ކައިވެންޏަށް 3 މަސްވެސް ނުވަނީސް ކަރުނައަޅަންޖެހުނު އަންހެނެއްގެ އިޙްޞާޞްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ކައިވެންޏަށް 3 މަސްވެސް ނުވަނީސް ކަރުނައަޅަންޖެހުނު އަންހެނެއްގެ އިޙްޞާޞްތައް-

އަޅުގަނޑަކީ ޤަދަރުވެރި ވަޒީފާއެއްގައި ހުރި އަންހެނަކީމެވެ. ކައިވެނިކުރަން އުޅެން ފެށުމުން އޭނާއާއި ކައިވެނިނުކުރަން ނުބުނާ ހަމައެކަކުވެސް ނެތެވެ. މައިންބަފައިންނާއި ޢާއިލާގެ މީހުންގެ އިތުރުން ގާތް އެންމެންވެސް ބުނެ ނަޞޭޙަތްދިނެވެ.

އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވެގެން ތަޤްވާވެރި ރަނގަޅު ޒުވާނުންވެސް ތިއްބެވެ. ނަމަވެސް އަޅުގަނޑަށް އިސްކަން ދެވުނީ ލޯތްބަށެވެ. ހުރިހާ ނަޞޭޙަތަކަށްވުރެ ބާރުގަދަވީ ލޯތްބެވެ. އެކަމުގެ ނަތީޖާއަކަށްވީ ކައިވެނިކުރުމެވެ. ކައިވެނިކުރިކަމުގެ ނަތީޖާއަކަށްވީ 3 މަސްވެސް ނުވަނީސް ކާމޭޒުދަށަށް ގުޅައަކަށް ވެއްޓެންޖެހި ފަޔަށް އަނިޔާވުމެވެ. ވެއްޓެން ޖެހުނީ ކެއްކިފައިހުރިލެއް ލޮނުގަދަވެގެން ކާން އިނދެފައި ތެދުވެ ދެފައިއެއްކޮށްޖެހުމުންނެވެ.

އެއިގެފަހުން މަސްދުވަސްވެސް ނުވަނީސް މޫނުމަތީގައި ޖެހުމުން ދުޅަވީވަރުން ލޯހުޅުވައިލެވުނީ 3 ދުވަސްފަހުންނެވެ. އެއީ ހަވީރު ކުޅެންދާން ބެލިއިރު ޖަރސީ ފެންނަން ނެތިގެންނެވެ.

މޫނުގެ ދުޅަތިރިވުމުން އަޅުގަނޑު ބުނީމެވެ. ލޯބި ވަރަށް ރަނގަޅަށް ދަސްވެއްޖެއެވެ. ލޯބީގެ ރަހަވެސް ވަރަށް ރަނގަޅަށް ލައިފިއެވެ. އިތުރަށް ލޯބިވާން ނުހަދައި އަވަހަށް ވަރިކޮށްފައި މިގެއިން ނުކުންނާށެވެ.

އަޅުގަނޑު އެހެން ބުނީ އަޅުގަނޑުގެ ޢާއިލާގެ އެންމެންގެ ކުރިމަތީގައެވެ. އެވަރުންވެސް ޖަހަން އުފުލި އަތުގަ ބޭބެ ނުހިފެހެއްޓިނަމަ ވާނެ ގޮތެއް ނުއެނގެއެވެ. އެވަގުތު ބޭބެ ބުންޏެވެ. "ބަލަ ޖަހަން އެނގޭނީ ނުވަތަ ޖެހޭނީ ކަލެއަށް އެކަނި ހެއްޔެވެ؟ ނުސީދާކޮށް ދެން ބަލައިލި ނަމަވެސް ލޮލެއް ނުބައިންދާނަމެވެ. ޖަހައިފިނަމަ އަތްވެސް އުފުރައިލާނަމެވެ. ހަމަ މިހާރު މިގެއިން ނުކުމެގެންދާށެވެ. ރުޅިއަންނައިރަށް ގައަށް އަތްލުމަކީ މިގޭ އެއްވެސް މީހަކު ދަންނަކަމެއް ނޫނެވެ."

ކޮންމެއަކަސް މިއީ ލޯބީގެ ރަހަ އަޅުގަނޑަށް ތަޖުރިބާކުރެވުނު ގޮތެވެ. އެހެންވެ ދެވަނަ ކައިވެނިކުރީ ލޯބިނުވާ މީހަކާއެވެ. ކައިވެންޏަށް މިހާރު 2 އަހަރުވެއްޖެއެވެ. އަދިވެސް އަޅުގަނޑަކަށް އޭނާދެކެ ލޯތްބެއް ނުވެއެވެ. ނަމަވެސް އޭނާ އަޅުގަނޑު ގެންގުޅެނީ ހަމަ އުރާލައިގެންނެވެ. އެހެންވީމާ އޯކޭ ނޫންތޯއެވެ؟

--ޝިޢާރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން