އޭނާއަކީ އަޅުވެރިއެކެވެ. ބަރާބަރަށް ނަމާދުކުރާ މީހެކެވެ. އޭނާއަކީ ތަނަވަސް މީހެކެވެ. އެހެނަސް ޞަދަޤާތް ކުރުމާއި ނިކަމެތިންނަށް އެހީތެރިވުމަކީ އޭނާ އެއްގޮތަކަށްވެސް ކުރާކަމެއް ނޫނެވެ. މީހަކު އެހީއަކަށް އެދިއްޖެނަމަ އެއްޗެއް ނުދޭތަނުގައި އޭނާ ދެރަވެ ހިތުގައިޖެހޭފަދަ ބަހެއް ނޫނީ ނުބުނާނެއެވެ.
އެގޮތުގައި އުމުރުން 50 އަހަރުވެފައިވަނިކޮށް އޭނާއެއްރޭ ނިދާފައި އޮއްވާ ހޭލެވެނީ އެކި ސައިޒުގެ އެކިފެންވަރުގެ ވަރަށް ގިނަ ގެތަކެއް ހުރިތަނެއްގައި ހުއްޓައެވެ. ވަަރށް ބޮޑެތި އަގު ބޮޑު ގެތަކުގައި އުޅެނީ ވަރަށް ފަޤީރުންނެވެ. އޭނާއަށް އުޅެން ލިބުނީ ވަރަށް ކުޑަކުޑަ ޖިފުޓިއެއް ފަދަ ތަނެކެވެ.
އެހެންވެ އެ ޖިފުޓިއަށް ނުވަންނަން ބޮޑާހާކައިގެން ހުއްޓާ ބައްދަލުވި މުސްކުޅިއަކު އެވާގޮތް ކިޔައިދިނެވެ. "ކަމަނާއެވެ. މަރުނުވާއިއރު އަހަރެމެން އުޅުނީ ދުނިޔޭގައެވެ. ދުނިޔޭގައި އުލެން ލިބޭ ފުރުޞަތުގައި އާޚިރަތަށްޓަކައި ބޮޑު ގެއެއް ނާޅައިފިނަމަ މަރުވުމުން ލިބޭނީ ތިއަ ފަދަ ކުޑަކުޑަ ޖިފުޓިއެކެވެ. ބައެއް މީހުންނަށް ޖިފުޓިއެއްވެސް ނުލިބި މަތުމަތީގައިވެސް އުޅެން ޖެހިދާނެއެވެ.
މިތަނުން ފެންނަން މިހުރި ބޮޑެތި ތަނަވަސްގެތަކުގައި ދިރިއުޅެނީ ދުނިޔޭގައި އުޅުނުއިރު އެމީހުންނަށް ލިބުނު މަދުފައިސާކޮޅުންވެސް ﷲ ތަޢާލާގެ މަގުގައި ހޭދަކުރި މީހުންނެވެ. ހޭދަކުރާނެ އެއްޗެއް ނެތްނަމަ ކޮށްދެވެން އޮތް ކަމެއްކޮށްދިގެން އެހީތެރިވި މީހުންނެވެ. މީސްތަކުންނަށް ހެޔޮކޮށް ހިތައި އޯގާތެރިވެ ހިނިތުންވެ އުޅުނު މީހުންނެވެ.
ތިބާ ދުނިޔޭގައި އުޅުނު ގޮތަށްބަލައިފިނަމަ ޖިފުޓިގަނޑެއް ލިބުނުކަންވެސް ރަނގަޅެވެ. އެވަރުވެސް އެވީ ތިބާ އަޅުކަންކުރުމުގައި ސާބިތުވީތީއެވެ. އަޅުކަން ބަރާބަރަށް ކުރީތީއެވެ. ނޫންނަމަ ތިބާއަށް ދާނޖެހުނީހީ ނަރަކައަށް ވައްދަވާ މީހުން އުޅޭ ހިސާބުގަޑަށެވެ. އެއިރުން އުޅެންޖެހޭނީ އަލިފާނުން ހުންނަ ގެތަކެއްގައެވެ. ތިބާގެ ގައިގައިވެސް ހުންނާނީ އަބަދުވެސް ހުލުހިފައިފައެވެ. ދާނީ އަނދަމުންނެވެ."
އެހިސާބަށް ކިޔައިދިންތަނާ ސިއްސައިގެން ހޭލެވިއްޖެއެވެ. ބިރުންތުރުތުރު އަޅައެވެ. އޮތީ ދާހިއްލިވަރުން ތެމިފޯވެފައެވެ. ބާލީސްވެސް އޮތީ ފޯވެފައެވެ. މިހައި ބޮޑު ބިރެއް މިގަތީ އަލިފާނުން ހުންނަ ގެތަކެއްގެ ވާހަކަ ކިޔައިދިނުމުންނެވެ. އަދި ލޮލަށް ފެނުނުނަމަ ނުވަތަ ގައިގާ ހުޅުހިފާފައިވާ ޙާލު އެބާވަތުގެ ގެއަކަށް ވައްދާތަން ފެނުނުނަމަ ޙާލަކީ ކޮބައިހެއްޔެވެ؟
ކޮންމެއަކަސް އަނެއް ދުވަހު އޭނާހުރީ މުޅިން ބަދަލުވެފައެވެ. ކަންކަމު އަންނަހައި މީހަކަށް އެހީތެރިވެއެވެ. މީހުން މަދުން އަންނަ ދުވަހެއްނަމަ ފަޤީރުން އުޅޭ ސަރަހައްދުތަކަށްގޮސްވެސް އެހީތެރިވެއެވެ. އެއީ މަރުވުމުން ތަނަވަސްގެއެއްގައި އުޅުމުގެ ބޭނުން ބޮޑުކަމުންނެވެ. އަދި އަޅުކަންކުރުންވެސް ކުރިއަސްވުރެ ގިނަކުރިއެވެ. އެއީ ގައިގަ އަލިފާންރޯވެފައިވާ ޙާލު އަލިފާނުންހުރި ގެއެއްގައި އުޅެންޖެހިދާނެ ކަމަށްޓަކައެވެ.
މީސްތަކުންނޭވެ! މިއީ ވަރަށް ޢިބްރަތްތެރި ހުވަފެނެކެވެ. އެދަހިވެތިމީހާގެ ހަޔާތް މިހުވަފެނުގެ ސަބަބުން މުޅިން ބަދަލުވެގެންއެދިއައީއެވެ. އެހުވަފެންވީ އޭނާގެ މުޅި ހަޔާތަ ބަދަލުކޮށްލި ހުވަފެނަށެވެ. އަދި އެފަދަ ހުވަފެނެއް އެފެނުނީ އަޅުކަންކުރަމުން އަންނާތީ ލެއްވެވި ރަޙްމަތެއްގެ ގޮތުންކަމަށްވެސްވެދާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން