ޙަޤީޤީ ޙާދިސާ: ދަރިފުޅުގެ ކައިވެނި ސަލާމަތްކުރުމަށްޓަކާ ތަނަވަސް ބައްޕަ އެންގީ އަނބިމީހާއަށް ކައްކައި ކާންވެސްދޭން- ނަތީޖާ ވަރަށް ކާމިޔާބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 19ސ
ޙަޤީޤީ ޙާދިސާ: ދަރިފުޅުގެ ކައިވެނި ސަލާމަތްކުރުމަށްޓަކާ ތަނަވަސް ބައްޕަ އެންގީ އަނބިމީހާއަށް ކައްކައި ކާންވެސްދޭން- ނަތީޖާ ވަރަށް ކާމިޔާބު!

އަޅުގަނޑުގެ ނަމަކީ ޝާން އެވެ. އަޅުގަނޑު ނިޞްބަތްވަނީ މާލޭގެ ތަނަވަސް ޢާއިލާއަކަށެވެ. ބައްޕައަކީ މަޝްހޫރު ވިޔަފާރިވެރިއެކެވެ. އަޅުގަނޑުމެންވެސް ކައިވެނިކުރީ ވަރަށް ލޯބިން އެކުގައި 2 ،3 އަހަރު ހޭދަކޮށްފައެވެ. ކައިވެނިކުރުމާއިއެކު ދެމަފިރިންނަށް ވަކިން އެކަނި ފްލެޓެއްގައި ދިރިއުޅެވޭނެ ގޮތްވެސް ހަދައިދިނެވެ. 

ބައްޕަ ކިތަންމެ ތަނަވަސް ނަމަވެސް އަތަކަށް ފައިސާއެއް ނުދެއްވާނެއެވެ. ދެއްވާނީ ބޭނުންވެ ނުލިބިފައި އޮންނަ އެއްޗެކެވެ. ދިރިއުޅުމުގެ ކަންކަން ހަމަޖައްސަން ޖެހޭނީ އެކުއްޖެއްގެ އަމިއްލަ މަސައްކަތުންނެވެ. މާނައަކީ އަމިއްލައަށް ވިޔަފާރިކޮށްގެންނެވެ. ނޫންނަމަ ވަޒީފާ އަދާކޮށްގެން ލިބޭ މުސާރައިންނެވެ. ވިޔަފާރިކުރަން ބޭނުންވެގެން ކޮންމެ ދަރިއަކުނަމަވެސް ބައްޕައަށް ފީސިބިލިޓީ ރިޕޯޓެއް ހުށަހަޅައިފިނަމަ ފެށޭނެ ފައިސާ ހަމަޖައްސަވައިދެއްވާނެއެވެ. ވީމާ ބައްޕައަކީ ދަރިންނާއިމެދު ވަރަށް ހަރުދަނާ އުޞޫލުތަކަކަށް ކަންކަން ކުރައްވާ ބޭކަލެކެވެ. 

ކޮންމެއަކަސް އަޅުގަނޑަކީ މިބަޔާންކުރި އުޞޫލުގެ ތެރެއިން ބައްޕަގެއަތުން ފައިސާ ހޯދައިގެން ކުޑަވަރެއްގެ ޓްރެވަލް އެޖެންސީއެއް ހިންގާ ދަރިއަކީމެވެ. އެހެންވެ ވަރަށް ގިނަ ވަގުތަކުގައި އޮފީހުގައި އުޅެންޖެހޭތީ ގޭގައި ހޭދަކުރެވެނީ ވަރަށް މަދުވަގުތުކޮޅެކެވެ. އެމަސައްކަތަކީ ވަރަށް ގިނައިން މުވައްޒިފުންނާއި ވާހަކަދައްކައިގެން ކުރަންޖެހޭ މަސައްކަތަކަށްވާތީ އޮންލައިންކޮށްކުރުން އަޅުގަނޑަކަށް އެހައި ފަސޭހައެއް ނޫނެވެ. 

ކޮންމެއަކަސް ކައިވެންޏަށް 3 އަހަރު ފުރުނުއިރު ދަރިއަކު ވަނީ ލިބިފައެވެ. ކުރަންފެށި މަސައްކަތް ވަނީ ކުރިއަރައިފައެވެ. ނަމަވެސް ގޭތެރޭގެ ކަންކަން އޮތީ ފޭލްވެފައެވެ. ތެދަށް ބުނާނަމަ ކައިވެނިކޮށްގެން ތިބީ ހަމައެކަނި ދަރިފުޅަށްޓަކައެވެ. ލޯބީގެ އެއްވެސް ކަމެއް ދެމަފިރިންގެ މެދަކު ނެތެވެ. އެންމެ ކުޑަމިނުން ވާހަކަވެސް ދައްކަނީ ކޮންމެހެން ބަހެއް ބުނަން ޖެހިއްޖެނަމައެވެ. 

މިއީ އަޅުގަނޑު ބޭނުންވިގޮތެއް ނޫނެވެ. އަނބިމީހާ އާއި ނުލައި އޮތީ ކޮން އުފާވެރިކަމެއްތޯއެވެ؟ އަނބިމީހާ އާއިނުލައި ހަމައެކަނި ދަރިންނާ ފައިސާއިން ކުރާނީ ކޮންފައިދާއެއްތޯއެވެ؟ އެހެންވެ ވަރަށް ދެރަވެހުރެގޮސް މަންމަ ޢާއި ބައްޕައަށް މިވާހަކަތައް ކިޔައިދިނީމެވެ. ޙައްލު ހޯދޭނެ ގޮތުގެ ލަފައަކަށް އެދުނީމެވެ. 

މަންމަ ބުނުއްވީ އަނބިމީހާ ޢާއި ލޯބިން ވާހަކަދައްކައި މުޢާމަލާތުކުރުން އިތުރުކުރުމަށެވެ. ބައްޕަ ބުނުއްވީ އެޙާލަތަށް ދިއުމުން ހަމައެކަނި އަނގައިން މުޢާމަލާތުކޮށްގެން ނުފުދޭނެ ކަމަށެވެ. ގޭގައި އުޅޭ ވަގުތުގިނަކޮށް އަނބިމީހާ ކުރަންޖެހޭ މަސައްކަތުގައި ބައިވެރިވާންވެސް ޖެހޭނެ ކަމަށެވެ. ތިހާލަތަށް ދިއުމުން ލޯބިވާކަން ޢަމަލުން ދެއްކުމުގެ ގޮތުން އަނބިމީހާގެ ފައިމޮޑެދޭންވެސް ޖެހޭނެ ކަމަށެވެ. އަދި އަމިއްލަ އަތުން ކައްކާފައި އަނބިމީހާއަށް ކާންދޭންވެސް ޖެހޭނެ ކަމަށެވެ. އަދި އެއްވެސް ޙާލެއްގައި އެއީ އަނބިދަށުވުން ނޫން ކަމަށެވެ. 

މަންމަ އާއި ބައްޕަ ދެއްވި ނަޞޭޙަތް ޤަބޫލުކުރީމެވެ. ދެއްވި އިރުޝާދާއި އެއްގޮތަށް ޢަމަލުކުރަންފެށީމެވެ. ދަންނަވަންތޯއެވެ! ބައްޕަ ބުނުއްވިފަދައިން ގޭތެރޭގެ ކަންކަން ކުރަމުން ގޮސް އަޅުގަނޑު އަމިއްލައަށް ކެއްކި ފުރަތަމަ ދުވަހަކީ އަނބިމީހާގެ މަންމަ ބަލިވެގެން މަންމަ ގާތަށް އަނބިމީހާ ދިއަ ދުވަހެވެ. އެރޭ އަނބިމީހާ ގެއަށް އައީ 8 ޖެހިފަހުންނެވެ. އައިއިރު އަޅުގަނޑު ހުންނާނީ އެނގޭގޮތަކަށް ކައްކައި ކާންވެސް ހަދައިފައެވެ. ގެއަށް އައިސް ހަމަޖެހިލުމުން ކެއުމަށް ދައުވަތުދިނީމެވެ. ކާން ތިބެގެން ބުނީމެވެ. "ފަހަރެއްގައި ރަހަ އެހައި މީރުނުވެދާނެއެވެ. އެއީ ޔުނިވަރސިޓީގެ ހޮސްޓެލްގައި އުޅުނު ދުވަސްވަރުގެފަހުން މިއީ ފުރަތަމަ ކެއްކި އެއްޗެތިކަމަށްވުމުންނެވެ." 

އަނބިމީހާ އެއްވެސް އެއްޗެއް ނުބުނެއެވެ. ކައިނިމިގެން ސިޓިންގ ރޫމްގައި ހަމަޖެހިލާފައި އެދުނީ 2،3 ދުވަހަށް ނަމަވެސް ރާއްޖެތެރެއަށް ނުވަތަ ރިޒޯޓަކަށްނަމަވެސް ގޮސްލާނެ ވަގުތު އޮތްނަމަ ގޮސްލައިދިނުމަށެވެ. އަޅުގަނޑު ވަގުތުން އެކަން ޤަބޫލުކުރީމެވެ. ހަމަ އަނެއްދުވަހު ދަރަވަންދޫއަށް ދިއައިމެވެ. އެނބުރި އައީ 5 ދުވަސްފަހުންނެވެ. 

ދަންނަވަންތޯއެވެ! އަނބިމީހާ އެދަތުރުގެ ބޭނުން ހިފީ ދެވަނަ ހަނީމޫނު ދަތުރުގެ ގޮތުގައެވެ. އެދަތުރަށްފަހު ދެމީހުންގެ މެދުގައި ވަނީ އެންމެ ކުރިއެކޭ އެއްފަދައިން ލޯބި އުފެދި އިތުރުވެފައެވެ. އެއިގެފަހުން 4 އަހަރުވެއްޖެއެވެ. އިތުރު ދަރިއަކުވެސް ލިބިއްޖެއެވެ. ދިރިއުޅެމުން މިގެންދަނީ ހަމަ އެންމެ އުފަލުގައެވެ. އިން ޝާ ﷲ 

- ޢަލީ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން