އަޅުގަނޑުގެ މައިންބަފައިންނަކީ ތަނަވަސްބައެކެވެ. އަޅުގަނޑު ކައިވެނިކުރުމުން އަޅުގަނޑުމެން އުޅޭނެ ގެއެއް ބައްޕަ ދެއްވިއެވެ. އެގޭގައި ވަރަށް ރީތިކޮށް ކޮޓަރިއެއް ތައްޔާރުކުރީމެވެ، އެއީ ދަރިއަކު ލިބުމުން އެދަރިފުޅު ގެންގުޅޭނެ ކޮޓަރިއެވެ. ކުއްޖަކު އުފާވާނެ ހުރިހާ ގޮތަކަށް ވިސްނައިގެން ކޮޓަރި ޑިޒައިން ކުރީމެވެ.
ކޮޓަރި ނިމުމުން އިންތިޒާރުކުރީ ދަރިއަކަށެވެ. 3 އަހަރުވީއިރުވެސް ދަރިއަކު ނުލިބެއެވެ. އެންމެ ފަހުން ދެ މީހުން މަޝްވަރާކޮށްފައި ޔަތީމް ކުޑަކުއްޖަކު ގެނެސްގެން ކޮޓަރީގައި ހެންގުޅެން ފެށީމެވެ. އަމިއްލަ ދަރިއެއްފަދައިން ކަންކަންކޮށްދީ ލޯބި ދެމުން ގެންދިއައިމެވެ.
އެކުއްޖާ ގެންގުޅެންފެށިތާ އަހަރުނުވާނެއެވެ. ﷲ އިރާދަފުޅުން ބަލިވެ އިނދެއްޖެއެވެ. ދުވަސްފުރައި އެއްމާބަނޑު ދެކުދިން ލިބިއްޖެއެވެ. ނަމަވެސް ހޯދި ކުއްޖާ ކޮޓަރިއަކުން ނުނެރެމެވެ. އިތުރު ކޮޓަރިއެއް ހަމަ އެގޮތަށް ތައްޔާރުކުރީއެވެ. 2 ކުދިންނަށް ޚާއްޞަކޮށްގެންނެވެ.
އެއިގެ 3 އަހަރުފަހުން އަނެއްކާވެސް ބަލިވެ އިނދެ ކުއްޖަކު ލިބުނެވެ. ގޭގައި 4 ކުދިން ހަމަވީއެވެ. ގެއަށް ލިބުނު އުފާވެރިކަމާއި ދިރުން ބަޔާންކުރަންވެސް އުނދަގުލެވެ.
އުފާވެރިކަން ބޭނުންނަމަ އުފާނުލިބިފައި ތިބި މީހުންނަށް އުފާވެރިކަން ހޯދައިދޭށެވެ. ތިބާއަށް ބޭނުންވާ އުފާވެރިކަން ﷲ ތަޢާލާ ދެއްވަވާނެތެވެ. ޔަތީމްކުދިންނަށް އަޅާލައި އެހީތެރިވެ ލޯބިދޭނަމަ އެމީހަކަށް ﷲ ތަޢާލާ އާއި ރަސޫލް ﷺގެ ލޯބި ލިބެމުންދާނެއެވެ. ތިމާ އެދޭ ކަންކަން ދުނިޔޭގައިވެސް ޙާޞިލްކުރެވެމުންދާނެއެވެ. އަދި ޤިޔާމަތް ދުވަހު ދެއްވަވާނެ އުފާވެރިކަން މާބޮޑުވާނެއެވެ.
އިން ޝާ ﷲ