ހަތްވަނަ سُــــــــــؤَالُ
ކަށްވަޅުގެ عَذَابُ ން މުއްތި ކޮށްދެނިވި ސަބަބުތަކަކީ ކޮބައިހޭ؟
جَوَاب:
إِجْمَالِى ގޮތުން ބަލާއިރު، ކަށްވަޅުގެ عَذَابُ ން މުއްތި ކޮށްދެނިވި ސަބަބުތަކަކީ، ކަށްވަޅުގެ عَذَابُ ދެއްވާ ސަބަބުތަކުން ދުރުވެ ރައްކައުތެރި ވެގެންހުރެ ދުނިޔަވީ ދިރިއުޅުން ވޭތުކުރުމެވެ. ކަށްވަޅުގެ عَذَابُ ދެއްވާ ސަބަބުތަކުގެ ވާހަކަ އިސްވެ ހިގައްޖެއެވެ. މިގޮތުން ބަލާއިރު، ތިމާއަށް ފައިދާ ކުރަނިވި ކަންތަކުގެ ތެރެއިންވާ މުހިއްމު އެއްކަމަކީ، ﷲ އަށް تَوْبَة ވުމެވެ. ބައްލަވޭ: فتح البارى 12/438
ތިމާއަށް ކުރެވޭ ކުދި ފާފަޔަކީ، ތިމާކުރާ ހެޔޮ عَمَل އަކުން ފުހެވިގެން ދާނެ ކަމެކެވެ. ނަމަވެސް ބޮޑުފާފަޔެއްކުރެވިއްޖެ ނަމަ އެފާފަޔަކުން تَوْبَة ވުމަކީ وَاجِبُ ކަމެކެވެ.
إِنْسَان އެއްގެ حَقُّ އެއް އެފާފައެއްގައި އެކުލެވިފައި ނުވާ ފާފައަކުން تَوْبَة ވާނަމަ، އެ تَوْبَة އެއްގައި ތިން شَرْط އެކުލެވިގެން ވެއެވެ. ފުރަތަމަ شَرْط އަކީ، ފާފަކުރުން ދޫކޮށްލުމެވެ. ދެވަނަ شَرْط އަކީ، ފާފަ ކުރެވުނު ކަމުގެ މައްޗަށް ހިތާމަ ކުރުމެވެ. ތިންވަނަ شَرْط އަކީ، ފާފަޔަށް އަރައިނުގަތުމަށް قَصْدُ ކޮށް، عَزْمُ ކަޑައަޅާފައި އެގޮތުގައި ثَابِت ވެހުރުމެވެ. إِنْسَان އެއްގެ حَقّ އެއް އެކަމެއްގައި އެކުލެވިފައިވާ ފާފައަކުން تَوبَة ވާނަމަ، މިތިން شَرْط ގެ އިތުރަށް ހަތަރު ވަނަ شَرْط އަކަށް ބޭނުންވެގެންވެއެވެ. އެއީ، އެމީހެއްގެ ކިބައިން އެ حَقُّ ކެނޑުމެވެ. އޭގެ مِثَال އަކީ، މީހެއްގެ ފައިސާ حَقُّ އަކާނުލައި ތިމާ ބޭނުން ކޮށްފައިވާނަމަ، އެފައިސާއެއް އޭގެ حَقُّ ވެރިޔާއަށް ރައްދުކޮށް ދިނުމެވެ. ނުވަތަ އޭނާގެ ކިބައިން مَعَاف އަށް އެދި އޭނާގެ مَعَاف ލިބިގަތުމެވެ.
އަރަހުށި މާތް ﷲ އަށް تَوْبَة ވުމަކީ، އިސްވެދިޔަ ފަދައިން ވަރަށް މުހިންމު ކަމެކެވެ. މިކަން އެނގެނީ ކީރިތި قُرْآن ންނާއި، ކީރިތި رَسُول އާގެ سُنَّة ން ނެވެ.
(1) عَنِ الْأَعَزِّ بُنِ يَسَارِ الْمُزَنِيِّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُوْلُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ يَا أَيُهَا النَّاسُ تُوبُوْ إِلَى الله وَاسْتَغْفِرُوْهُ فَإِنِّى أَتُوْبُ فِى اَلْيَوْمِ مِائَةَ مَرَّةٍ رواهُ مُسْلِم.
މި حَدِيْث ގެ މާނައަކީ، ﷲ ރުއްސުންލެއްވި عَنِ الْأَعَزُّ بْنُ يَسَارِ الْمُزَنِيِّ ވިދާޅުވި އެވެ. رَسُوْلُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ حَدِيْث ކުރެއްވި އެވެ. އޭ މީސްތަކުންނޭވެ! ﷲ އަށް ތިޔަބައިމީހުން تَوْبَة ވާށެވެ! އަދި ތިޔަބައިމީހުންނަށް ފާފަ ފުއްސަވައި ދެއްވުމަށް އެދި، އެ ކަލާނގެ އަށް ދަންނަވާށެވެ! ފަހެ، ހަމަކަށަވަރުން ތިމަންކަލޭގެފާނު ދުވާލަކު ސަތޭކަފަހަރު تَوْبَة ވެވަޑައިގަންނަވަމެވެ.
سَلاِم އާއި صَلَوَاة ލެއްވި އިތުރު އެކަލޭގެފާނަކީ ދުވަހަކު ވެސް ފާފައެއް ނުކުރައްވާ ބޭކަލަކަށް ވުމާއެކު، އިތުރު އެކަލޭގެފާނު ދުވާލަކު ސަތޭކަފަހަރު ފާފަ ފުއްސެވުމަށް އެދި ދަންނަވައި تَوْبَة ވެވަޑައިގަންނަވާ އިރު އެނގެނީ ފާފަތަކަށް އަރައިގަނެވޭ އާދައިގެ إِنْسَان ން تَوْبَة ވުމުގެ اَولَى ކަން މާބޮޑުވެގެންވާ ކަމެވެ.
ކީރިތި قُرْآن ންނާއި، ކީރިތި رَسُول އާގެ سُنَّة އާއި، މި أُمَّة ގެ ދަންނަ ބޭކަލުންގެ إِجْمَاع ން ثَابِت ވާ ގޮތުގައި تَوْبَة ވުމަކީ وَاجِبُ ކަމެކެވެ. اللهُ وَحِى ކުރައްވާފައި ވެއެވެ.
(1) وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ (31) سُوْرَة النُّوْرِ : 31 ވަނަ آية ން
މާނައަކީ، އޭ مُؤْمِن ންނޭވެ! ތިޔަބައިމީހުން އެންމެން ﷲ އަށް تَوْبَة ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نَصِيْبُ ލިބިގަތުމަށް ޓަކައެވެ.
އަދި އެހެން آيَة އެއްގައި އެކުލެވިގެން ވެއެވެ.
(2) يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَصُوحًا عَسَىٰ رَبُّكُمْ أَنْ يُكَفِّرَ عَنْكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ يَوْمَ لَا يُخْزِي اللَّهُ النَّبِيَّ وَالَّذِينَ آمَنُوا مَعَهُ ۖ نُورُهُمْ يَسْعَىٰ بَيْنَ أَيْدِيهِمْ وَبِأَيْمَانِهِمْ يَقُولُونَ رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ (8) سُوْرَة التَّحْرِيْم: 8
މި آية ގެ މާނައަކީ، " އޭ إِيْمَان ވީމީހުންނޭވެ! ތެދުވެރި إِخْلاَصْ ތެރި تَوْبَة އަކުން ތިޔަބައިމީހުން ﷲ އަށް تَوْبَة ވާށެވެ! އޭރުން ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ތިޔަބައިމީހުންގެ ކިބައިން ކުށްތައް ފުއްސަވައި، އެތާންގެ ދަށުން ފެންކޯރުތައް ހިނގަ ހިނގައި ހުންނަ ސުވަރުގެ ތަކަށް ތިޔަބައިމީހުން ވައްދަވާފާނެއެވެ. نَبِيُّ އާ އާއި، އެކަލޭގެފާނުގެ އަރިހުގައިވާ އީމާންވީ މީހުން ﷲ ނިކަމެތި ނުކުރައްވާނެ ދުވަހުގައެވެ. އެބައިމީހުންގެ نُوْر
އެބައިމީހުންގެ ކުރިމަތިންނާއި، އެބައިމީހުގެ ކަނާތް ފަރާތުން ހިނގަހިނގައި ހުންނާނެ އެވެ. އެބައިމީހުން ބުނާނެ އެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންގެ نُوْرއަޅަމެންނަށް ފުރިހަމަ ކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ފާފަ ފުއްސަވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެ އެވެ." މިއެވެ.
ﷲ ގެ رَحْمَة ވަންތަކަމާއި، އޯގާވަންތަ ކަމުގެ ބޮޑުކަމުން، އެކަލާނގެ އަޅުތަކުންނަށް تَوْبَة ގެ ދޮރުވަނީ ހުޅުއްވައި ދެއްވާފައެވެ. އެއީ ފާފައެއް ކުރެވިއްޖެ ނަމަ އެކަންތައް ކުރެވުމާ ގާތުގައި ލަސްނުކޮށް އަވަހަށް تَوْبَة ވެ، ދިރި އުޅުން إِصْلاَحُ ކުރުމަށްޓަކައެވެ. ފާފަޔަކީ އެކަމުން ދުރުވެ ރައްކައުތެރި ވާންޖެހޭ ކަމެކެވެ. ވުމާއެކު އަންނަނިވި آيَة ތަކަށް ވިސްނައިލެއްވުން ހުއްޓެވެ.
إِنَّمَا التَّوْبَةُ عَلَى اللَّهِ لِلَّذِينَ يَعْمَلُونَ السُّوءَ بِجَهَالَةٍ ثُمَّ يَتُوبُونَ مِن قَرِيبٍ فَأُولَئِكَ يَتُوبُ اللَّهُ عَلَيْهِمْ وَكَانَ اللَّهُ عَلِيمًا حَكِيمًا (17) وَلَيْسَتِ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّى إِذَا حَضَرَ أَحَدَهُمُ الْمَوْتُ قَالَ إِنِّي تُبْتُ الآنَ وَلاَ الَّذِينَ يَمُوتُونَ وَهُمْ كُفَّارٌ أُوْلَئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا (18)
(1) سورة النساء: 17-18
މި آيَة ތަކުގެ މާނައަކީ، (17) تَوْبَة ލެއްވުން ﷲ ގެ حَضْرةُ ން އޮތްކަން ކަށަވަރީ، ނޭނގިތިބުމާއެކު، ނުބައި ކަންތައްކޮށް، ދެން އެކަންތައް ކުރުމާ ގާތުގައި (ލަސްނުކޮށް) تَوْبَة ވެ އުޅޭ މީހުންނަށެވެ. ފަހެ ﷲ ، އެބައިމީހުންގެ މައްޗަށް تَوْبَة ލައްވައެވެ. އަދި މޮޅަށް ދެނެވޮޑިގެންވާ حَكِيْمُ ވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެން ވެއެވެ. (18) އަދި ނުބައި ކަންތައް ކޮށްކޮށް ތިއްބާ، އެއިން މީހެއްގެ ގާތަށް މަރު އައިސް حَاضِرُ ވެއްޖެ ނަމަ އެހިނދު، ތިމަން މިހާރު تَوْبَة ވެއްޖައީމޭ ބުނާ މީހުންނާއި، كَافِرُ ން ކަމުގައި ތިބެ މަރުވާ މީހުންނަކަށް تَوْبَة ލެއްވުމެއް ނެތެވެ. އެބައި މީހުންނަށްޓަކައި ވޭންދެނިވި عَذَابُ ތިމަން ރަސްކަލާނގެ ތައްޔާރު ކުރެއްވީމެވެ. މިއެވެ.
