މީސްތަކުންގެ ތެރެއިން އެންމެ މާތް ބައަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 21ސ
މީސްތަކުންގެ ތެރެއިން އެންމެ މާތް ބައަކީ ކޮބާ؟

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

قِيلَ يَا رَسُولَ اللَّهِ، مَنْ أَكْرَمُ النَّاسِ قَالَ ‏"‏ أَتْقَاهُمْ ‏"‏‏.‏ فَقَالُوا لَيْسَ عَنْ هَذَا نَسْأَلُكَ‏.‏ قَالَ ‏"‏ فَيُوسُفُ نَبِيُّ اللَّهِ ابْنُ نَبِيِّ اللَّهِ ابْنِ نَبِيِّ اللَّهِ ابْنِ خَلِيلِ اللَّهِ ‏"‏‏.‏ قَالُوا لَيْسَ عَنْ هَذَا نَسْأَلُكَ‏.‏ قَالَ ‏"‏ فَعَنْ مَعَادِنِ الْعَرَبِ تَسْأَلُونَ خِيَارُهُمْ فِي الْجَاهِلِيَّةِ خِيَارُهُمْ فِي الإِسْلاَمِ إِذَا فَقُهُوا ‏"‏‏

{ صحيح البخاري/ كتاب أحاديث الأنبياء/ بَابُ قَوْلِ اللَّهِ تَعَالَى: {وَاتَّخَذَ اللَّهُ إِبْرَاهِيمَ خَلِيلاً}/ ޙަދީޘް ނަންބަރު 3353}

މާނައީ: ރަސޫލާ އަރިހުގައި ދެންނެވުނެވެ. މީސްތަކުންގެ ތެރެއިން އެންމެ މާތް މީހަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވެވިއެވެ. އެއީ އެބައިމީހުންގެ ތެރެއިން އެންމެ ތަޤްވާވެރިކަން ބޮޑު މީހާއެވެ. އެބޭކަލުން ދެންނެވިއެވެ. އަޅުގަނޑުމެން މިދެންނެވީ ތިޔަ ވާހަކައެއް ނޫނެވެ. ޙަދީޘް ކުރެއްވެވިއެވެ. ނަސަބުގެ ގޮތުން އެންމެ މާތްވެގެންވަނީ يوسف عليه السّلام އެވެ. يوسف عليه السّلام އަކީ މާތްﷲ ގެ ނަބިއްޔެކެވެ. އެކަލޭގެފާނަކީ މާތްﷲ ނަބިއްޔާ އަދި ޚަލީލު އިބްރާހީމުގެފާނުގެ ދަރިކަލުން، މާތްﷲ ގެ ނަބިއްޔާ އިސްޙާޤުގެފާނުގެ ދަރިކަލުން މާތްﷲ ގެ ނަބިއްޔާ ޔަޢުޤޫބުގެފާނުގެ ދަރިކަލުންނެވެ. އެބޭކަލުން ދެންނެވިއެވެ. އަޅުގަނޑުމެން ކަލޭގެފާނަށް މިދެންނެވީ ތިޔަ ކަމުގެ ވާހަކައެއްވެސް ނޫނެވެ. ޙަދީޘް ކުރެއްވެވިއެވެ. އެހެންވިޔާ ތިޔަ އައްސަވަނީ ޢަރަބީންގެ ތެރެއިން އެންމެ މާތް ބަޔަކާމެދުގަތާއެވެ. އެބައިމީހުންގެ ތެރެއިން އެންމެ މާތް ބަޔަކީ ޖާހިލިއްޔަ ޒަމާނުގައިވެސް އެބަޔަކީ އެންމެ ރަނގަޅު މޮޅު މީހުން ކަމުގައި ބެލެވުނު މީހުންކުރެ، އެބައިމީހުން އިސްލާމްވުމަށްފަހުގައިވެސް ދީނުގެ ކަންކަން އެންމެ ބޮޑަށް ދަންނަ، އެއާ އެއްގޮތަށް އަމަލުކުރާކަމުގައިވާ މީހުންނެވެ."

މިޙަދީޘްފުޅުން އެނގެން މިއޮތީ އެންމެ މާތްދަރަޖައަކީ ނަޞަބަކުން ލިބެން އޮތް ދަރަޖައެއް ނޫންކަމެވެ. އެންމެ މާތް ކަމުގެ ދަރަޖަ ލިބެން މިއޮތީ ﷲ ތަޢާލާގެ ދީން އުނގެނި އެދީނަށް ޢަމަލުކުރި މިންވަރަކުން ކަމެވެ.

---ޙަދީޘް ކުރެއްވެވިއެވެ. "އެހެންވިޔާ ތިޔަ އައްސަވަނީ ޢަރަބީންގެ ތެރެއިން އެންމެ މާތް ބަޔަކާމެދުގަތާއެވެ. އެބައިމީހުންގެ ތެރެއިން އެންމެ މާތް ބަޔަކީ ޖާހިލިއްޔަ ޒަމާނުގައިވެސް އެބަޔަކީ އެންމެ ރަނގަޅު މޮޅު މީހުން ކަމުގައި ބެލެވުނު މީހުންކުރެ، އެބައިމީހުން އިސްލާމްވުމަށްފަހުގައިވެސް ދީނުގެ ކަންކަން އެންމެ ބޮޑަށް ދަންނަ، އެއާ އެއްގޮތަށް އަމަލުކުރާކަމުގައިވާ މީހުންނެވެ."

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން