އޭނާއަކީ ފުދޭވަރަކަށް ފަލަ އަންހެނެކެވެ. އޭނާ ޒުވާނަކަށް ލޯބިހުށަހެޅުމުން ބުނީ އެކަމަށް ވިސްނާނީވެސް ހިކުމުން ކަމަށެވެ. އަދި ލޯބިވުމުގެ ވާހަކަ ދެއްކުމުގެކުރިން ހިކެން ކުރަންޖެހޭ އޮޕަރޭޝަންކުރުން ރަނގަޅުވާނެ ކަމަށެވެ. އަދި ހިކިއްޖެ ނަމަ ދެމީހުން އެކުގައި ދިރިއުޅެވިދާނެ ކަމަށެވެ.
އޭނާ ހުރިހާ ކަމެއް ދޫކޮށްލުމަސްފަހު އޮޕަރޭޝަން ކުރަން ފައިސާ ޖަމާކުރަން ފެށިއެވެ. ކެއުންވެސް ދުވާލަކު އެއް އިރަށް ބަދަލުކޮށް ޚަރަދުކުޑަކުރިއެވެ. އެވަރުންވެސް ފައިށާ ޖަމާވާލެއް ލަސްކަމުން ދިރިއުޅޭ އެޕާޓްމަންޓްވެސް ވިއްކާލިއެވެ.
އޮޕަރޭޝަން ކާމިޔާބެ ބޮޑުތަނުން ހިކުނެވެ. ހޮސްޕިޓަލުން ނުކުތްގޮތަށް ދިއައީ ލޯބިވެރިޔާގެ ގެއަށެވެ. އޭނާ ބުނީ އޭނާއަށް ކަމުދާވަރަށް ހިކޭނީ އަދިވެސް 10 ވަރަކަށް އޮޕަރޭޝަންކޮށްގެން ކަމަށެވެ. ލޯބިވެރިޔާއަށް އިތުބާރުކޮށް އޮޕަރޭޝަންކުރަން ފައިސާ ހޯދަން އެޕާޓްމަންޓް ވިއްކާލި ވާހަކަ ބުނުމުން ބުނީ އެއީ ކަލޭގެ މޮޔަކަމުން ކުރިކަމެއް ކަމަށެވެ.
އޭނާ މަގުމަތިވީއެވެ. އެހާލުގައި އުޅެނިކޮށް ބައްދަލުވި އަވަށްޓެރި މުސްކުޅި އަންހެނަކު އޭނާއަށް ހަމްދަރުދީވެ އެގޭގައި ގެންގުޅެންފެށިއެވެ. އެގޭގައި އުޅެންފެށިތަނާ އަނެއްކާ ފަލަވެއްޖެއެވެ. ހަމަ ކުރިން ހުރިވަރަށެވެ.
އެގެއިން ބައްދަލުވި އަވަށްޓެރި ޒުވާނަކު އޭނާއާއި ކއަިވެނިކުރަން ބޭނުންވިއެވެ. ޒުވާނާބުނީ ކުރިންވެސް އޭނާދެކެ ލޯބިވާކަމަށެވެ. ފަލަވުމަކީ އޭނާއަށް މައްސަލައެއް ނޫން ކަމަށެވެ. އެހެން ބުނުމުން ދެމީހުން ކައިވެނިކޮށް އެކުގައި ދިރިއުޅެން ފެށީއެވެ.
މިއީ ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކައިންވެސް އެނގުނީ މީހަކު ލޯބިވާނީ ފަލަމިނަށް ބަލައިގެން ނޫންކަމެވެ. ފަލަނަމަ ހިކެން މަސައްކަތްކުރުމަކީ ޞިއްހަތަސް ފައިދާކުރާނެ ކަމެކެވެ. ނަަމވެސް އެއީ ކޮންމެހެން ލޯބިވެރިޔާ ބޭނުންވާ ސިފައަށް ހުންނަން ކުރަންޖެހޭ ކަމެއް ނޫނެވެ.
ހިކިކޮށް ހުއްޓާ ލޯބިވެގެން ކައިވެނިކުރާތަނުން ޚާއްޞަކޮށް ކުއްޖަކު ވިހާތަނުން ފަލަވެއްޖެނަމަ ލޯބިނުވާގޮތަށް ކައިވެނިކުރަންވެދާނެހެއްޔެވެ؟ ނަމަވެސް މިއީ ހަމަ ވަރަށް ގިނައިން މިހާރަކަށް އައިސް ކުރިމަތިވަމުން އަންނަކަމެކެވެ. ކައިވެނިކުރަންވީ ތިމާ ހުރި ސިފައިގައި ތިމާދެކެ ލޯބިވާނެ މީހަކާއިއެވެ. އެއިރުން ފަލަވެގެން ނޫނީ ހިކިގެން މައްސަލައެއް ނުޖެހޭނެއެވެ.
އަޅުގަނޑަކީ ފަލަ އަންހެނަކީމެވެ. ނަމަވެސް އަޅުގަނޑުގެ ފިރިމީހާ ޝަކުވާއެއް ނުކުރެއެވެ. ނުލާހިކު ލޯބިވެއެވެ. ހިކެން މަސައްކަތްކުރަމެވެ. އެއީ ޞިއްހަތަށްޓަކައެވެ. ފިރިމީހާ ވަރިކޮށްފާނެތީއެއް ނޫނެވެ.
--ރާމިޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް