޑުމެންގެ ތެރޭގައި މިއަދު ޢާންމުވެފައިވާ މިންވަރަކީ ގިނަ މީހުންނަށް ތިމަންނައަކީ މިވެނި މީހަކަށް ނުވަތަ މިވެނި ބަޔަކަށް ޙަސަދަލާފައިވާ މީހެއްކަން ނުވެސް އެނގެއެވެ. ނުވަތަ އަމިއްލަ ޟަމީރު އެކަން އަންގަމުން ދިޔަ ނަމަވެސް ގިނަ މީހުން އެކަން ޤަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ. 

އިންސާނީ ޠަބީޢަތުގައިވާ އެފަދަ ކަންކަން އިޞްލާޙު ކުރެވޭނީ އަމިއްލަ ފަރުދީ ޒިންމާއެއްކަމުގައި ބަލައިގަނެ ތިމާ އަމިއްލައަށް ތިމާގެ ނަފްސު އިސްލާޙުކުރަން ހިފައިގެންނެވެ. ފުރަތަމަ ކަމަކަށް ތިބާއަކީވެސް އެހެން މީހަކަށް ޙަސަދަވެރި ވެވިދާނޭ މީހެއްކަން ޤަބޫލުކޮށްގެންނެވެ. ދެން، އެފަދަ ޚިޔާލުތަކުން ދުރުވެ މީސްތަކުންނާމެދު އަބަދުވެސް ހެޔޮކޮށް ހީކޮށްގެންނެވެ. މީހަކަށް ނިޢުމަތެއް ލިބުމަކީ ތިބާއަށް ކަމެއް މަދުވުން ނޫންކަމުގައި ދެކިގެންނެވެ. ތިބާއަށްވެސް ހެޔޮ އެދޭ ފަދައިން އެހެން މީހުންނަށްވެސް ހެޔޮ އެދުމަށް ލޯބިކޮށްގެންނެވެ. ޣީބަ ބުނުމާއި ނެތިމޮށުންފަދަ ދުލުގެ ފާފަތަކުން ދުރުވެގެންނެވެ. އެހެނީ މީސްތަކުންގެ ވާހަކަ ދެއްކުމަކީ ޙަސަދަވެރިކަމާއި އެސްފީނާއަށްވެސް މަގު ކޮށައިދޭ ކަމެކެވ .

ތިބާގެ ކިބައިގައި ޙަސަދަވެރިކަން ވޭތޯ “ޗެކްކޮށް” ބެލުމަކީވެސް ބުއްދިވެރިކަމެކެވެ. އެހެނީ ނަފްސު ޙިސާބު ކުރުމަކީ ނަފްސު އިސްލާޙު ކުރުމަށް އެންމެ ފަސޭހަ މަގެވެ. އެހެންކަމުން ތިބާގެ ކިބައިގައި ޙަސަދަވެރިކަން ވޭތޯ ޗެކްކޮށް ބެލުމަށްޓަކައި އަންނަނިވި ކަންތައްތަކަށް ސަމާލުވެ ބަލާށެވެ.

ﷲ ގެ ޙަޟްރަތުން ތިބާއަށް ނިޢުމަތްތައް ލިބުނުކަމުގައިވީ ނަމަވެސް ޝުކުރު ކުރުމުގެ ބަދަލުގައި ޝަކުވާ ކުރެވޭތޯއެވެ؟ 

މީސްމީހުންގެ ގާތުގައި ވަކި މީހެއްގެ ވާހަކަ މާގިނައިން ދެއްކި، ނުވަތަ އެމީހެއްގެ ކުށްތަކުގެ ވާހަކަ ދެއްކި، ނުވަތަ އެމީހެއްގެ ވާހަކަ ބޮޑުކޮށްލައިގެން ދެއްކޭތޯއެވެ؟ 

އަދި އެމީހެއްގެ ކިބައިގައިވާ ރަނގަޅު ސިފަތަކުގެ ވާހަކަ ދައްކަން ފަސްޖެހެވޭތޯއެވެ؟

ނުވަތަ އެމީހެއްގެ ރަނގަޅުކަން މީސްތަކުންނަށް ނޭނގުމަށް އެދެވޭތޯއެވެ؟ 

ނުވަތަ އެމީހެއްގެ މާ ބޮޑު ކުށެއް ނެތަސް، އެމީހެއްގެ ކުށް ހޯދުމަށް މަސައްކަތް ކުރެވޭތޯއެވެ؟

ނުވަތަ އެމީހަކަށް ކުރެވޭ ކުޑަ ކުށެއްވެސް އެއީ ވަރަށް ބޮޑު ކުށެއްކަމުގައި ބަލައި ގަނެވޭތޯއެވެ؟

ނުވަތަ އެމީހަކާ ތިބާ ވާހަކަ ދައްކަން ފަސް ޖެހޭތޯއެވެ؟ ނުވަތަ ވާހަކަ ދައްކަން ޖެހިއްޖެނަމަ، އަބަދުވެސް ރުޅިވެރިކަމާއެކު ނުރުހުންތެރިކަމާއެކު ވާހަކަ ދެއްކޭތޯއެވެ؟ 

ނުވަތަ ވަށްބަހުން ޖަހައި ހެދޭތޯއެވެ؟ މިކަންތައްތައް ތިބާގެ މޫނު މަތިން ފާޅު ވޭތޯއެވެ؟

މިކަންތައްތައް ތިބާގެ ކިބައިން ފާޅުވާނަމަ، ތިބާއީ މީހަކަށް ޙަސަދަވެރިވެފައިވާ މީހަކަށް ވުން އެކަށީގެންވެއެވެ.

=ނުނިމޭ =

- އަލްއަޚް މުޠީޢު އިސްމާޢީލް މުޙައްމަދުގެ ލިޔުއްވުމަކުން

މިއަދު އޮންލައިން