ކަން މިހެން ހުރުމާއެކު، އެންމެ ފައިދާ ކުރަނިވި ގޮތަކީ، ކޮންމެ ރެޔަކު ނިދުމުގެ
ކުރީގައި ތިމާގެ نَفْسُ ގެ ހިސާބު ކުރުމެވެ. نَفْسُ ގެ ހިސާބު ކުރުމަކީ، ކޮންމެރެއަކު ނިދުމުގެ ކުރީގައި އެދުވަހު ކުރެވުނު ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެކަން ތައްތަކުގެ ތެރޭގައި ކުށެއް ކުރެވިފައިވާނަމަ، އެކަމެއް إِصْلاَحُ ކުރުމަށް ނިޔަތްގަނެ، އެފަދަ ކަމަކަށް އެއަށްފަހު، އަރައިނުގަތުމަށް عَزْمُ ކަނޑައަޅާފައި، ﷲގެ حَضْرَةُ ން ފާފަ ފުއްސެވުން އެދި ދެންނެވުމަށްފަހު، ﷲ ހަނދުމަ ކުރަމުން ނިދާން އޮށޯތުމެވެ. އަދި ނިދުމާ ދެމެދު سُنْنَةُ ން ثَابِتُ ވާ ގޮތުގެ މަތިން ނިދާން އޮށޯތުމެވެ، މިގޮތުގެ މަތީން ނިދާފައި އޮއްވާ އެރޭގައި އެމީހަކު މަރުވެއްޖެނަމަ، އެމީހަކު އެ މަރުވީ تَوْبَة ގެ މަތީގައެވެ. ހޭލެވިއްޖެނަމަ، ދިރިއުޅުން ފަށައިގަންނަންވާނީ ކުށްފާފައަކަށް އަރައިގަތުމަކާއި ނުލައި، ދުވަސް ހޭދަކުރުމަށް عَزُمُ ކަނޑަ އަޅައިގެންނެވެ .
ކަށްވަޅުގެ عَذَابُ ންނާއި، ނަރަކައިގެ عَذَابُ ން ދިންނެވުން އެދި ﷲ އަށް دُعَاء ކުރުމަކީ ވަރަށް مُهِمُّ ކަމެކެވެ. ކޮންމެ ނަމާދެއްގައިވެސް މިފަދައިން دُعَاء ކުރުމަކީ ވަރަށް مُهِمُّ ކަމެކެވެ. رَسُوْلُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ حَدِيْث ކުރައްވާފައި ވެއެވެ. ތިޔަބައިމީހުންކުރެ މީހަކު ފަހު التَّحِيَّاتُ ކިޔައި ނިމިއްޖެއްޔާ، ހަތަރު ކަމަކުން ދުރުކުރެއްވުން އެދި ﷲގެ ރައްކައުތެރިކަން ލިބިގަންނަ ހުށި ކަމެވެ. އެއީ ނަރަކައިގެ عَذَابُ ންނާއި، ކަށްވަޅުގެ عَذَابُ ން ނާއި، ދިރި ހުރުމާއި މަރުވުމުގެ فِتْنَة އިންނާއި الْمَسِيْحُ الدَّجَّالُ ގެ فِتْنَة އިންނެވެ.
(1) سُوْرَة الْمُلْك ކިޔެވުމަކީ ކަށްވަޅުގެ عَذَابُ ން ދިންނަވާ ކަމެއް ކަމާއި، سُوْرَة السَّجِدَة އާއި سُوْرَة الْمُلْك ކިޔަވާ ވިދާޅުވުމަށް ފަހުގައި މެނުވީ، رَسُوْلُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ އަވަހާރަފުޅު ލައްޕަވާ ކަމުގައި ނުވާ ކަމާއި، މިކަންކަމީ އިތުރު އެކަލޭގެފާނުގެ سُنَّة ން ثَابِتُ ވާ ކަންކަމެވެ. (1) ބައްލަވާ: سنن التر مذى : 5/164-165
(2) شَهِيْدُ ން ނަކީ ކަށްވަޅުގެ فِتْنَة އިން سَلاَمَة ކުރެއްވިގެންވާ ބައެކެވެ. (2) ބައްލަވާ: الرّووح ص:140
މިދަންނަވައި ލެވުނީ ކަށްވަޅުގެ عَذَابُ ން މުއްތި ކޮށް ދެނިވި ސަބަބުތަކާ ބެހޭ ވަރަށް ކުރު خُلاَصَة އެކެވެ. މިކަމުގެ تَفْضِيْلِى ވާހަކަތަކަކީ ވަރަށް ދިގު ވާހަކަ ތަކެކެވެ.
އަޅަމެންނަށް ދިރުން ދެއްވައި އަދި މަރު ހިއްޕަވާ ރަސްކަލާކޮ! ކަށްވަޅުގެ عَذَابُ ންނާއި، ނަރަކައިގެ عَذَابُ ން އަޅަމެން ދިންނަވައި ފާނދޭވެ! آمِيْن