ދަރިންނަށް އިހްމާލުނުވެ، ދަރިންނަށް ޚަރަދުކޮށް ދަރިން ބެލެހެއްޓުމަކީ ދަރިފުޅުގެ މަންމަ ތިބާ އާމެދު ކަންކަންކުރި ގޮތާ ގުޅުވޭނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ދަރިންނަށް އިހްމާލުނުވެ، ދަރިންނަށް ޚަރަދުކޮށް ދަރިން ބެލެހެއްޓުމަކީ ދަރިފުޅުގެ މަންމަ ތިބާ އާމެދު ކަންކަންކުރި ގޮތާ ގުޅުވޭނެ ކަމެއް ނޫން!

އިންސާނުންނަކީ ކުރިމަތިވާ ވޭނާއި މުޞީބާތްތައް ފިލައި ލުއިފަސޭހަކަން ލިބުމުން ކުރިމަތިވި ވޭންތަކާއި މުޞީބާތްތަކުން ވަރަށް ފަސޭހައިން ހަނދާން ނައްތައިލާ ބައެކެވެ. އެއިރު އުފުލަންޖެހުނު ވޭނާއި ހިތްދަތިކަންމަތިން ވަރަށް އަވަހަށް ހަނދާން ނައްތައިލެވޭ ބައެކެވެ. 

އެކަމުގެ ހެކިތައް ފެންނަލެއް ވަރަށް ގިނައެވެ. މިސާލަކަށްބުނާނަމަ ބަލިހާލުގައި އެނދުމަތިވެފައި އޮންނަން ޖެހިއްޖެނަމަ ﷲ ތަޢާލާގެމަތިން ވަރަށް ބޮޑަށް ހަނދާންކުރެއެވެ. އެޙާލުގައި އޮވެގެންވެސް ނަމާދުކުރެއެވެ. ޛިކުރުތައް ކުރެއެވެ. ނަމަވެސް ބަލިން ޝިފާލިބި ޢާންމު ދިރިއުޅުމެއް އުލެވެން ފެށުމާއިއެކު އެންމެކުޑަމިނުން ފަރުޟު 5 ނަމާދުވެސް އޮންނަނީ ނުކުރެވިފައެވެ. 

އަދިވެސް މިސާލެއް ބުނެފާނަމެވެ. އިންސާނެއްގެ ހަށިގަނޑުގައި އަޅާނެ އެންމެ ގަދަފަދަ ވޭން އަޅާ ކަމަކީ ބަލިވެއިނދެ ވިހެއުމެވެ. ވިހަން އަޅާ ވޭން ގަދަވެގެންގޮސް ދުނިޔޭގެ ހުރިހާ ކަންކަމުގެމަތިން ހަނދުމަ ނެތިގެންދާ ވަގުތުކޮޅެއްވެސް އައުދެއެވެ. އެހެންކަމާއިއެކުވެސް ވިހައި ނިމި ދަރިފުޅު އުފަންވެ ދަރިފުޅު ރޯލާ އަޑުއިވި އަދި މައިމީހާގެ އަތަށް ނުވަތަ އުނގަށް ދަރިފުޅު ލިބޭ ހިސާބުން ވިހެއުމަށް އެޅި ވޭންތައްމަތިން ހަނދުމަނެތިގެންދެއެވެ. 

އަހުރެން މިރޭ ފާހަގަކޮށްލަން ބޭނުންވަނީ އެހައި ބޮޑު ވޭނެއް އަޅައިގެންވެސް ހޯދާ ދަރިން، އުފަންވެ ތިމާއަށް ބަލަންޖެހުމުން އިހްމާލުވަމުން އަންނަ އައުމެވެ. އެދަރިންގެ ޙައްޤުތައް އަދާކުރުމުގައި ބައަކަށް އިހްމާލްވެވޭކަމެވެ. 

ލޮބުވެތި މައިންނޭވެ! ފިރިމީހާގެ ކިބައިން ކިތަންމެ ބޮޑު ނިކަމެތިކަމެއް އަދި ހިތްދަތިކަމެއް ލިބުނު ނަމަވެސް ދަރިންނަށް އިހްމާލް ނުވާށެވެ! އެދަރިން އުފަންކުރަން އުފުލި ވަރުގަަދ ޥޭން ހިތްމައްޗަށް ގެންނާށެވެ! އެންމެ ބޮޑަށް ހެޔޮކޮށް ހިތަންވީ މައިމީހާއަށް ކަމަށް 3 ފަހަރަށް ޙަދީޘްފުޅު ކުރެއްވެވީ މައިންގެ މުހިންމުކަން ބޮޑުކަމުންނެވެ. ވީމާ ތިބާއަކީ ދަރިން ހެޔޮކޮށް ހިތަން ޖެހޭ ފަދަ މައަކަށްވާން މައިންވެސް މަސައްކަތްކުރަންވާނެއެވެ. 

ލޮބުވެތި ބައްޕައިންނޭވެ! ދަރިންނަށް އިހްމާލްނުވާށެވެ! ދަރިންނަށް އިހްމާލްވިކަމަށް ބެލެވޭނީ އެމީހަކަށް ކެރިކުޅަދާނަވާ މިންވަރަކުން ކަންކަންކޮށްނުދިނުމުންނެވެ. ލިބޭ މިންވަރަކުން ޚަރަދު ނުކުރުމެވެ. އަދި ދަރިން ބަލަހައްޓައި ތަރުބިއްޔަތު ކުރުމުގައި އިހްމާލުވުމެވެ. ޤިޔާމަތް ދުވަހު ތިބާ އާއިވެސް ކުރައްވަވާނެ ސުވާލުތަކަށް ބިރުވެތިވާށެވެ! ދަރިންނަށް އިހްމާލުނުވެ ދަރިން ބެލެހެއްޓުމަކީ ދަރިފުޅުގެ މަންމަ ތިބާ އާއިމެދު ކަންކަންކުރި ގޮތާ ގުޅުންހުރިކަމެއް ނޫނެވެ! އެއީ ﷲ ތަޢާލާ ތިބާ އާއި ޙަވާލުކުރައްވަވާފައިވާ އެންމެ ބޮޑު އެއް މަސްއޫލިއްޔަތެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން