ރަސޫލު ޞޢވ, ގެ ސިޔަރަތުން: ނަޞަބްފުޅާ ނަންފުޅުތައް

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 23ސ
ރަސޫލު ޞޢވ, ގެ ސިޔަރަތުން: ނަޞަބްފުޅާ ނަންފުޅުތައް

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ނަސަބުފުޅު:

އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު صلى الله عليه و سلم އަކީ މި ދުނިޔެ ދުށް އެންމެ މާތް އިންސާނާއެވެ. 

އެކަލޭގެފާނަކީ، ޢަދްނާންގެ ދަރި މަޢުދްގެ ދަރި ނިޒާރުގެ ދަރި މުޟައްރުގެ ދަރި މާލިކުގެ ދަރި ފިހްރުގެ ދަރި ޣާލިބުގެ ދަރި ލުއައްޔުގެ ދަރި ކަޢުބުގެ ދަރި މުއްރާގެ ދަރި ކިލާބުގެ ދަރި ޤުޞައްޔުގެ ދަރި ޢަބްދުމަނާފުގެ ދަރި ހާޝިމްގެ ދަރި ޢަބްދުލް މުއްޠަލިބުގެ ދަރި ޢަބްދުﷲ ގެ ދަރިކަލުން މުޙައްމަދު صلى الله عليه و سلم އެވެ.

އެކަލޭގެފާނުގެ ނަސަބުފުޅުގެ މިހާ ހިސާބަށް (ޢަދްނާން އާއި ހިސާބަށް) މުޅި އުއްމަތްވަނީ އިޖުމާޢުވެފައެވެ. އދި އަލްއިމާމް ބުޚާރީ އާއި އަލް އިމާމް މުސްލިމްވަނީ މިހާ ހިސާބަށް އިއްތިފާޤުވެ ވަޑައިގެންފައެވެ. އެހެންނަމަވެސް ނަސަބުގައި ޢަދުނާންއަށް ވުރެ ކުރިޔަށް ގޮސްފައިހުރި ރިވާޔަތްތަކުގެ ޞައްޙަ ކަމާމެދު ޙަދީޘް ޢިލްމުވެރިންގެ މެދުގައިވަނީ ޚިލާފުވެފައެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ނަސަބުފުޅަކީ މިބިންމަތީގައިވާ ހުރިހާ ނަސަބަކަށްވުރެ މަތިވެރިވެގެންވާ ނަސަބުފުޅެކެވެ.

ރަސޫލުﷲ صلى الله عليه و سلمގެ ނަންފުޅުތައް:

ލޮބުވެތި ނަބިއްޔާ މުޙައްމަދު صلى الله عليه و سلمގެ ގިނަ ނަންފުޅުތަކަކީ ޙަމްދުގެ މާނާއިގެނަންފުޅުތަކެވެ. އަދި ނަބީކަމުގެ މަތިވެރި ސިފަތަކާއި ގުޅިފައިވާނަންފުޅުތައްވެސް އެބަހުއްޓެވެ. އޭގެތެރެއިން އެންމެ މައްޝޫރު ނަންފުޅަކީ މުޙައްމަދުއެވެ. އަދި ޤުރުއާނުގައި ޞަރީހަކޮށް މިނަންފުޅު އައިސްފައިވެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. (محمد رسول الله) الفتح 29 މާނާއީ: "ﷲގެ ރަސޫލާ މުޙައްމަދެވެ." 

އަދި އަލް ޢައްލާމާ އިބްނުލް ޤައްޔިމް –ރަޙިމަހުﷲ- ވިދާޅުވެފައިވާގޮތުން ތައުރާތުގައިވެސް އެކަލޭގެފާނުގެ ނަންފުޅު ޞަރީޙަކޮށް އައިސްފައިވެއެވެ. މީމާތް ނަންފުޅު (މުޙައްމަދު) ގައި އެކުލެވިގެންވަނީ ޙަމްދުގެ މާނައެވެ. އެހެންކަމުން އެކަލޭގެފާނަކީ ﷲ ގެ ޙަޟްރަތުގައި ޙަމްދުލިބިގެންވާ ބޭކަލެކެވެ. އަދި މަލާއިކަތުންގެ އަރިހުގައިވެސް ޙަމްދުލިބިގެންވާ ބޭކަލެކެވެ. އަދި އެކަލޭގެފާނުގެ އަޚުން ކަމުގައިވާ ރަސޫލުބޭކލުންގެ އަރިހުގައިވެސް ޙަމްދުލިބިގެންވާ ބޭކަލެކެވެ. އަދި ބިމުގެ އަހުލުވެރިންގެ ފަރާތުންވެސް ޙަމްދުލިބިގެންވާ ބޭކަލެކެވެ.

އެކަލޭގެފާނުގެ ނަންފުޅުތަކުގެތެރޭގައި އަޙްމަދު، އައްމުތަވައްކިލް، އަލްޙާޝިރް، އަލް ޢާގިބް، ނަބިއްޔުއް ތައުބާ، އަލްފާތިޙު، ނަބިއްޔުއް ރަޙްމާ، އަދި އަލް އަމީން ހިމެނެއެވެ.

އެކަލޭގެފާނުގެ ކުންޔާއަކީ އަބޫ ޤާސިމެވެ. އެކަލޭގެފާނުގެ ދަރިކަލުން ޤާސިމް އަށް ނިސްބަތްކޮށެވެ. އެއީ އެކަލޭގެފާނުގެ ފުރަތަ ދަރިފުޅެވެ.

ރަސޫލުﷲ صلى الله عليه و سلمގެ ބައްޕާފުޅާއި މަންމާފުޅު:

އެކަލޭގެފާނުގެ ބައްޕާފުޅަކަކީ ޢަބްދުލް މުއްޠަލިބުގެ ދަރިކަލުން ޢަބްދުﷲގެފާނެވެ. ޢަބްދުﷲގެފާނަކީ ޢަބްދުލް މުއްޠަލިބުގެ 10 ދަރިންގެ ތެރެއިން އެންމެ ހަނގު ދަރިކަލުންނެވެ. އަދި ޢަބްދުލް މުއްޠަލިބް އެންމެ ލޯބިވެވަޑައިގަންނަވަނީވެސް ޢަބްދުﷲގެފާނު ދެކެއެވެ. ޤުރައިޝުންގެ މެދުގައިވެސް ޢަބްދުﷲގެފާނަކީ ލޯބިލިބިގެންވާ ޤަދަރުވެރި ބޭކަލެކެވެ.

ނަބިއްޔާ صلى الله عليه و سلمގެ މަންމާފުޅަކީ އާމިނަތު ބިންތު ވަހަބު ބިން ޢަބްދުމަނާފް ބިން ޒުހުރަތު ބިން ކިލާބު ބިން މުއްރާ ބިން ކަޢުބު ބިން ލުއައްޔު ބިން ޣާލިބު އެވެ. އެކަމަނާއަކީ ޤުރައިޝުންގެ އަންހެނުންގެ ތެރެއިން އެންމެ އެންމެ ފުރިހަމަ ކަމަނާއެވެ. އަދި ނަސަބުގެ ގޮތުން އެންމެ އަރާހުންނެވި ކަމަނާއެވެ. އަދި ޢިއްޒަތުގެ ގެތުންވެސް އެންމެ މަތިވެރި ކަމަނާއެވެ.

ޢަބްދުﷲގެފާނާއި އާއި އާމިނަތުގެފާނުގެ ކައިވެނިފުޅަކީ އެ ކައިވެންޏަކަށް މަޚްލޫޤުންގެ ތެރެއިން އެންމެ މާތް ސާހިބާ ލިބިވަޑައިގެންނެވި ކައިވެނި ފުޅެވެ.

ނަބިއްޔާ صلى الله عليه و سلم އަށް ބަލިވެ އިންނެވުމާއެކޫ އާމިނަތުގެފާނަށް ކުރިޔަށް ވާންއޮތް ބޮޑުކަމަކާއި ބެހޭގޮތުން ހުވަފެންތަކުގައި ޢަލާމްމާތްތައް ފެންނަން ފެށިއެވެ.

އާމިނަތުގެފާނު ބަލިވެއިންނެވި ދުވަސްވަރު އެކަމަނާއަށް އެންމެބޮޑު ހިތާމަޔެއް ލިބިވަޑައިގަތީ އެކަމާނާގެ ފިރިކަލުން ޢަބްދުﷲގެފާނު އަވަހާރަވުމުންނެވެ. އެކަމާނާއަށް ޢަބްދުﷲގެފާނާއި އެކު އުޅުއްވުނީ މަދު ދުވަސްކޮޅެއްގައެވެ.

ބައްޕާފުޅު ޢަބްދުﷲގެފާނު އަވަހާރަވެވަޑައިގެންނެވިއިރު ހިދާޔަތުގެ މަތިވެރި ނަބިއްޔާވަނީ އާމިނަތުގެފަނުގެ ބަނޑުފުޅުގައެވެ. މިއާއިއެކު އެކަލޭގެފާނު ޔަތީމުވެވަޑައިގެންނެވިއެވެ. އެކަލޭގެފާނަކީ ޔަތީމުންގެ އެންމެ މަތިވެރި ސާހިބާއެވެ. ﷲ ތަޢާލާ ވަޙީއްކުރައްވާފައިވެއެވެ. 

(أَلَمْ يَجِدْكَ يَتِيمًا فَـَٔاوَىٰ)  الضحى 6 

މާނައީ: " ކަލޭގެފާނު ޔަތީމަކު ކަމުގައިވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔެވެ؟ ދެން އެކަލާނގެ، ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ." 

- އައްޝައިޚް އަޙްމަދު މިޙްޞަން މުޙައްމަދު

މިއަދު އޮންލައިން