ކުދިންގެ ހިތުގަ ﷲ އަށް ލޯބި ޖައްސަން ދަރިންނަށް ދޭންޖެހޭ އެންމެ މުހިންމު ވެކްސިނަކީ ކޮބައިކަން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ކުދިންގެ ހިތުގަ ﷲ އަށް ލޯބި ޖައްސަން ދަރިންނަށް ދޭންޖެހޭ އެންމެ މުހިންމު ވެކްސިނަކީ ކޮބައިކަން އެނގޭހެއްޔެވެ؟

ﷲ ތަޢަލާގެ މަގަށް ކުދިންގެ ހިތްތަކުގައި ލޯބި ޖައްސުވަން ލިބޭ އެންމެ ރަނގަޅު ފުރުޞަތަކީ ކުދިން ބޮޑުވަމުން އަންނައިރު އެކުދިންނާއިއެކު ކުޅެން އުޅެމުންނެވެ. ކުޅެން އުޅުމުގެ ތެރޭގައި ދިމާވާ ކުދިކުދި ކަންކަމާއިވެސް ﷲ ތަޢާލާ އާއި ގުޅުވައިލާށެވެ.

މިސާލަކަށް ކުޅެން ގެންގުޅެނިކޮށް ކުއްޖާ އެންމެ ލޯބިވާ އެއްޗެއް ހަލާކުވެދާނެއެވެ. ބުނާށެވެ. "ދަރިފުޅާއެވެ. ދެރަނުވާށެވެ! އެކަން އެ މެދުވެރިވީ ﷲ ތަޢާލާ އެކަމަށް އިރާދަކުރެއްވެވުމުންނެވެ. އިން ޝާ ﷲ ބައްޕަ ނުވަތަ މަންމަ ދަރިފުޅަށް އެހެން އެއްޗެއް ގަނެދޭނަމެވެ. ދަރިފުޅުވެސް ދުޢާކުރަންވާނެއެވެ. އިން ޝާ ﷲ. ﷲ ތަޢާލާ އެއިރުން މާރަނގަޅު އެއްޗެއް ދެއްވަވާނެތެވެ."

މިފަދަ ވާހަކަތައް ދައްކަންވާނީ ކުއްޖާގެ އުމުރާއި ގުޅޭގޮތުންނެވެ. އެންމެ ކުޑައިރުވެސް ﷲ ތަޢާލާގެ ވާހަކަތައް ދައްކަންވާނެއެވެ. ހުރިހާ ކަންކަން މިންވަރު ކުރައްވަވަނީ ﷲ ތަޢާލާކަން ވިސްނައިދޭން މަސައްކަތްކުރާށެވެ.

މިސާލަކަށް ކުޅޭ ސާމާނުތައް ކައިރީގައި އިށީނދެފައިވެސް އެހައި ގިނަ ކުޅޭ ތަކެތި ދެއްވެވީ ﷲ ތަޢާލާކަމަށް ބުނެލާށެވެ. ދެން އިތުރަށް މާގިނަ ވާހަކަތަކެއް ނުދެއްކި ނަމަވެސް ކުއްޖާގެ ހިތުގައި ދާނީ އެބަސް ހަރުލަމުންނެވެ.

ބޮޑުވުމުން ނަމާދުކުރަން ބުނާއިރުވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ ނަމާދުކުރުމުން ކަމަށްބުނާށެވެ. އަދި ބޭނުންވާ ކަންކަން އެންމެ ރަނގަޅު ގޮތުގައި ހިންމަވައި ދެއްވަވާނީ ނަމާދުކުރުމުން ކަމަށްވެސް ބުނާށެވެ.

މިފަދަ ކަންކަމަކީ އެންމެ ކުޑައިރުންސުރެ ކުއްޖާއަށް ދޭންޖެހޭ "ވެކްސިން" ފަދަ ކަންކަމެވެ. ނަމަވެސް މި "ވެކްސިން" ދިނުމަށް ގިނަ ބެލެނިވެރިން ދަނީ އިހްމާލްވަމުންނެވެ. އެންމެ މުހިންމު ވެކސްނަކީ މިއީ ކަމަސްވާއިރުވެސްމެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން