އަދި މާގިނަ ދުވަސްތަކެއް ނުވެއެވެ. ދާދިފަހުގެ ކަމެކެވެ. ފުޓްބޯޅައިން ފައިނަލަށް ހިނގައްޖެނަމަ ނާޗަރަންގީ ޝޯތައް ބާއްވާނެކަމަށް އިއުލާނުކުރުމުން އެކަން ނުކުރަން ޢިލްމުވެރިން ނަޞޭޙަތް ދެއްވިއެވެ. ޤަބޫލެއް ނުކުރިއެވެ. އެހިސާބުން އަދިވެސް މިއުޅެނީ ފުޓްބޯޅައިން އެއްވެސް ކާމިޔާބެއް ނުލިބިގެންނެވެ. ކާމިޔާބު ނުލިބުނު ތަނުގައި ދަނީވެސް ފަހަތަށެވެ.
އާއަހަރު ފާހަގަކުރަން ނާޗަރަންގީ ޝޯ ނުބާއްވަން ޢިލްމުވެރިން އާދޭސްކުރެއްވިއެވެ. ނަމަވެސް ބޭއްވީއެވެ. އެއިރު އެކިޔާ އެމިކްރޮންއެއް ދުނިޔޭގައި އަދި ރާއްޖޭގައިވެސް އުޅޭތާ އެތައް ދުވަހެކެވެ. މާގިނަ ބައަކު ޕޮޒިޓިވެއް ނުވެއެވެ. ނާޗަރަންގީ ޝޯ ބޭއްވިތާ ހަފްތާއެއް ނުވަނީސް ބަލިފެތުރުން ބޮޑުތަނުން ގިނަވެ ފިޔަވަޅުތައް ވަރުގަދަކުރަން މިއޮތީ ޖެހިފައެވެ.
އަނގައިގާ މާސްކް، ލޮލުގައި ގޮގްލްސްވެސް އެޅިދާނެއެވެ. އަތަށް އަންގި ލައްވައިގެންވެސް އުޅެވިދާނެއެވެ. ދަގަނޑުހެދުން ވެސް އެޅިދާނެއެވެ. ނަމަވެސް ކޮންމެ ބައްޔަކުންވެސް ރައްކައުތެރިކަން ދެއްވެވުމާއި ޝިފާ ދެއްވެވުން ވަނީ ﷲ ތަޢާލާއަށްކަމާއިމެދު ނުވިސްނައި ސަލާމަތްކަން ލިބޭނީ ކިހިނަކުންތޯއެވެ؟
ޢިލްމުވެރިން ބަޔާންކުރައްވަވަނީ އެބޭކަލުންގެ އަމިއްލަފުޅު ބަސްތަކެއް ނޫނެވެ. ދީނުގައި ކަންކަން އޮތްގޮތެވެ. ހުއްދަ ކަންކަމާއި ހުއްދަ ނޫން ކަންކަމެވެ. އެއީ އެބޭކަލުން އަމިއްލަފުޅަށް ވިދާޅުވާ ވާހަކަތަކެއް ނޫނެވެ. ވީމާ ދެންވެސް މިފަދަ ކަންކަމަށް އިތުރަށް ވިސްނައިލުން ކީއްތޯއެވެ؟