މަރުވުމުން އޭގެ މަތި ހަނި ކުރެވިގެންވާ އޭގެ ތިރީބައި ތަނަވަސްކުރެވިގެންވާ އުނދުނެއްފަދަ ތަނެއްގައި އޮންނަންޖެހި އަލިފާނުން ޢަޛާބުލިބޭނެ މީހުން ގިނަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 25ސ
މަރުވުމުން އޭގެ މަތި ހަނި ކުރެވިގެންވާ އޭގެ ތިރީބައި ތަނަވަސްކުރެވިގެންވާ އުނދުނެއްފަދަ ތަނެއްގައި އޮންނަންޖެހި އަލިފާނުން ޢަޛާބުލިބޭނެ މީހުން ގިނަވެއްޖެ!

މަރުވުމުން ޤިޔާމަތާއި ހަމައަށް އޭގެ މަތި ހަނި ކުރެވިގެންވާ އޭގެ ތިރީބައި ތަނަވަސްކުރެވިގެންވާ އުނދުނެއްފަދަ ތަނެއްގައި އޮންނަންޖެހި އަލިފާނުން ޢަޛާބުލިބޭނެ މީހުން ގިނަވެއްޖެއެވެ. އެއީ އެއްވެސް ބިރެއް ނެތި ޒިނޭކުރުން ޢާންމުވެފައިވާތީއެވެ. ޒިނޭކުރުން ޢާންމުވަމުން ގޮސް މިއަދު ޒިނޭކުރުން ވެފައިވަނީ ދޮގެއް ބުނެލުންހައި އެއްވެސް ބިރެއްނެތި ކުރާ ފާފައަކަށެވެ.

ވިސްނުންތެރިކަމާއިއެކު ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!

ޒިނޭކުރާ ފިރިހެނުންނަށާއި އަންހެނުންނަށް ކަށްވަޅުގައި ވޭންދެނިވި ޢަޒާބު ހުއްޓެވެ. އެގޮތުން އެމީހުން ވާހުށީ އޭގެ މަތި ހަނި ކުރެވިގެންވާ އޭގެ ތިރީބައި ތަނަވަސްކުރެވިގެންވާ އުނދުނެއްފަދަ ތަނެއްގައެވެ. އޭގެ ދަށުން އަލިފާންގަނޑެއް ވެއެވެ. އެމީހުން އޭގެތެރޭގައި ބަރަހަނާ ޙާލުގައި ތިބޭނެއެވެ. އަދި އެ އަލިފާންގަނޑު ގަދަޔަށް ރޯވެ މައްޗަށްއެރުމުން އެމީހުންގެ ހަށިތަކަށް ކެތްނުކުރެވިގެން ރޮއެ ހަޅޭއްލަވައިގަނެ އެތަނުގެ މަތީބަޔަށް އަންނާނެއެވެ. އެތަނުން ބޭރަށް ނުކުތުމަށް އެމީހުން އެދިއެދި ތިބޭނެއެވެ. ދެން އެ އަލިފާންގަނޑު ތިރިވެ މަޑުވުމުން އަނެއްކާވެސް އެމީހުން އެތަނުގެ ތިރިޔަށް ރުޖޫޢަވާނެއެވެ. ދެން މި ގޮތުގައި ތަކުރާރުވެ ޤިޔާމަތް ޤާއިމް ކުރެވެންދެން އެމީހުން ދެމިތިބޭނެއެވެ.

މީހަކު ޒިނޭކުރުމުގައި ދެމިހުންނަކަމުގައި ވަނީނަމަ އެ ޢަމަލުގެ ނުބައިކަން ބޮޑުވެގެންވެއެވެ. އަދި އުމުރުން ދުވަސްވެފައިވާ ޙާލު އޭނާ ކުރާ ޒިނޭގެ ނުބައިކަން ބޮޑުވެގެންވެއެވެ. ރަސޫލުﷲ ޟައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން އިބްނު ޢައްބާސް ރިވާކުރެއްވި ޙަދީޘްފުޅެއްގައި ވެއެވެ.

( ثَلَاثَةٌ لَا يُكَلِّمُهُمُ اللهُ يَوْمَ القِيَامَةِ وَ لَا يُزَكِّيْهِمْ وَ لَا يَنْظُرُ إِلَيْهِمْ وَ لَهُمْ عَذَابٌ أَلِيْمٌ: شَيْخٌ زَانٍ وَ مَلِكٌ كَذِابٌ وَ عَائِلٌ مُسْتَكْبِرٌ) رواه مسلم

މާނައީ: " ޤިޔާމަތްދުވަހުން ތިން މީހަކާއި ﷲ ތަޢާލާ ވާހަކަފުޅު ނުދައްކަވާނެއެވެ. އަދި އެބައިމީހުންގެ ފާފަތަކުން ޠާހިރުނުކުރައްވާނެއެވެ. އަދި އެބަމީހުންނަށް އެއިލާހު ބައްލަވައިވޮޑިނުގަންނަވާނެއެވެ. އެއީ: ޒިނޭ ކުރާ މުސްކުޅިޔާ އާއި ދޮގުވެރި ވެރިޔާއާއި ކިބުރުވެރި ފަޤީރުމީހާއެވެ."

އެންމެ ނުބައިވެގެންވާ ފައިސާއަކީ ހަށިވިއްކައިގެންލިބޭ ފައިސާއެވެ. ހަށިވިއްކަމުން އުޅޭއަންހެނާ ރޭގަނޑުގައި އުޑުގެ ދޮރުތައް ހުޅުވާލެވޭ ވަގުތުގައި ކުރާ ދުޢާވެސް ﷲ ތަޢާލާ އިޖާބާ ނުކުރައްވާ ކަމުގައި ޙަދީޘްގައި އައިސްފައިވެއެވެ. ތިމާމެން ހަށިވިއްކުންފަދަ ނުބައިކަންތައް ކުރަނީ ފަޤީރުކަމުން ދިރިއުޅޭނެ އެހެންގޮތެއް ނެތިގެންނޭ ބައެއް މީހުންބުނެފާނެއެވެ. އެހެން ނަމަވެސް މިއީ ޝަރީޢަތުގައި ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ޙައްދުތައް ފަހަނައަޅައިދިޔުމަށް އޮތް ޢުޒުރެއް ނޫނެވެ. ﷲ ތަޢާލާ ވަނީ ޙަލާލް ގޮތުގައި ފައިސާހޯދުމަށް އެތައް ގޮތްތަކެއް މިބިންމަތީގައި ލައްވާފައެވެ.

އަޅުގަނޑުމެންގެ މިޒަމާނުގައި ފާޙިޝްކަންތައްތަކަށް ހުރިހާ ދޮރެއްވަނީ ހުޅުވާލެވިފައެވެ. ޝައިޠާނާ ވަނީ އޭނާއާއި އޭނާގެ ބައިވެރިންގެ ޕްލޭންގެ ދަށުން ފާޙިޝްކަންތައްތަކަށް ހުރި މަގުތައް ގާތްކޮށްދީ ފަސޭހަކޮށްދީފައެވެ. އަދި އޭނާގެ މަގަށް މީސްތަކުންގެ ތެރެއިން ފާފަކުރާމީހުންނާއި ފާޖިރުން ތަބާވެ މީސްތަކުންގެ މެދުގައި ޢައުރަ ކަޝްފުކުރުންވަނީ ޢާއްމުކުރުވާފައެވެ. ޚާއްސަކޮށް އަންހެނުންގެ މޫނު ކަޝްފުކުރުމަށް ދެވޭ ދަޢުވަތަކީ ޝައިތާނާއާއި އޭނާގެ ބައިވެރިން ތަބައްރުޖަށް ދޭ ދަޢުވަތެކެވެ. އަދި ބެލުން ތިރިނުކުރުމާއި ޙަރާމް ތަންތަނަށް ބެލުން މިވަނީ ޢާއްމުވެފައެވެ. އަދި ދެ ޖިންސުގެމީހުން އެއްވެއުޅުންވެސް މި ވަނީ ޢާއްމުވެފައެވެ. އަދި ފާޙިޝް މަޖައްލާތަކާއި ފިލްމުތައް މިވަނީ ޢާއްމުވެފައެވެ. ޒިނޭ ޕާލާތައް މިވަނީ މުޖުތަމަޢުގައި ޢާއްމުވެފައެވެ.

މިއީ ހުސް ޒިނޭއަށް މަގުފަހިވާން އޮތް މަގުތަކެވެ. އަދި މިއަދު އަޅުގަނޑުމެންގެ ތެރޭގައި ޙަރާމްގޮތުގައި ލިބޭ ދަރިންގެ ޢަދަދު މިވަނީ އިތުރުވެފައެވެ. އަދި އެއީ އެހާބޮޑު ކަންތައްތައް ނޫންކަމުގައި މީސްތަކުންދެކޭ ވަރަށް މިކަންތައް މިވަނީ ޢާއްމުވެފައެވެ. މުޖުތަމަޢުގެ ކަށީގައި ހިފާފައިވާ ކަމެއްގެ ގޮތުގައެވެ. އަދި ބަނޑުގައި އޮއްވާ ޤަތުލު ކުރެވޭ ދަރިންގެ ޢަދަދުވެސް މިވަނީ އިންތިހާއަށް އިތުރުވެފައެވެ. މިއީ ޒިނޭގެ ނުބައި ނަތީޖާއެވެ.

އެހެންކަމުން ޒިނޭއަކީ މުޅި އުއްމަތުގެ ހަލާކެވެ. ދަރިފަސްކޮޅު އޮޅުންބޮޅުންވެ ދަރިއާއި މަންމަ އާއި ބައްޕަ ވަކިނުވާ ހިސާބަށް އަޅުގަނޑުމެންގެ މުޖުތަމަޢުގެ ޙާލު ނުދަނީސް މިފަދަ ކަންތައްތައް ހުއްޓުވައި އަމާނާތްތެރިކަމާއެކީ އަޅުގަނޑުމެންގެ ދަރިންތައް ތަރުބިއްޔަތުކޮށް ދީންވެރި އަޚްލާޤު ރަނގަޅު މީހުންނާއި ކައިވެނި ކުރުވާ ބަޔަކު ކަމުގައި އަޅުގަނޑުމެން ވާން އެބަޖެހެއެވެ. ޒިނޭ ކުރާ މީހަކާއި ކައިވެނި ކުރުމަކީ މުއުމިނަކަށް ހުއްދަވެގެންވާ ކަމެއްނޫނެވެ.

އަދި މުޖުތަމަޢުގެ ނައު އަޑިޔަށް ނުދަނީސް ﷲ ތަޢާލާގެ ޙުކުމް މިބިންމަތީގައި ތަންފީޒުކޮށް ޒިނޭކުރާ މީހުންނަށާއި ބިންމަތީގައި ފަސާދަ އުފައްދާ ޒިނޭ ޕްރޮމޯޓުކުރާ މީޑިޔާތައް ހިންގާބަޔަކު ތިބިނަމަ އެބަޔަކަށް ޙައްޤު އަދަބު ދޭން އެބަޖެހެއެވެ. މުޖުތަމަޢުގެ އިޖުތިމާޢީ ދުޅަހެޔޮކަމަށްޓަކައި މިކަން ކުރުން މިވަނީ މިހާރު މާބޮޑަށްވެސް ލަސްވެފައެވެ. މާތްﷲ އަޅުގަނޑުމެން އެއްމެންނަށްވެސް ހެޔޮވިސްނުން ދެއްވައި ތައުބާވެ ހެޔޮމަގަށް ރުޖޫޢަވުމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން

އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެ ތެރޭގައި މީހާގެ އަބުރާއި ނަސްލު ރައްކާތެރިކުރުން ހިމެނިފަވެއެވެ. އެހެންކަމުން އިސްލާމް ދީނުގައި ޒިނޭ ޙަރާމްކުރައްވާފައި ވެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

(وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا) الإسراء 32

މާނާ: " އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވެއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ. "

އެހެންކަމުން ޝަރީޢަތްވަނީ ޒިނޭއަށް މަގުފަހިވާ ހުރިހާ ޒަރީޢާތަކާއި މަގުތަކާއި އެއަށް ވާޞިލުވާންއޮތް ގޮތްތައް މަނާކޮށްފައެވެ. އެގޮތުން އަންހެނުންނަށް ފުރިހަމަ ޙިޖާބުން ޙިޖާބު އެޅުމަށް އަމުރުކުރައްވައި އަންހެނުންނާއި ފިރިހެނުން އެބައިމީހުންގެ ބެލުން ތިރިކުރުމަށް އަންގަވައި ހިލޭ ފިރިހެނުންނާއި ހިލޭ އަންހެނުން އެކީ އެކަހެރިވެ ނުއުޅުމަށް ވަނީ އަމުރުކުރައްވާފައެވެ.

އަދި ކުރީގައި ކައިވެންޏެއް ކޮށްފައިވާ މީހަކު ޒިނޭކޮށްފި ކަމުގައި ވަނީނަމަ އޭނާގެ މައްޗަށް ކަނޑައަޅުއްވާފއިވަނީ އެންމެ ބޮޑު ޢުޤޫބާތެވެ. އެއީ އޮށްގަލުން ތަޅާ ރަޖަމްކޮށް މަރާލުމެވެ. އެނާގެ ހަށިގަނޑުގެ ހުރިހާތަނަކަށް އޭގެ ވޭން އެޅުމަށްޓަކައެވެ. ޙަރާމްގޮތުގައި މުޅިހަށިގަނޑުން އަރާމް ލިބިގަތްކަމަށްޓަކައެވެ. އަދި ކުރީގައި ކައިވެންޏެއް ނުކޮށްހުރެ ޒިނޭކުރާ މީހާއަށް ވަނީ ދުއްރާއިން ތެޅުމެވެ. މިކަމުގައިވެސް ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ އެންމެ މަތީ ޢަދަދެވެ.

އެއީ ދުއްރާއިން 100 އެތިފަހަރުން ތެޅުމެވެ. އަދި އެކަންކުރާ މީހާ ފަޟީޙަތްވުމަށްޓަކައި މުއުމިނުންގެ ޖަމާޢަތަކަށް މިމަންޒަރު ފެންނަގޮތަށް މިކަން ކުރިޔަށް ގެންދަންޖެހެއެވެ. އަދި އެރަށެއްގައި އޭނާ ޒިނޭ ކުރިރަށް ނޫން އެހެން ރަށަކަށް އެއް އަހަރު ވަންދެން އަރުވާލަން ޖެހެއެވެ.

--އައްޝައިޚް އަޙްމަދު މިޙްޞާން މުޙައްމަދު

މިއަދު އޮންލައިން