އަޅުގަނޑު ވަޒީފާއިން ވަކިކުރަން މަސައްކަތްކުރުމުން ޕްރަމޯޝަނަކާއި ފައިސާގެ ހަދިޔާއެއް ލިބުނު ޛިކުރު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 41ސ
އަޅުގަނޑު ވަޒީފާއިން ވަކިކުރަން މަސައްކަތްކުރުމުން ޕްރަމޯޝަނަކާއި ފައިސާގެ ހަދިޔާއެއް ލިބުނު ޛިކުރު-

އަޅުގަނޑު ކުންފުންޏެއްގެ ޒިންމާދާރު ވަޒީފާއަދާކުރާތާ 5 އަހަރުވީއެވެ. ނިމިގެންދިއަ 2021 ވަނަ އަހަރަކީ 5 އަހަރު ފުރުނު އަހަރެވެ. އަޅުގަނޑު މިގެންދަނީ އަނބިމީހާ އާއި 2 ދަރިންނާއި އަނބިމީހާގެ މައިންބަފައިންނަށާއި އަޅުގަނޑުގެ މުސްކުޅި މަންމަ އާއި ބައްޕައަށްވެސް ވިވަރަކުން އެހީތެރިވަމުންނެވެ.  

ދިރިއުޅޭތަނުގެ ކުއްޔާއި ބިލްތައް ދައްކާފައި ދެން ކުރަންޖެހާކަންކަން އޮންނަނީ ހަމަ ނުކުރެވިފައެވެ. އެޙާލުގައި އުޅެނިކޮށް މިދިއަ އަހަރު މެދުތެރޭގައި އަޅުގަނޑުގެ ބޮލުގައި ބައަކު ވަރަށް ބޮޑު ބަދުނާމެއް އެޅުވިއެވެ. އެއީ އަޅުގަނޑު ހުރި މަޤާމުގެ ދަހިވެތިކަމުގައެވެ. އެކަމާއި ގުޅިގެން އޮފީހުގައި ބޮޑެތި ތަޙްޤީޤްތަކެއްވެސް ކުރިއެވެ.  

އެދުވަސްވަރު ކުންފުނީގެ ވެރިންނާއި ވާހަކަ ދައްކައި އެމީހުންގެ ރުހުން ހޯދަން މަސައްކަތްކުރަން ގިނަބައަކު ނަޞޭޙަތްދިނެވެ. ނަމަވެސް އެފަދަ އެއްވެސް މަސައްކަތެއް އަޅުގަނޑު ނުކުރަމެވެ. އެންމެން ގާތުވެސް ބުނީމެވެ. "އަޅުގަނޑު މިހުރީ ތެދުވެރިކަމާއިއެކުގައެވެ. ﷲ ތަޢާލާ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވަވާނެއެވެ. ރުހުން ހޯދަން މަސައްކަތްކުރަންޖެހޭނީ ކުށެއްކޮށްފައިވާނަމަ ނޫންހެއްޔެވެ؟ އަޅުގަނޑު މިގެންދަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވައި ވާގިއެދެމުންނެވެ. އިން ޝާ ﷲ ދެރަ ގޮތަކަށް އިރާދައެއް ނުކުރައްވާނެއެވެ."  

އަޅުގަނޑު ޢަމަލުކުރީ މިޙަދީޘްފުޅަށެވެ. ހެނދުނާއި ހަވީރު ގެންދިއައީ ޙަދީޘްފުޅުގައިވާފަދައިން ޛިކުރުކުރަމުންނެވެ.  

حَسْبِـيَ اللّهُ لا إلهَ إلاّ هُوَ عَلَـيهِ تَوَكَّـلتُ وَهُوَ رَبُّ العَرْشِ العَظـيم 

“Sufficient is Allah for me, in Him I put my trust and He is the Lord of the formidable throne.”

The Prophet   said that whoever says this seven times in the morning and evening, Allah   will spare him what worries him [Abu Dawud]. 

ދެން ހިތްވަރު ލިބިގަތީ މިއާޔަތުންނެވެ.  

"އެއީ، އެއުރެންނަށް މީސްތަކުން ބުނި މީހުންނެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާ ދެކޮޅަށް މީސްތަކުން (ލަޝްކަރު) އެއްކޮށްފިއެވެ. ފަހެ، ތިޔަބައިމީހުން، އެއުރެންދެކެ ބިރުގަންނާށެވެ! ފަހެ، އެ ބަސް އެއުރެންނަށް إއީމާންކަން އިތުރުކުރިއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެންނަށް، ﷲ ފުދެއެވެ. އަދި، ވަކީލްކުރެވޭ ފަރާތުގެ މޮޅުކަމާއެވެ!" (އާލްޢިމްރާން: 173) 

އެއީ ކުޑަ މައްސަލައެއް ނޫނެވެ. އަޅުގަނޑުގެ އިހްމާލުން ކުންފުންޏަށް 2 މިލިއަން ރުފިޔާ ގެއްލުންވިކަމަށް ތުހުމަތުކުރި މައްސަލައެކެވެ. އަދި އެއިން ބައެއް އަޅުގަނޑު ކަޓްނެގިކަމަށްވެސް އޮތީ ތުހުމަތުކޮށްފައެވެ. 

އަޅުގަނޑު ސަސްޕެންޑްވެސް ކުރިއެވެ. ގޭގައި ހުންނަތާ 10 ވަނަ ދުވަހު އަޅުގަނޑު އޮފީހަށް ގެންދިއައެވެ. ޙާޒިރުކުރީ ކުންފުނީގެ 2 ވެރިން ތިބޭ ކޮޓަރިއަށެވެ. އަޅުގަނޑާ ފުރަތަމަވެސް ސުވާލުކުރީ ތިއަހުރީ ވަރަށް ޖެހިލުންވެފައިތޯއެވެ؟ ޖަވާބުގައި ބުނީމެވެ. "މައްސަލަ ރަނގަޅަށް ބެލިނަމަ ސާބިތުވާނީ އަޅުގަނޑުގެ އިޚްލާޞްތެރިކަމެވެ. ވީމާ އެއްވެސް ވަރަކަށް ކަންބޮޑެއް ނުވަމެވެ." 

ދެ ވެރިންވެސް ހިނިތުންވެގެން ތިބުމުން ވަރަށް ހިތްހަމަޖެހުނެވެ. ބުންޏެވެ. "މައްސަލައެއް ހުށަހެޅިއްޖެނަމަ ބަލަންޖެހޭނެތީ ބެލީއެވެ. ބެލުމުން އެނގުނީ މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ކަންކަން ކޮށްފައިވާގޮތުން ކުންފުނިން ލަފާކޮށްފައިވާ ވަރަށްވުރެ ޚަރަދުކުޑަކޮށް މަޝްރޫޢު ހިންގާފައިވާކަމެވެ. އެކަމުގެ ސަބަބުން ކުންފުންޏަށް ވަނީ ރަނގަޅު ފައިދާއެއްލިބިފައެވެ. ވީމާ އަހަރެމެން ނިންމާފައިވަނީ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެނެސް ޕްރަމޯޝަނެއް ދިނުމަށެވެ." 

އަޅުގަނޑު ވަގުތުން ޝުކުރުގެ ސަޖިދަކުރީމެވެ. ތެދުވިއިރުވެސް އުފަލުން ރޮވެއެވެ. ﷲ ގެ ދީލަތިވަންތަކަން ބޮޑުކަމުންނެވެ. އަޅުގަނޑަށް ގޮވާލައި މޭޒު ކައިރިއަށް ގެންގޮސްފައި ފައިސާގެ ހަދިޔާއެއްވެސް ދިނެވެ. އަދި ބުންޏެވެ. "ތެދުވެރިކަމާއިއެކު މަސައްކަތްކުރާށެވެ. އެކަމުގެ އަގު އަހަރެމެން އަބަދުވެސް ވަޒަންކުރާނަމެވެ." 

ކަންކަން މިގޮތަށް ނިމިގެންދިއުމުން ބުނެވެން އޮތީ އެބައަކު އެޝަކުވާ ނުކުރިނަމަ މިކުރިއެރުމާއި ހަދިޔާ ނުލިބުނީސްކަމަށެވެ. އެއީ އެހެން ނޫންނަމަ އެހައި ތަފްޞީލްކޮށް ކަންކަން ހިނގައިދިއަ ގޮތާ އަޅުގަނޑު ކުރި މަސައްކަތް އެހައި އަވަހަށް ނުބަލާނެތީއެވެ. އަހަރީ ރިޕޯޓް ހަދާނެ ދުވަހަކަށް އިންތިޒާރުކުރަންޖެހޭނެތީއެވެ.  

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން