ބަރުޒަޚުގެ ޢާލަމް: 14: ކަށްވަޅުގެ ޘަވާބު ނުވަތަ ޢަޛާބު ދެއްވަނީ، ފުރާނަ ހަށިގަނޑާ ގުޅުއްވައިގެންހޭ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 17މ 6ސ
ބަރުޒަޚުގެ ޢާލަމް: 14:  ކަށްވަޅުގެ ޘަވާބު  ނުވަތަ ޢަޛާބު ދެއްވަނީ، ފުރާނަ ހަށިގަނޑާ ގުޅުއްވައިގެންހޭ؟

އަށްވަނަ سُـــــــــؤَالُ

ކަށްވަޅުގެ ثَوَابُ ނުވަތަ ކަށްވަޅުގެ عَذَابُ ދެއްވަނީ، ފުރާނަ ހަށިގަނޑާ ގުޅުއްވައިގެންހޭ؟ ނުވަތަ ފުރާނައާ ނުލައި ހަމައެކަނި ހަށިގަނޑަށްހޭ؟ ނުވަތަ ހަށިގަނޑާ ނުލާ ހަމައެކަނި ފުރާނައަށްހޭ ؟

جَــــــــــوَابُ

ކީރިތި قُرْآن އާއި، ކީރިތި رَسُوْل އާގެسُنَّة ގެ އަލީގައި، މި أُمَّة ގެ سَلَفُ الصَّالِحْ ން ނާއި، إِمَامُ ވެރި ބޭކަލުން بَيَان ކުރައްވާފައިވަނީ إنْسَان އާ މަރުވެއްޖެއްޔާ، އޭނާ ވާހުށީ نِعْمَة ނުވަތަ عَذَابُ ލިބެނިވި ގޮތުގައި ކަމަށެވެ. (1) ފުރާނަ ހަށިގަނޑާ ވަކިވުމަށްފަހު، އެފުރާނައަކީ، نِعْمَة ނުވަތަ عَذَابُ ލިބިލިބި ހުންނަ އެއްޗެކެވެ. ބައެއް ފަހަރު، ފުރާނަ ހަށިގަނޑާ ގުޅިފައިވާ حَالُ ގައި نِعْمَة ، ނުވަތަ عَذَابُ ލިބެއެވެ. ދެން، قِيَامَة قَائِمُ ވާހިނދު، ތާޅަފިލީގެ އަޑާ ގުޅިގެން، ފުރާނަ ނެތް ހަށިތަކާއި، ކަށިތައް ފީވެ ގޮސްފައި ވިޔަސް، އެހަށިތަކާއި ކަށިތައް އަލުން ދިރުއްވައި، އެފުރާނައެއް ނުކުމެފައިވާ ހަށިގަނޑަކަށް، އެފުރާނައެއް إِعَادَ ކުރެއްވޭ ހުއްޓެވެ. އެއީ، އެންމެ ފުރިހަމަ ގޮތުގައި ފުރާނަ ހަށިގަނޑާ ގުޅޭ ގުޅުމެވެ. މި ފުރިހަމަ ގުޅުމަށްފަހު އެއްވެސް حَالُ އެއްގައި ފުރާނަ ހަށިގަނޑާ ވަކިވުމެއް ނުވެއެވެ. ނަރަކަވަންތަ ވެރީން ނަރަކައިގައި އަނދަމުން ދާއިރުވެސް އެބައިމީހުންގެ ފުރާނަތައް އެބައިމީހުންގެ ހަށިތަކާ ވަކިވުމެއް ނުވެއެވެ.

(1) ބައްލަވާ: الرّوح ص : 95-97 

މަރުވުމުގެ މާނައަކީ، ފުރާނަ ހަށިގަނޑާ ވަކިވުމެވެ. ފުރާނައަކީ، މަރުވެ ނެތިގެންދާ އެއްޗެއް ނޫނެވެ. ވުމާއެކު، އިސްވެ ދިޔަފަދައިން، މަރުވުމަށްފަހު ފުރާނަވާހުށީ، ހަށިގަނޑާ ގުޅިފައިވާ حَالُ ގައްޔާއި، ހަށިގަނޑާ ގުޅިފައި ނުވާ حَالُ ގައި، نِعْمَة ނުވަތަ عَذَابُ ލިބިލިބި ހުންނަ ގޮތުގައެވެ.

