ދެ ފިރިންގެ ތެރެއިން އަޅުގަނޑު ބޮޑަށް ލޯބިވަނީ ކުރީ ފިރިމީހާ ދެކެއެވެ. ސުވަރުގޭގަ އަޅުގަނޑަށް އޭނާ ލިބޭނެތޯއެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 41ސ
ދެ ފިރިންގެ ތެރެއިން އަޅުގަނޑު ބޮޑަށް ލޯބިވަނީ ކުރީ ފިރިމީހާ ދެކެއެވެ. ސުވަރުގޭގަ އަޅުގަނޑަށް އޭނާ ލިބޭނެތޯއެވެ؟

"އަޅުގަނޑު ދެ ފިރިހެނުންނާއި ކައިވެނިކުރީމެވެ. އެތަނުން ފަހުން ކައިވެނިކުރި ފިރިމީހާއަށްވުރެ އަޅުގަނޑު ބޮޑަށް ލޯބިވަނީ ކުރީ ފިރިމީހާ ދެކެއެވެ. ސުވަރުގޭގައި ވާން ބޭނުމީވެސް ކުރީ ފިރިމީހާ އާއިއެކުގައެވެ. އެ ފުރުޞަތު އަޅުގަނޑަސް ލިބޭނެތޯއެވެ؟"

ކިޔުންތެރިޔާގެ މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ ފަހުން ކައިވެނިކުރި ފިރިމީހާއަކީ ސުވަރުވަންތަ އަޅަކު ކަމުގައި (ސުވަރުގެ ވައްދަވާ އަޅަކު ކަމުގައި) ވެއްޖެނަމަ ސުވަރުގޭގައި ވާނީ ފަހުގެ ފިރިމީހާ އާއިއެކުގައި ކަމަށެވެ. އަދި ސުވަރުގެ ވައްދަވާއިރު ދުނިޔޭގައި މެދުވެރިވި ހިތްހަމަނުޖެހޭ ކަންކަންމަތިން ހަނދާންވެސް ނުހުންނާނެ ކަމަށާއި ދެމީހުންވެސް ސުވަރުގެ ވަންނާނީ ރުހި އުފަލުން ތިބެގެން ކަމަށެވެ.

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!

ސުވާލު:

ފިރިހެނުން ސުވަރުގެވަދެއްޖެނަމަ ފަހެ އޭނާ ޙޫރުލްޢީނުންއާއި ކާވެނިކުރާނެތެވެ. އަދި އަންހެނުން ސުވަރުގެ ވަދެއްޖެކަމުގައިވާނަމަ، ދުނިޔޭގައި އެކަނބަލުންނާއި އެކުވީ ފިރިމީހާއާއި ކައިވެނި ކުރާނެ ހެއްޔެވެ؟ ނުވަތަ އެކަނބަލުން ކައިވެނި ކުރާނީ އެހެން ބަޔަކާ ހެއްޔެވެ؟ މިފަދައިން އެހެންމީހުން ނުކުރާކަހަލަ ސުވާލެއްކުރަން ޖެހުނީތީވެ މާފަށް އެދެމެވެ. އެހެންނަމަވެސް މިފަދައިން ސުވާލުކުރަން މިޖެހުނީ، އަހަރެން އަހަރެންގެ އަނބިމީހާދެކެ ވަރަށް ލޯބިވާތީއެވެ. އަދި އެކަނބުލޭގެ ސުވަރުގޭގައި އަހަރެންނާއެކު ވުމަށް އަހަރެން އުންމީދުކުރަމެވެ. އަދި ޤިޔާމަތްދުވަހުގައި އެކަނބުލޭގެއާ ވަކިވާންޖެހިދާނެތީވެ، ބައެއްފަހަރު އެކަމާ ބިރުގަނެ އަދި އެކަމާ އަހަރެންނަށް ރޮވެއެވެ…

ޖަވާބު:

ފަހެ ހަމަކަށަވަރުން އަންހެނުން އެކަނބަލުންގެ ފިރިންނާ އެކުގައި ސުވަރުގޭގައި ހިތްހަމަޖެހިގެން އުޅޭނެތެވެ. އަދި ސުވަރުގޭގައި ހުއްސަރިބައި އެކަކުވެސް ނޫޅޭނެތެވެ. އިމާމު މުސްލިމް އެކަލޭގެފާނުގެ ޞަޙީހުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާކުރައްވާފައިވާ ފަދައިންނެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((وَمَا فِي الجَنَّةِ عَزبٌ))

މާނައީ: "އަދި ސުވަރުގޭގައި(العزب)ހުއްސަރިބައި އެކަކުވެސް ނުވެއެވެ."

އިބްނު މަންޡޫރު ލިސާނުލް ޢަރަބީގައި ވިދާޅުވެފައިވެއެވެ. العزبއަކީ ފިރިހެނުންގެ ތެރެއިން އަނބިންނުވާ އަދި އަންހެނުންގެ ތެރެއިން ފިރިންނުވާ މީހުންނެވެ. (ދިވެހިބަހުންނަމަ އެއީ ހުއްސަރިބައި މީހުންނެވެ.)

އަދި އަންހެނާ، ދުނިޔޭގައި އެކަނބުލޭގެއާއެކުވީ ފިރިމީހާއާއެކު ސުވަރުގޭގައި ވާނެތެވެ. އެއީ އެދެމީހުން ސުވަރުގެވަދެފައި،އެކަނބުލޭގެ އިތުރު އެހެންމީހަކާ އިނދެފައި ނުވާނަމައެވެ. ﷲތަޢާލާގެ ވަޙީބަސްފުޅުގައި ވާފަދައިންނެވެ.

﴿جَنَّاتُ عَدْنٍ يَدْخُلُونَهَا وَمَن صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ﴾ [الرعد: ٢٣]

މާނައީ: "ދާއިމަށް ދެމިތިބޭނެގޮތުގައި އެ ސުވަރުގެތަކަށް އެއުރެންނާއި، އެއުރެންގެ މައިންބަފައިންނާއި، އެއުރެންގެ އަނބިންނާއި، އެއުރެންގެ ދަރިންކުރެ ޞާލިޙުވި މީހުން ވަންނާނެތެވެ." އަދިވެސް އެއިލާހުގެ ބަސްފުޅުހައިވެއެވެ.

﴿ادْخُلُوا الْجَنَّةَ أَنتُمْ وَأَزْوَاجُكُمْ تُحْبَرُونَ﴾ [الزخرف: ٧٠]

މާނައީ: "އުފާވެރިކަމުން ފުރިގެންވާ ޙާލު،ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އަނބިން ސުވަރުގެ ވަންނާށެވެ!"

އަދި އިބްނު ޙަޖަރު އަލްޙައިޘަމީ (الزواجر) ގައި ވިދާޅުވިއެވެ.

"އިންސާނެއްގެ ބެލުމުގެދަށުގައިނެތި މަރުވާ އަންހެނުންނާއާއި ޚިލާފަށް މީހެއްގެ ބެލުމުގެދަރުށުގައި މަރުވާ އަންހެނާވާހުށީ އެފިރިހެންމީހާއަށެވެ." ޝައިޚުގެ ބަސްކޮޅު ނިމުނީ

އަންހެނަކު އެކަކަށްވުރެ ގިނައިން ކައިވެނިކޮށްފައި، އެއެންމެން ސުވަރުގެވަދެއްޖެނަމަ ދަންނައެވެ! އެންމެ ރާޖިހުވެގެންވަނީ އެކަނބުލޭގެ ފިރިންގެ ތެރެއިން އެންމެ ފަހުފިރިމީހާ އެކަނބުލޭގެއަށް ލިބުމެވެ.

ބައިހަޤީ އެކަލޭގެފާނުގެ ސުނަނުގައި ޙުޛައިފާرضي الله عنهގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ޙުޛައިފާرضي الله عنه އެކަލޭގެފާނުގެ އަނބިކަނބުލޭގެއަށް ވިދާޅުވިއެވެ.

"ކަމަނާ ސުވަރުގޭގައި ތިމަންކަލޭގެފާނު ފިރިއެއްގެ ގޮތުގައިވުމަށް އެދޭނަމަ ތިމަންކަލޭގެފާނަށް ފަހުގައި އެހެންމީހަކާ ކައިވެނި ނުކުރާށެވެ. އެހެނީ ހަމަކަށަވަރުން ސުވަރުގޭގައި އަންހެނުންނަށްވަނީ ދުނިޔޭގައި އެކަނބުލޭގެ ފިރިންގެ ތެރެއިންވީ އެންމެ ފަހު ފިރިމީހާއެވެ. އެހެންކަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިއަނބިކަނބަލުންނަށް އެކަލޭގެފާނަށްފަހު އެހެން ފަރާތަކާ ކައިވެނިކުރުން ﷲތަޢާލާ ޙަރާމްކުރެއްވިއެވެ. އެހެނީ ހަމަކަށަވަރުން އެކަނބަލުންނީ ސުވަރުގޭގައި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނެވެ."

ޞައްޙަ ޙަދީޘެއްގައި ވެއެވެ. މުޢާވިޔާ رضي الله عنه އުންމު ދަރްދާ رضي الله عنها އަށް ކައިވެންޏަށް ހުށައެޅިއެވެ. ދެން އެކަމަނާ އެކަލޭގެފާނާ ކައިވެނިކުރެއްވުމަށް އިންކާރުކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނިކޮށް ތިމަންކަމަނާ އަޑުއެއްސެވީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

(الْمَرْأَةَ لِآخِرِ أَزْوَاجِهَا.)

މާނައީ: "އަންހެނާއަށްވަނީ އެކަމަނާގެ ފިރިންތަކުތެރެއިން އެންމެ ފަހުފިރިމީހާއެވެ." (އަދި އެކަމަނާ ވިދާޅުވިއެވެ.) އަދި އަބޫ ދަރްދާގެ ބަދަލުގައި އެހެންބޭކަލެއް ތިމަންކަމަނާ ބޭނުމެއްނެތެވެ. އަދި އެހެން ރިވާޔަތެއްގައިވެއެވެ.

(أَيُّمَا امْرَأَةٍ تُوُفِّيَ عَنْهَا زَوْجُهَا، فَتَزَوَّجَتْ بَعْدَهُ فَهِيَ لِآخِرِ أَزْوَاجِهَا.)

މާނައީ:"އަންހެނަކު އެކަނބުލޭގެ ފިރިމީހާ މަރުވެފައި ދެން އެއަށްފަހު ކާވެޏިކޮށްފިނަމަ އެކަނބުލޭގެއަށްވަނީ އެކަނބުލޭގެ އެންމެ ފަހު ފިރިމީހާއެވެ."

މި ޙާދިސާ السلسلة الصحيحة ގައިވެއެވެ.

އަދި އެމީހުންގެ ތެރެއިން އެންމެ ޚުލްޤު ހެޔޮމީހާކަމުގައިވެސް ބުނެވެއެވެ…

والله أعلم.

--އައްޝައިޚް އަބޫ ފުސައިލް މުއްތަމިން އަހްމަދު

 

މިއަދު އޮންލައިން