ޛުލްޤަރްނައިން ރަސްގެފާނުގެ ވާހަކަ- 2

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 53ސ
ޛުލްޤަރްނައިން ރަސްގެފާނުގެ ވާހަކަ- 2

ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ.: 

ޛުލްޤަރުނައިންއަކީ ޞާލިޙު ރަސްކަލެކެވެ. އަރަހުށި މާތްﷲ އެކަލޭގެފާނަށް އެކަލާނގެ ފޮތުގައި ތާރީފުގެ ބަސްފުޅު ވަޙީ ކުރެއްވިއެވެ. އެކަލޭގެފާނަށް ކާމިޔާބާއި ފަތަޙަ މިންވަރުކޮށްދެއްވިއެވެ. އެކަލޭގެފާނުގެ ރަސްކަމުންގެ ވަޒީރެއްކަމުގައި ހުންނެވީ ޚަޟިރުގެފާނެވެ. ލަޝްކަރުގެވެރިކަމާއި، ރަސްގެފާނަށް މަޝްވަރާ ދެއްވައި ހައްދަވަނީވެސް ޚަޟިރުގެފާނެވެ.

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 538} 

الأزرقي ވިދާޅުވެފައިވެއެވެ.: 

[ޛުލްޤަރުނައިން އިސްލާމްވެވަޑައިގެންނެވީ އިބްރާހީމުގެފާނުގެ އަތްޕުޅުމައްޗަށެވެ. އެކަލޭގެފާނު، އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނާއެކު ކަޢުބާގެ އަރިހުގައި ޠަވާފު ކުރައްވައި ހެއްދެވިއެވެ.] 

عبيد بن عمير ވިދާޅުވެފައިވެއެވެ.:

[ޛުލްޤަރުނައިން އެއްފަހަރަކު ހިނގަވައިފައި ޙައްޖުވެވަޑައިގަތުމަށް ނުކުމެވަޑައިގަތެވެ. އެ ޚަބަރު އިބްރާހީމުގެފާނަށް ލިބިވަޑައިގެންނެވުމުން އެކަލޭގެފާނު ޛުލްޤަރުނައިންއަށް މަރުހަބާ ދެންނެވުމަށް ނުކުމެވަޑައިގަތެވެ. އަދި އެކަލޭގެފާނާ ބައްދަލުކުރައްވައި ހެޔޮ ނަޞޭޙަތް ދެއްވައި ހެއްދެވިއެވެ. 

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 538}

މިދެންނެވުނީ ޛުލްޤަރުނައިންއާ ބެހޭ ގޮތުން އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވާ ބައެއް ތާރީޚީ ރިވާޔަތްތަކެވެ. މިދެންނެވުނު ރިވާޔަތްތަކުގެ އިތުރުންވެސް އެތައް ރިވާޔަތްތަކެއް އިބްނު ކަޘީރު ގެންނަވައިފައިވެއެވެ. ޛުލްޤަރުނައިންގެ ނަސަބުނާމާވެސް އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. ނަމަވެސް އެ ޚިލާފުތައް ބޮޑުކަމުން އެ ރިވާޔަތްތައް މިތަނުގައި ބަޔާން ކުރާކަށް އަޅުގަނޑު ގަސްދެއް ނުކުރަމެވެ.

ތަފްހީމުލް ޤުރްއާނުގައި އަބުލް އަޢުލާ މައުދޫދީ ލިޔުއްވައިފައިވެއެވެ. ޛުލްޤަރުނައިނަކީ ކޮން ބޭކަލެއްކަމާއި މެދުގައި އެންމެ އިހު އުޅުނު މުއައްރުޚުންނަނާއި ތަފްސީރު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. އާންމު ގޮތެއްގައި ގިނަ ޢިލްމުވެރިން ވިދާޅުވެފައިވަނީ އެއީ، اسکندر مقدونی‎ ކަމުގައެވެ. އެއީ، އެލެކްޒެންޑާ ދަ ގުރޭޓް (Alexander the Great) އެވެ. ނަމަވެސް، ޤުރްއާނުގައި ބަޔާން ކުރައްވައިފައިވާ ޛުލްޤަރުނައިންގެ ސިފަފުޅުތައް އެލެކްޒެންޑާ ދަ ގުރޭޓް ގެ ސިފަތަކާ ތަފާތެވެ.

މި ޒަމާނުގެ ބައެއް ޢިލްމުވެރިން ޛުލްޤަރުނައިނަކީ އިރާޤުގެ ގަދީމީ ރަސްކަލެއްކަމުގައިވާ کوروش کبیر ކަމުގައި ލިޔުއްވައިފައިވެއެވެ. کوروش کبیر އަކީ {Cyrus the Great} ސައިރަސް ދަ ގުރޭޓްއެވެ. އޭނާއަކީވެސް ވަރަށް ގިނަ ރަށްތަކެއް ފަތަޙަކޮށް އެރަށްތަކުގައި މާތްﷲ ގެ ފޮތުން ޙުކުމަކޮށް އުޅުނު ރަސްކަލެއްކަމުގައި މުއައްރިޚުން ލިޔުއްވައެވެ. ނަމަވެސް ތާރީޚީ ގޮތުން ލިބެންހުރި  މިފަދަ ހެކިތަކަކުން ސައިރަސް ދަ ގުރޭޓްއަކީ ޛުލްޤަރުނައިން ކަމުގައި ކަނޑަނޭޅޭ ހުއްޓެވެ. އެކަމަށް މިއަށްވުރެ އަލިގަދަ ދަލީތުތައް ބޭނުންވާނެއެވެ. މިވާހަކަތައް ތަފްސީލުކޮށް ތަފްހީމުލް ޤުރްއާނުގައި މައުދޫދީ ލިޔުއްވައިފައިވެއެވެ. 

{މައުދޫދީ، ތަފްހީމުލް ޤުރްއާނު، ކަޙަފު ސޫރަތުގެ 83 ވަނަ އާޔަތުގެ ތަފްސީރު}

ފެށުމުގައިވެސް ދެންނެވިފައިވާނެ ފަދައިން، ޛުލްޤަރުނައިންއާ ބެހޭ ގޮތުން ވާރުދުވެގެންވާ އެންމެ މަޝްހޫރު ބަހަކީ، އޭނާއަކީ އަރަހުށި މާތްﷲ ގިނަ ނިޢުމަތްތަކަކާއި ބާރެއްދެއްވި ޢަދުލުވެރިން ރަސްކަލެއްކަމުގައެވެ.

- އަދި ނުނިމޭ 

- ލިޔުނީ ޢަލީ އިޙްޞާން ފިރާޤް

މިއަދު އޮންލައިން