ތަނަވަސްކަމުގެ ދަހިވެތިކަމުގަ އާޚިރަތް ދޫކޮށްލާ މީހުން ހަމައެކަނި މި 2 އާޔަތަށް ވިސްނައިލިޔަސް ފުދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ތަނަވަސްކަމުގެ ދަހިވެތިކަމުގަ އާޚިރަތް ދޫކޮށްލާ މީހުން ހަމައެކަނި މި 2 އާޔަތަށް ވިސްނައިލިޔަސް ފުދޭނެ!

"އަންހެނުންނާއި، ދަރިންނާއި، ރަނާއި، ރިހީގެ ތެރެއިން އެއްކުރެވިފައިވާ ގިނަބައިވަރުތަކާއި، މޮޅު އަސްތަކާއި، ގެރިބަކަރި ޖަމަލާއި، ދަނޑުބިމާއި، މިތަކެއްޗަށް އެދުމުގެ ލޯބި، މީސްތަކުންނަށް ޒީނަތްތެރި ކުރެއްވިއެވެ. އެއީ، ދުނިޔޭގެ ދިރިއުޅުމުގައި އުފާލިބިދޭ ތަކެއްޗެވެ. ނަމަވެސް އެނބުރިދަނިވި ރިވެތިވެގެންވާ ތަންވަނީ ﷲ ގެ ޙަޟްރަތުގައެވެ." (އާލް ޢިމްރާން: 14)

"ކަލޭގެފާނު ވިދާޅުވާށެވެ! އެހުރިހައިތަކެއްޗަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ކަމެއްގެ، ވާހަކަ ތިޔަބައިމީހުންގެ ގާތުގައި ތިމަންކަލޭގެފާނު ވިދާޅުވަންހެއްޔެވެ؟ (އެއީ) ތަޤްވާވެރިވި މީހުންނަށް އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި، ސުވަރުގެތަކެއް ވެއެވެ. އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގައިހުރެތެވެ. އެ ސުވަރުގެތަކުގައި، ދެމިތިބޭ ޙާލުގަޔެވެ. އަދި، ޠޯހިރު ވެގެންވާ އަނބިންތަކެއްވެސް (އެއުރެންނަށް) ހުށްޓެވެ. އަދި، ﷲ ގެ ޙަޟްރަތުން ރުއްސެވުން (އެއުރެންނަށް) ހުށްޓެވެ. ﷲ އީ، އަޅުތަކުންގެ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ." އާލްޢިމްރާން: 15)

ތަނަވަސްކަމުގެ ދަހިވެތިކަމުގައި ތިމާ އާއި އަހުލުންގެ އާޚިރަތް ގެއލެނިކޮށްނުލާށެވެ! އެއިރުން ވާނެ ގޮތް މިއޮތީ ފެންނާށެވެ! އަދި ދަތިޙާލުގައި ނަމަވެސް ތަޤްވާވެރިވުމުން ދެއްވަވާނެ ނިޢްމަތްވެސް މިއޮތީ އެނގޭށެވެ.

އަދި ކުރަންވީ ދުޢާވެސް މިއޮތީއެވެ!

"އެއުރެންނީ ދަންނަވާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެން އީމާންވެއްޖައީމުއެވެ. ފަހެ، އަޅަމެންގެ ފާފަތައް، އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ!" (އާލްޢިމްރާން: 16)

ދުޢާ: رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ النَّارِ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން