އޭނާ ނިދީ އާދައިގެމަތިން ހަމަ ރަނގަޅަށް ހަމަޖެހިލައިގެންނެވެ. ޛިކުރުތައްވެސް ކިޔައިގެންނެވެ. ހަމަ ނިދިޖެހުނުތަނާ އަތަށް ލިބެނީ ސިޓީއެކެވެ. އަވަސް އަވަހަސް ހުޅުވައިގެން ކިޔައިލިއެވެ.
"އޭ އަހުރެންގެ ބައިވެރިޔާއެވެ. ތަޤްދީރުގައި ދެމީހުންނަސް ދުނިޔޭގައި އެކުގައި ހޭދަކުރެވެން އޮތް މުއްދަތު ހަމަވުމުން ދެމީހުންގެ ހަށިގަނޑު މިވަނީ ދެތަންވެފައެވެ. ދެން ދުވަހަކުވެސް ދުނިޔެއިން ބައްދަލުނުވާނެ ގޮތަށެވެ.
ތިބާ އަހރެންގެމަތިން އެބަ ހަނދާންކުރަމުއެވެ. އަހުރެންގެ ރަނގަޅުވާހަކަތައްވެސް އެބަ ދައްކަމުއެވެ. އަހުރެންނަށްޓަކައި ހެޔޮ ދުޢާކުރާކަމަށް އެބަބުނަމުއެވެ. ނަމަވެސް ހިތަކުން ނުކުރަމުއެވެ. އެހެންވެ އެކަމުގެ އެއްވެސް ފައިދާއެއް އަހުރެންނަކަށް ނުކުރެއެވެ.
އެންމެ ބޮޑަށް ދެރަވަނީ އަހުރެން ދުނިޔެދޫކުރި ފަހުން ތިބާ އަޅުކަމާއި ދުރުހެލިވެފައިވާތީއެވެ. ހުއްދަނޫން ގޮތުގައި ހިލޭ ފިރިހެނުންނާއި ބައްދަލުކުރާތީއެވެ. ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަޢުރަ ނިވާނުކުރާތީއެވެ.
އަހުރެންގެ އެންމެ ބޮޑު އުންމީދަކީ ދުނިޔޭގައިވެސް އެކުގައި ލޯބިން އުޅުނު ފަދައިން ދެމީހުން އެކުގައި ސުވަރުގޭގައިވެސްވުމެވެ. ނަމަވެސް އެކަން ޙާޞިލުކުރެވެން އޮތީ ތިބާއަށްވެސް ސުވަރުގެ ވަދެވިގެންނެވެ. ސުވަރުގެ ވަދެވޭނީ ﷲ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅެގެންނެވެ.
އަހުރެންނަށްވުރެ ރަނގަޅު ފިރިހެނަކާއިވެސް ތިބާއަށް ބައްދަލުވެވިދާނެއެވެ. އަދި އެއީ ފަހުގެ ފިރިމީހާކަމަށްވުމުން ސުވަރުގޭގައި ތިބާވާނީ އޭނާއާއިއެކުގައިކަމަށްވެސް ވެދާނެއެވެ. ނަމަވެސް ވިސްނައިލާށެވެ! އޭނާ އާއިއެކުގައިވެސް ސުވަރުގެ ވަދެވޭނީ ފުރިހަމަ ގޮތުގައި ﷲ އަށް ބިރުވެތިވެގެންނެވެ. ދުނިޔޭގައި ދިރިއުޅެން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅެގެންނެވެ.
އަހުރެންނަށް ދެވަނަ މިފަދަ ސިޓީއެއް ނުފޮނުވިދާނެއެވެ. ވީމާ މިސިޓީގައި މިބުނި ކަންކަން ރަނގަޅަސް ހަނދާނުގައި ބަހައްޓައި އަދި ޢަމަލުކުރާނެކަމަށްވެސް އުންމީދުކުރަމެވެ.
- ސުވަރުގޭގައިވެސް ތިބާ އާއިއެކުގަވުމަށް އެދޭ އިބްރާހީމް"
ސިޓީ ކިޔައި ނިމުނުތަނާ ސިއްސައިގެން ހޭލެވިއްޖެއެވެ. އަތުގައި ސިޓީ އޮތްތޯ ބަލައިވެސް ލެވިއްޖެއެވެ. ނަމަވެސް އެ ސިޓީ އަތަކު ނެތެކެވެ. އެއީ ހަމަ ފެނުނު ހުވަފެނެކެވެ. އެހެނަސް އެސިޓީގައިވާ ކަންކަން އަކުރުން އަކުރަށް އޭނާ އަބަދުވެސް ހަނދާނުގައި ބެހެއްޓިއެވެ. ފިރިމީހާ އެދިފައިވާ ގޮތަށް ޢަމަލުތައް ސީދާކުރިއެވެ.
ކޮންމެ "އަންތބަކަށް" މިފަދަ ސިޓީއެއް ނުލިބިދާނެއެވެ. ނަމަވެސް މިސިޓީއަށް ހުރިހާ ހުވަފަތް އަންހެނުންވެސް ޢަމަލުކޮށްފިނަމަ އެކަމުގެ ފައިދާކުރާނެއެވެ. އިން ޝާ ﷲ