ކޮވިޑާއި ގުޅިގެން ގިނަ ދުވަސްތަކަކަށް މެދުކެނޑިފައި އޮތުމަށްފަހު އަނެއްކާވެސް ޢުމްރާ ދަތުރުތައް ފެށުނީއެވެ.
ޤުބާ މިސްކިތަކީ ނަބިއްޔާ صلى الله عليه وسلم އެންމެ ފުރަތަމަ މަދީނާއަށް ވަޑައިގެން، ޤުބާގައި މަޑުކުރެއްވި ދުވަސްތަކުގައި ބިނާކުރެއްވި މިސްކިތްކޮޅެކެވެ. ޤުބާ މިސްކިތަކީ އެތައް ބައަކު ޖަމާވާ ބޮޑު މިސްކިތެކެވެ. ޢުމުރާއަށްދާ ކޮނ ްމެ މީހަކުވެސް ޤުބާ މިސްކިތުގައި ނަމާދު ކުރެއެވެ. އެއީ މި ޙަދީޘްފުޅު ބަލައިގެންނެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«الصَّلَاةُ فِي مَسْجِدِ قُبَاءٍ كَعُمْرَةٍ» [رواه الترمذي]
މާނައީ: "ޤުބާ މިސްކިތުގައި ކުރާ ނަމާދު (އަޖުރުގެ ގޮތުން) ޢުމްރާއަކާ އެއްފަދައެވެ."
ޤުބާ މިސްކިތް އެތައްފަހަރެއްގެމަތުން ބޮޑުކޮށް ތަރައްޤީކޮށްފައިވީނަމަވެސް ރަސޫލް صلى الله عليه وسلم މިސްކިތްކޮޅު ބިނާ ކުރެއްވެވި ބިންކޮޅު މިހާރުވެސް ވަނީ ފާހަގަކޮށްފައެވެ.
ޙައްޖާއި ޢުމުރާވެ އަދި ޤުބާ މިސްކިތުގައި ނަމާދުކުރުމުގެ ފުރުޞަތު އަޅަމެންނަށް މިންވަރުކުރައްވަވާށި! އާމީން