ކަށްވަޅުގެ عَذَابُ އަކީ، ފުރާނައާ ނުލައި ހަމައެކަނި ހަށިގަނޑަށް ލިބޭ عَذَابُ އެއް ނޫނެވެ. އަދި، ހަށިގަނޑާ ނުލައި ހަމައެކަނި ފުރާނައަށް ލިބޭ عَذَابُ އެއް ނުމެނޫންމެއެވެ. އަދި ކިއެއްތަ ؟ ކަށްވަޅުގެ عَذَابُ އަކީ، ފުރާނަ ހަށިގަނޑާ ގުޅިފައިވާ حَالُ ، އަދި ފުރާނައާ ހަށިގަނޑާ ބައިވެރިވާ حَالُ ގައި ލިބެނިވި عَذَابُ އެކެވެ.  

مَيِّت  އާ ވަޅުލުމަށްފަހު، ފުރާނަ ހަށިގަނޑާ ގުޅިފައިވާ حَالُ ގައި ދެ مَلاَئِكَة ން سُؤَالُ ކުރައްވަނީ ކަށްވަޅުގައި މައްޔިތާ ބައިންދަވައިގެންކަން الْبَرَاءُ بُنُ عَازِب ގެ حَدِيْث އިންނާއި، އެނޫން حَدِيْث ތަކުން ثَابِتُ ވެއެވެ. މިދެ مَلاَئِكَة ން ނަކީ نَكيِرُ އާއި، مُنْكَرُ ގެ ނަމުން ނަން ދެވިފައިވާ، ދެ مَلاَئِكَةُ ން ކަން، އެހެން رِوَايَة އެއްގައި އެކުލެވިގެންވެއެވެ. މިދެ مَلاَئِكَةُ ންގެ سُؤَالُ ތަކަށް صَحَّ جَوَابُ ދީފިމީހަކާ މެދު إِلَهِى حَضْرَةُ ން ނިދާ އިއްވޭހުށީ، ތިމަން ރަސްކަލާނގެ އަޅާ ތެދު ބުނެފިއެވެ. އޭނާއަށް ސުވަރުގޭގެ ތަންމަތީން ތަންމަތި ފަތުރުއްވާށެވެ! އަދި ސުވަރުގޭގެ  ފޭރާމުން އޭނާ ފޭރާން ލައްވާށެވެ! އަދި އޭނާ އަށްޓަކައި ސުވަރުގެއާ ދިމާއއަށް ދޮރެއް ހުޅުއްވާށެވެ! حَدِيْث ކުރެއްވިއެވެ. ފަހެ، އެހިނދު ސުވަރުގޭގެ މީރުވަހުގެ ތެރެއިން މީރުވަސް، އޭނާއަށް ދުވަދުވާ ހުންނާނެއެވެ. އޭނާގެ ލޮލުކޮޅަށް ފެންނަ ހިސާބަށް އޭނާގެ ކަށްވަޅު ތަނަވަސް ވެގެން ދާނެއެވެ.  

މިއާ خِلاَف އަށް މިދެ مَلاَئِكَةُ  ންގެ سُؤَالُ ތަކަށް صَحَّ جَوَابُ ނުދެވިއްޖެ މީހަކާމެދު، އުޑުން ނިދާ އިއްވެވޭހުށީ، އޭނާ ދޮގުކޮށްފިއެވެ. އަދި ދޮގު ހަދައިފި އެވެ. އޭނާ އަށް ނަރަކައިގެ ތަންމަތިން ތަންމަތި ފަތުރުއްވަވާށެވެ! އަދި ނަރަކައާއި ދިމާއަށް ދޮރެއް ހުޅުއްވަވާށެވެ! حَدِيْث ކުރެއްވިއެވެ. އެ ހިނދު، އެނަރަކައިގެ ހޫނުކަމުގެ ތެރެއިން ހޫނުކަމާއި، އޭގެ ވިހަ ވައިގެ ތެރެއިން ވިހަވައި އޭނާއާއި ދިމާއަށް އައިސް އައިސް ހުންނާނެ އެވެ. ކަށްވަޅު އޭނާގެ މައްޗަށް ދަތިވެ، އޭނާ ފިއްތާލައިފާނެ އެވެ. އެއީ، އެކަށްވަޅުގައި އޭނާގެ އަރިކަށީގެ ކަށިތައް އެގޮތް މިގޮތްވެގެން ދާންދެންނެވެ. މޫނު ހުތުރު، ފޭރާން ހަޑި، ނުބައި ވަސްދުވަދުވާ ހުންނަ މީހަކު އޭނާގެ ގާތަށް އައިސް ބުނާނެއެވެ. ނުބައި ކަންތަކުން ކަލޭ خَبَرُ ލިބިގަންނަހުށި ކަމެވެ. މިއީ ކަލެއަށް وَعْدُ ކުރެއްވުނު ދުވަހެވެ. ފަހެ، އޭނާ ބުނާނެއެވެ. ކަލެޔަކީ ފަހެ ކާކު ހެއްޔެވެ؟ ތިޔަ މޫނަކީ ނުބައި ކަމައިގެން އައި މޫނަކީމުއެވެ.  

ފަހެ އޭނާ ބުނާނެ އެވެ. ތިމަންނާއަކީ، ކަލޭގެ ނުބައި عَمَلُ އެވެ. އެހިނދު ކަނު، ބީރު، މަންމަން ބޭކަލަކު އޭނާއަށްޓަކައި ފާޅު ކުރައްވާނެ އެވެ. އެބޭކަލެއްގެ އަތްޕުޅުގައި ދަގަނޑުގެ ބޮޑު ހަންމުއްޓެއް ވެއެވެ. އެހަންމުށިން ބޮޑު ފަރުބަދައެއްގައި ޖެއްސެވިޔަސް، އެފަރުބަދަ އެއް ކުދިކުދިވެ، ވެއްޔަށް ވެގެން ހިނގައިދާހުއްޓެވެ. އެބޭކަލަކު އެ مَيِّتَة  އާގެ ގައިގާ އެހަންމުށިން ޖައްސަވާނެ  އެވެ. ޖެއްސެވުމާއި އެކު އޭނާ ކުދިކުދިވެ ވެއްޔަށް ވެގެން ހިނގައިދާނެ އެވެ. އޭނާގެ ކުރީގެ حَالَة އަށް ﷲ އޭނާ ބަދަލު ކުރައްވާނެތެވެ. ދެން އަނެއް ފަހަރު އެބޭކަލަކު އޭނާގެ ގައިގައި ޖައްސަވާނެ އެވެ. އެހިދު އޭނާ ވަރަށް ބާރަށް ހަޅޭއްލަވައި ގަންނާނެ އެވެ. އިންސީންނާއި ޖިންނީން ފިޔަވައި ކޮންމެ އެއްޗަކަށް ވެސް މިހަޅޭކުގެ އަޑު އިވޭނެ އެވެ. ދެން ނަރަކައާއި ދިމާއަށް ދޮރެއް ހުޅުވި، އަލިފާނުގެ ތަންމަތިން އޭނާއަށް ތަންމަތި ފެތުރުއްވޭ ހުއްޓެވެ.

ކަށްވަޅުގެ سُؤَالُ އާއި جَوَابُ އަށްޓަކައި، ފުރާނަ ހަށިގަނޑާ ގުޅުއްވާ ގުޅުއްވުމަކީ، ދުނިޔޭގައި ދިރިތިބި އިރު ފުރާނަ ހަށިގަނޑާ ގުޅިފައިވާ ގުޅުމާ ވަރަށް ތަފާތު ގުޅުމެކެވެ. އަދި ނިދާފައި އޮންނައިރު ފުރާނަ ހަށިގަނޑާ ގުޅިފައިވާ ގުޅުމާ ވެސް ތަފާތު ގުޅުމެކެވެ. އަދި قِيَامَة ދުވަހު އަލުން ދިރުއްވުމާ ވެސް، ތަފާތު ގުޅުމެއް މެއެވެ. 

ކަށްވަޅުގެ إِمْتِحَان އާ ކުރިމަތިލާން ޖެހެނީ ހަމައެކަނި ވަޅުލެވޭ މީހުންނެއް ނޫނެވެ. އަދި ކިއެއްތަ؟ ވަޅުލެވޭ މީހާއާއި، صَلِيْبُ އަށް އެރުވޭ މީހާއާއި، މިނިކާވަގު ކައިލާ މީހާއާއި، އަނދައި އަޅިޔަށް ވެގެންދާ މީހާއާއި، ކަނޑަށް غَرَق ވެގެން މަރުވެ ކަނޑު އަޑިޔަށް ގެނބިގެންދާ މީހާއާއި، މަރުވެ މަހެއްގެ ބަނޑުތެރޭގައިވާ މީހާ އާއި، ދޫނިސޫފާ ސޫފި ކައި ހެދުމަށްފަހު، އެމީހެއްގެ އެކި ގުނަވަންތައް އެކި ތަންތާނގައިވާ މީހާއާއި، މިފަދަ އެންމެންނަކީވެސް މިކަމުގައި ހަމަހަމަ މީހުންނެވެ. މަރުވުމަށްފަހު ހަށިގަނޑު އަންދައި އަޅިޔަށް ހަދާފައި، ކޯރުކޯރާއި، ކަނޑު ކަނޑާއި، ވައިގެތެރެޔަށް އެއަޅިތައް ބުރުއްސާލައި ނެތި ކޮށްލިޔަސް، ގަދަ ކީރިތިވަންތަ މާތް ﷲ އެބައިތައް ޖަމާ ކުރައްވައި، އަދި ފުރާނަ އެއާ ގުޅުއްވާފައިވާ حَالُ އޭނާއާ ކަށްވަޅުގެ سُؤَالُ ކުރައްވާނޭ ކަން ، رَسُوْلُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ ގެ سُنَّة ން ثَابِت ވެއެވެ.

عَنْ أَبِى هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ  رَسُوْلُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ يَقُوْلُ : أَسْرَفَ عَبْدُ عَلَى نَفْسِهِ  حَتَّى حَضَرَتْهُ الْوَفَاتُ قَالَ: لِأَهْلِهِ إِذَا أَنَا مِتُّ فَأَحْرِقُوْنِى ثُمَّ اسْحُقُوْنِى ثُمَّ اذْرُوْنِى فى الرِّيْحِ فِى الْبَحْرِ فَوَاللهَ لَئِنْ قَدَرَ اللهُ عَلَى لَيُعَذِّ بَنِى عَذَابًا لاَ يُعَذِّبُهُ أَحَدًا منْ خَلْقِهِ قَالَ : فَفَعَلَ أَهْلُهُ ذَالِكَ قَالَ  اللهُ عَزَّ وَجَلَّ لِكُلِّ شَيْئٍ أَخَذَ مِنْهُ شَيْئًا أَدِّمَا أَخَذْتَ فَإِذَا هُوَ قَائِمٌ قَالَ اللهُ  عَزَّ وَجَلَّ مَا حَمَلَكَ عَلَى مَا صَنَعْتَ قَالَ خَشْيَتُكَ فَغَفَرَ اللهُ لَهُ (1) رواه النسائى 4/113

މި حَدِيْث ގެ މާނައަކީ، " ﷲ ރުއްސުންލެއްވި أَبُوْ هُرَيْرَة ގެފާނު ރިވާ ކުރެއްވި އެވެ. އެކަލޭގެފާނު ވިދާޅުވި އެވެ.  رَسُوْلُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ  حَدِيْث ކުރައްވާތީ ތިމަންކަލޭގެފާނު އެއްސެވީމެވެ. މީހަކު ފާފަ ކޮށް، އެކަމުގައި حَدُّ ފަހަނަޅައި ހިނގައްޖެ އެވެ. އޭނާ މަރަށް حَاضِرُ ވީހިނދު އޭނާގެ أَهْلُ ވެރީންނަށް އޭނާ ބުނެފިއެވެ. ތިމަންނާ މަރުވެއްޖެއްޔާ، ތިޔަބައިމީހުން ތިމަންނާ އަންދައިލާށެވެ. ދެން ހިމުންކޮށް ހުންނަ އަޅިޔަށް ހަދައިލާށެވެ. އެއަށްފަހު އެ އަޅިތައް ވައިގެ ތެރެއަށާއި، ކަނޑުކަނޑަށް ބުރުއްސާލާށެވެ. ފަހެ، ﷲ ގަންދީ ބުނަމެވެ. ހަމަ ކަށަވަރުން ﷲ ތިމަންނާ ހިއްޕަވައިފިއްޔާ، އެކަލާނގެ خَلْقُ  ތަކުންކުރެ އެއްވެސް މީހަކަށް ނުދެއްވާ ވަރުގެ ގަދަ عَذَابُ ތިމަންނާ އަށް ދެއްވާފާނެއެވެ. އިތުރު އެކަލޭގެފާނު حَدِيْث ކުރެއްވި އެވެ. ފަހެ އޭނާގެ أَهْلُ ވެރީން އެކަންތައް އެގޮތަށް ކޮށްފިއެވެ. އެއަޅީގެ ތެރެއިން ބައެއް ލިބިގަތް ކޮންމެ އެއްޗަކަށް، އަރަހުށި މާތް ﷲ އަންގަވައިފިއެވެ. ތިބާ ލިބިގެންފައިވާ މިންވަރު އަދާކުރާށެވެ. ފަހެ އެހިނދު އޭނާހުރީ ތެދުވެ ކޮޅަށެވެ. އަރަހުށި މާތްﷲ ބަސް وَحِى ކުރެއްވިއެވެ. ތިޔަގޮތަށް ކަންތައް ކުރުމަށް ތިބާއަށް ބާރުދިނީ ކޮންކަމެއްހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އިބަ ﷲ އަށް މިއަޅާގެ ހިތުގައި އުފެދުނު ބިރުވެތިކަމެވެ. އެހެންކަމުން، ﷲ، އޭނާއަށް ފާފަ ފުއްސެވިއެވެ. މިއެވެ. 

އިސްވެދިޔަ حَقِيْقِى بَيَان ތަކުން އެނގި ކަށަވަރު ވަނީ، ކަށްވަޅުގެ سُؤَالُ އާއި

جَوَابُ އަކީ، އަދި ކަށްވަޅުގެ ثَوَابُ ނުވަތަ عَذَاب އަކީ، ފުރާނަ ހަށިގަނޑާ ގުޅުއްވާފައިވާ حَالُ ގައި بَرْزَخُ  ގެ عَالَم ގައި ހިންގަވާ ކަންތައްތަކެއް ކަމެވެ. 

إِنْسَانَة އާ މަރުވެ ވަޅުލެވުމަށްފަހު ދިރިތިބި މީހުންނަށް ފެންނަން ހުންނަ އެއްޗަކީ، ފުނިޖަހާފައި ހުންނަ ފަސް ކޮޅަކާއި ދެގަލެވެ. އެއީ ޅެންވެރިއަކު ވިދާޅުވެފައިވާ ފަދައިންވެސް މެއެވެ،  

" ދުނިޔެ ދޫކޮށްފައި އެދާއިރު، ފެންނަ ފަށުގައި އެންމެނަށް

ފުނިޖަހާފައި ހުންނަ ފަސްކޮޅަކާ، ދެގާ ނޫނީ ނެތޭ"  

ތެދުފުޅެކެވެ! އެންމެންނަށް ފެންނަފަށުގައި ހުންނަ މިންވަރަކީ ހަމަ މިއީ އެވެ. އެކަމަކު ފުނިޖަހާފައި ހުންނަ، މިފަސްކޮޅުގެ ދަށުގައި، ދިރިތިބި މީހުންނަށް إِحْسَاس ނުވެ، އަދި ނުފެނި ހިނގަމުންދާ ކަންތައްތަކެއްގެ ބޮޑުކަމާ އެވެ!  ހުރި އުފަލެއްގެ ނުވަތަ ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ! ނުވަތަ ހުރި ބިރުވެރި ކަމެއްގެ ބޮޑު ކަމާއެވެ! އެހެން ކަމުން ، رَسُوْلُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ  حَدِيْث ކުރެއްވި އެވެ لَوْلاَ أَنْ لاَ تَدَافَنُوا لَدَعَوْتُ  اللهَ أَنْ يُسْمِعَكُمْ مِنْ عَذَابِ الْقبْرِ، (1)   رواه مسلم . 

މި حَدِيْث ގެ މާނައަކީ، "( ތިޔަބައިމީހުން ގަންނަ ބިރެއްގެ ސަބަބުން) ތިޔަބައިމީހުންގެ މައްޔިތުން ވަޅުލުން ދޫކޮށްލައިފާނޭ ކަމުގެ ބިރު ހީފުޅުނުވާނަމަ، ކަށްވަޅުގެ عَذَابُ ދެއްވާ އަޑު، ތިޔަބައި މީހުންނަށް އިއްވެވުމަށް އެދި، ﷲ އަށް دُعَاء ކުރެއްވީމުހެވެ. "  

اللّهُـمَّ إِنِّـي أَعُـوذُ بِكَ مِـنْ عَذابِ القَـبْر ، وَمِنْ عَذَابِ النَّارِ وَمِـنْ فِتْـنَةِ المَحْـيا وَالمَمـَاتِ وَمِنْ فِتْنَةِ الْمَسِيْحِ الدَّجَّالِ. 

(މިސިލްސިލާ މިގެނެސްދެނީ އަލްއުސްތާޛް އާދަމްނަސީމު  ހ. ޕޫނަމް (ބިއޭ ނަސީމް) ލިޔުއްވާފައިވާ މަރުވުމަށްފަހު ވާނީ ކިހިނެއް! (ބަރުޒަޚްގެ ޢާލަމް) ފޮތުން އެފޮތުގެ އަޞްލާއި އެއްގޮތަށެވެ. މި ސިލްސިލާގެ ލިޔުންތަކަކީވެސް ކިޔުންތެރިންނަށް ފައިދާކުރާނެ ލިޔުންތަކަކަށްވާނެ ކަމުގެ އުންމީދުގައެވެ.)

 

 

މިއަދު އޮންލައިން