ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ޔަޤީންކަމާއެކު ތިބާ ސަލާމަތްކޮށްދޭނެ މިހާ ވަރުގަދަ އައްޑަނައިގެ ބޭނުން ނުހިފާ ދޫކޮށްލަން ހެޔޮނުވާނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 21ސ
ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ޔަޤީންކަމާއެކު ތިބާ ސަލާމަތްކޮށްދޭނެ މިހާ ވަރުގަދަ އައްޑަނައިގެ ބޭނުން ނުހިފާ ދޫކޮށްލަން ހެޔޮނުވާނެ!

ޢަލީ އިޙްޞާން ފިރާޤް 

 

ކޮންމެ ފަދަ ކަމެއް ކޮންމެ ވަގުތަކު ތިބާއަށް ކުރިމަތިވިނަމަވެސް އެކަމަކުން ޔަޤީންކަމާއިއެކު ތިބާ ސަލާމަތްކޮށްދޭނެ އައްޑަނައެއް މުސްލިމުންނަށްވެއެވެ. އޮތީ އެއިގެ ބޭނުންހިފުމެވެ. ހިފާނެ ގޮތެވެ!  

ތިބާ ދުޢާ ކުރުން ދޫކޮށްލީ ކީއްވެ ހެއްޔެވެ؟ ނަމާދު ގެ ފަހުން ދުޢާ ކުރަން ވަގުތު ނުވަނީ ހެއްޔެވެ؟ ދުވާލު ގަޑީގައި ބިޒީކަމުން ދުޢާކޮށްލާނެ ވަގުތެއް ނެތީ ހެއްޔެވެ؟ އުއްމީދު ގެއްލުނީ ހެއްޔެވެ؟

ކޮންމެ ދުވަހަކުވެސް އިޚްލާޞްތެރި، ދުޢާއެއް ކުރަން އާދަ ކުރާށެވެ. އަބަދުވެސް ހެޔޮ ޢަމަލުކުރުންމަތީ ދެމި ހުންނާށެވެ. އަބަދުވެސް ޙަރާމްކަންތައްތަކާއި، ފާފަތަކުން ދުރުހެލިވެ ހުރެވޭތޯ ގަދައަޅާ މަސައްކަތް ކުރާށެވެ. އޭރުން ތިބާ ކުރާ ދުޢާތައް އިޖާބަ ކުރެއްވުމުގައި އެއްވެސް ހުރަހެން ނޯންނާށެއެވެ.

މާތް ރަސޫލާ صلّى اللّـه عليه وسلّم އެއްފަރަހަރަކު ހޮހޮޅައެއްގައި ތާށިވި ތިން މީހެއްގެ ވާހަކަ ބަޔާންކޮށް ދެއްވިއެވެ. އޭގެ ތެރެއިން އެކަކީ އޭނާގެ މުސްކުޅިވެ ގައިބާރު ދެރަވެފައިވާ މައިންބަފައިންނަށް ވަރަށް ހެޔޮކޮށް ހިތައި އިޙްސާންތެރިވި މީހެކެވެ. ދެވަނަ މީހަކީ އޭނާ އެންމެ ލޯބިވާ ފަރާތާއެކު ޒިނޭ ކުރުމުން ދުރުވެގެން މީހެކެވެ. އޭނާ އެފާފައިން ދުރުހެލިވީ އަރަހުށި މާތްﷲގެ ރަސްކަންފުޅުދެކެ ބިރުންނެވެ. ތިން މީހަކީ ވަރަށް ތެދުވެރި އަމާނާތްތެރި މީހެކެވެ. އަމާނާތް އޭގެ ޙައްޤުވެރި ފަރާތްތަކަށް އަދާ ކުރާ މީހެކެވެ.

އޭގެ ތިން މީހުން ހައްޔަރުވެފައިވަނީ، އަނދިރި ހޮހޮޅައެއްގައެވެ. ކާނެއް އެއްޗެއް ބޯނެ އެއްޗެއް ނެތެވެ. އެމީހުން ތިބީ އެހީއަށް އެދި ކިތަންމެ ވަރަށް ގޮވިޔަސް އަޑުއިވޭނެ ހިސާބަކު ނޫނެވެ. އެތަނުން ސަލާމަތްވުން އެއީ ނާދިރު ކަމެކެވެ. ނަމަވެސް އަރަހުށި މާތްﷲ އެބައިމީހުންނަށް އޯގާވެރިވެވޮޑިގެން މަދަދުވެރިވެވޮޑިގެންނެވިއެވެ. އެ ހޮހޮޅައިގެ ދޮރުމަތީގައިވާ ބޮޑު ހިލަގަނޑު ދުރުކޮށްދެއްވިއެވެ. އެބައިމީހުން އަރަހުށި މާތްﷲ އަށް ދުޢާ ކުރަމުން ގެންދިޔައީ އެބައިމީހުން ކޮށްފައިވާ ހެޔޮ ޢަމަލެއް މެދުވެރިކޮށެވެ. {ޞަޙީޙު ބުޚާރީ، ޙަދީޘް ނަންބަރު 2272}

އަޅުގަނޑުމެންނަށް މުސީބާތެއް ކުރިމަތިވާ ހިނދު ނުވަތަ ކާރިސާއެއް ކުރިމަތިވާ ހިނދު ނުވަތަ ޙަޔާތުގައި އަންނަ ހިތާމަވެރި ދަނޑިވަޅުތަކުގައި މިދެންނެވި ޙަދީޘް ހަނދާންކޮށްލާށެވެ. އެފަދަ ދަނޑިވަޅުތަކުގައި މިދެންނެވި ޙަދީޘްގައިވާ ގޮތަށް ތިމާކޮށްފައިވާ އެންމެ އިޚްލާޞްތެރި ހެޔޮ ޢަމަލުތައްކޮށް މެދުވެރިކޮށް މާތްﷲ ގެ ޙަޟްރަތުގައި އިޚްލާޞްތެރިކަމާއެކު ދުޢާ ދެންނެވިދާނެއެވެ. އޭރުން އިންޝާﷲ އަޅުގަނޑުމެންނަކީ ދެދުނިޔޭގައި ބާއްޖަވެރިކަން ލިބޭނެ މީހުންކަމުހައި ވާނެއެވެ. 

އަޅުގަނޑުމެން އެންމެން ކުރާ ހެޔޮ ޢަމަލުތަކަކީ، އިޚްލާޞްތެރިކަމާއެކު ކުރާ ހެޔޮ ޢަމަލުތަކެއް ކަމުގައި ލައްވާށިއެވެ. އަޅުގަނޑުމެން ކުރާ ދުޢާތަކަކީ މާތްﷲ ގެ ޙަޟްރަތުގައި ޤަބޫލުކުރެވިގެންވާ ދުޢާތަކެއް ކަމުގައި ލައްވާށިއެވެ. އާމީން

މިއަދު އޮންލައިން