މިހިރަ ބޮޑު މޮޔައާއެވެ! އަމިއްލަ އެއްވެސް ބާރެއް ނެތޭ ދުވަހު އެހެން މީހުން ތިބާ އުފުލައިގެން ގެންގޮސް ސުވަރުގެ ވައްދާނެކަމަށް ހީކުރަނީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
މިހިރަ ބޮޑު މޮޔައާއެވެ! އަމިއްލަ އެއްވެސް ބާރެއް ނެތޭ ދުވަހު އެހެން މީހުން ތިބާ އުފުލައިގެން ގެންގޮސް ސުވަރުގެ ވައްދާނެކަމަށް ހީކުރަނީ ހެއްޔެވެ؟

 

ކައްވަޅުގައި މިހާރު ތިބި މީހުންގެ ތެރެއިން ވެސް އެތައް ބިލިއަން މުސްލިމުން އެދެމުންދާނީ އެމީހުން މަރުވަމުން ދުނިޔެއަށް ދޫކުރި މުއްސަނދިކަމުގެ ތެރެއިން ކޮންމެވެސް މިނަވަރެއް އެމީހުންނަށް ލިބި ސުވަރުގެ ވަނުމަށް އެހީއަކަށް އެކަންކަން ވުމަށެވެ.

މިސާލަކަށް އެމީހުންގެ ދަރިން، އޭނާއަށްޓަކައި މިސްކިތެއް އަޅައި ދިނުމަށެވެ. ބޯން ފެން ބޭނުންކުރާނެ ވަޅެއް ބަހައްޓައި ދިނުމަށެވެ. ދަރިވަރުންނަށް އުނގަންނައި ދިނުމަށް ޚަރަދުކުރުމަށެވެ. ޞަދަޤާތް ކުރުމަށެވެ. އަދި މިނޫންވެސް ހެޔޮ އަމަލެއް ކުރުމަށެވެ.

މިގޮތަށް އެދޭ އެތައް ބިލިއަން މީހުންގެ ތެރެއިން އެމީހުން އެ އެދޭ ގޮތަށް ދަރިން ކަންތައް ކޮށްދޭނީ ހަމަ ހާހަކުން މީހެއްގެއެވެ. އެހެނީ އެމިހާ ދުނިޔޭގައި އުޅުނުއިރު، ތިމާ މަރުވާނެ ކަމަށް ވިސްނައި އެކަންކަން ކޮށްފައި ނެތުމުން ދަރިންނަށްވެސް އެކަންކަން ކުރަން ދަސްވެފައި ނުހުންނާނެތީއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ނަރަކައަށް އެއްލައި ލެވުމާއި ހަމައަށްވެސް އަދި ނަރަކައިގައި އޮވެގެންވެސް ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަދެވުމަށް އެދެވޭނެއެވެ. އެންމެންވެސް އެދޭނެއެވެ. ނަމަވެސް ސުވަރުގެ ވަދެވޭނީ ތިމާއަށް ދުނިޔޭގައި ހުންނަން ލިބުނު ފުރުޞަތުގައި އެކަމަށް މަސައްކަތް ކުރި ނަމައެވެ. 

ވީމާ ދުނިޔޭގައި ހުންނަން ﷲ ތަޢާލާ ދެއްވަވާ މަދު ދުވަސްކޮޅު އެކަމަށް އިސްކަންދޭށެވެ. ވީހައި ގިނައިން ހެޔޮ އަމަލުކުރާށެވެ! ތަނަވަސްކަން ހުރިވަރަކުން ޞަދްޤާތް ދޭށެވެ. ތަނަވަސްކަން ނެތްނަމަ އަމަލުން އެހެން މީހުންނަށް އެހީތެރިވެދޭށެވެ! އަމަލު ކުރުމަށް ނުކުޅެދިފައިވާނަމަ ހެޔޮ ބަސްތަކުން އެކަން ކުރާށެވެ!

މަރުވެ ކައްވަޅުގައި އޮންނަން ޖެހޭ ދުވަހު، ދުނިޔޭގައި ތިބި ބައެއްގެ ކިބައިން އެހީތެރިކަން ލިބިގެން ސުވަރުގެ ވަދެވޭނެ ކަމަށް އުންމީދުވެސް ނުކުރާށެވެ. އެކަން ހިތަށްވެސް ނުއަރުވާށެވެ! ހެޔޮ އަމަލުތަކުން ފުރިގެންވާ މީހެއްގެ ގޮތުގައި ކައްވަޅަށް ދާން ގަދައަޅައި މަސައްކަތް ކުރާށެވެ! ނޫނީ ގާތީ ހަމަ ސުވަރުގެ ނުލިބުން ކަމަށް ބެލުމުގެ ފުރުޞަތު ވަރަށް ބޮޑެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން