އަޅުކަން ޤަބޫލުފުޅުކުރައްވަވާ 2 ޝަރުޠު-

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
އަޅުކަން ޤަބޫލުފުޅުކުރައްވަވާ 2 ޝަރުޠު-

ދަންނާށެވެ! ދެ ޝަރުޠެއް ފުރިހަމަނުވާހާ ހިނދަކު މުސްލިމެއްގެ ކިބައިން އަޅުކަމެއް ޤަބޫލެއްނުކުރެއްވެއެވެ:

އެންމެ ފުރަތަމަ ޝަރުޠު : 

އެއީ ﷲ ތަޢާލާއަށްޓަކައި ނިޔަތް ޚާލިޞް ކުރުމެވެ. އެއީ އަޅާ ކުރާ އަޅުކަމުގެ މަޤުޞަދަކީ ހަމައެކަނި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުންކަމުގައި ހަދައިގެން އަޅުކަން އަދާކުރުމެވެ. ﷲ ތަޢާލާގެ ވަޖްހުފުޅު އަދައިގެން އަޅުކަން ކުރުމެވެ. އެހެން އެއްވެސް ފަރާތެއް އެކަމުގައި ޝަރީކު(ބައިވެރި) ނުކުރުމެވެ.

ދެވަނަ ޝަރުޠު : 

އެއީ ﷲ ތަޢާލާ ބާވައިލެއްވި ޝަރީޢަތުގައި އައިސްފައިވާ ގޮތައް އެކަމެއްކުރުމެވެ. އެގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދައްކަވާދެއްވާފައިވާ ގޮތަށް އެކަމެއްކުރުމެވެ. ކޮންމެ އަޅުކަމެއްގައިވެސް އެކަލޭގެފާނަށް ތަބާވުމެވެ. އަދި އަޅުކަން އަދާކުރުމުގައި އެކަލޭގެފާނާއި ޚިލާފުވުން ދޫކޮށްލުމެވެ. އަދި އެކަލޭގެފާނުގެ ކިބައި ޘާބިތުނުވާ އާ އަޅުކަންތަކާއި ، އަޅުކަންތަކުގައި ފަހުން އައި ބަޔަކު ހަދާފައިވާ އާ (އަމިއްލަ ވިސްނުމުން ގެންނަ، ޘާބިތުނުވާ) ޙަރަކާތްތަކުން ދުރުހެލިވެގެން އަޅުކަން އަދާކުރުމެވެ.

މިގޮތުން ބަލާއިރު، ދަރިފުޅަކު، އޭނަގެ ބައްޕަދެކެ ބިރުން ނުވަތަ ބައްޕަގެ ރުހުން ހޯދަން ، އެއާއި އެކު ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމުގެ ނިޔައް ނުގަނެ ކުރާ ނަމާދު، އެއީ ޤަބޫލުވެވިގެންވާ ނަމާދެއްކަމުގައެއް ނުވާނެއެވެ. އެހެނީ ނަމާދަކީ އަޅުކަމެކެވެ. އަޅުކަމެއް ﷲ ތަޢާލާ ފިޔަވައި އެހެންފަރާތަކަށް އަދާކުރުމެއްނުވެއެވެ.

އެހެން ނަމަވެސް އޭނަގެ ނަމާދުގައި އޭނާ ނިޔަތަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުންކަމަށް ހަދައިފިނަމަ، އަދި އެއަށްފަހު އެއާއި ގުޅިގެން މައިންބަފައިންގެ ރުހުންވެސް ލިބުންވެސް އޭނާގެ ހިތުގައި އޮތްކަމުގައިވިޔަސް، އިންޝާﷲ އެ ނަމާދަކީ ޤަބޫލުވެގެންވާ ނަމާދެއްކަމުގައިވާނެއެވެ.

والله أعلم

- މަސްދަރު: ދިސަލަފިއްޔާ

މިއަދު އޮންލައިން