އަންހެނުންނަށްވެސް ފިރިހެނުންނަށްވެސް އޮތް އެންމެ ބޮޑު ނުރައްކަލަކީ ބަންގިގޮވުމުން ނަމާދުކުރަން އަވަސްވެނުގަންނަ އެކުވެރިން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އަންހެނުންނަށްވެސް ފިރިހެނުންނަށްވެސް އޮތް އެންމެ ބޮޑު ނުރައްކަލަކީ ބަންގިގޮވުމުން ނަމާދުކުރަން އަވަސްވެނުގަންނަ އެކުވެރިން!

މިހާރަކަށް އައިސް އެކުވެރިންގެ ގޮތުގައި ޖަމާޢަތުގައި ނަމާދުނުކުރާ މީހުން ގެންގުޅުން މިވަނީ ވަރަށް ޢާންމުކަމަކަށްވެފައެވެ. ނަމަވެސް އެކަމުގެ ޙަޤީޤަތަށް ބަލައިފިނަމަ އެއީ ވަރަށް ނުރައްކާތެރިކަމެކެވެ. އެންމެ ނުރައްކާތެރި ކަންތަކެވެ. 

ފުރަތަމަ ސަބަބަކީ ޖަމާޢަތުގައި ނަމާދުނުކުރާ މީހުން އެކުވެރިންގެ ގޮތުގައި ގެންގުޅޭނަމަ އެމީހަކަށް ޖަމާޢަތުގައި ނަމާދުކުރުން ވާނީ ވަރަށް ދަތި އުނދަގޫކަމަކަށެވެ. އެއީ އެމީހުން ކަންކަން ތާވަލުކުރާނީ ނަމާދުވަގުތަކަށް ބަލައިގެނެއް ނޫނެވެ. ވީމާ ބަންގިއަށް ސަމާލުކަމެއް ނުދޭނެއެވެ. ފަހުން ކޮށްލަން ނަމާދު ބާއްވާނީއެވެ. އަދި ގިނަ ފަހަރު އޮންނާނީ ފަހުން ނުކުރެވިފައެވެ. ދާދި ކުރުމުއްދަތެއްގެ ތެރޭގައި އެމީހާވެސް އޮންނާނީ ޖަމާޢަތުގައި ނަމާދުނުކުރާ މީހަކަށްވެވިފައެވެ. 

ހަމަ އެއާއިއެކު ގޭގައި ތިބޭ އަންހެނުންވެސް މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. ނަމާދުވަގުތު ޖެހުމުން ނަމާދުކުރަން ސަމާލުކަން ނުދޭ އަންހެނުންނާއި ގުޅުން ބާއްވާނަމަ އެފަދަ އަންހެނުން ނަމާދު ވަގުތުޖެހިގެންދާއިރުވެސް ބޭކާރު ވާހަކަދައްކަން ތިބޭނެއެވެ. ތިމާއަށްވެސް ޖެހޭނީ އެމީހުންނާއިއެކު އިންނާށެވެ. 

އަންހެނުން ގޭގައި ނަމާދުކުރުމަކީ ވަގުތު ޖެހުމުން ނަމާދުނުކުރަން އޮތް އުޒުރެއް ނޫނެވެ. ނަމާދުކުރުން ލަސްކުރަންވާނީ ކުރަންޖެހޭ މަސައްކަތެއްގެ ގޮތުން މަޖުބޫރުވާ ޙާލަތުގައެވެ. ނޫންނަމަ އޮތީ ނަމާދުކުރުމަށް އަވަސްވެގަތުމެވެ. 

ނަމާދު ޤާއިމުރާ މީހަކަށްވެވޭނީ ފަރުޟު 5 ނަމާދު ބަރާބަރަށް ކުރުމުންނެވެ. އަދި ވަގުތު ޖެހުމުން ނަމާދުކުރަން އަވަސްވެގަނެގެންނެވެ. ވީމާ ފިރިހެނުންވެސް އަދި އަންހެނުންވެސް މިދެއްކި ވާހަކަތަކަށް ސަމާލުކަން ދޭށެވެ. ނަމާދު އެންމެ ފުރިހަމަ ގޮތުގައި ޤާއިމުކުރަން މަސައްކަތްކުރާ މީހަކަސްވާން ގަދައަޅައި މަސައްކަތްކުރާށެވެ! ނޫންނަމަ ޕޮއިންޓް ކާޑުން ޕޮއިންޓް ކެނޑިހުސްވާ އުޞޫލުން ﷲ ތަޢާލާގެ ޙަޟްރަތުގައި ތިބާގެ ޕޮއިންޓްތައް ކެނޑިހުސްވެދާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން