މި ނަޞޭޙަތް ފަތުރައި ޙާލުގަ ޖެހިގެން އަންނަ މީހުންނަށް އެހީތެރިނުވުމަކީ އާޚިރަތް ނަގައިލުންކަން ތަނަވަސް މީހުންނަށް އަންގައިދޭށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
މި ނަޞޭޙަތް ފަތުރައި ޙާލުގަ ޖެހިގެން އަންނަ މީހުންނަށް އެހީތެރިނުވުމަކީ އާޚިރަތް ނަގައިލުންކަން ތަނަވަސް މީހުންނަށް އަންގައިދޭށެވެ!: މުފްތީ މެންކް

މީސްތަކުންނޭވެ! ތިބާގެ ކިބައިގައިވާ ތަނަވަސްކަމަކީ ތިބާގެ މިލްކެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ މިލްކެކެވެ. ވީމާ ޒަކާތް ދައްކަން ފަސް ނުޖެހޭށެވެ.

ނޫރު ސޫރަތުގެ 33 ވަނަ އާޔަތް ބަލާށެވެ. ވަޙީބަސްފުޅުގައިވަނީ "---އަދި ތިޔަބައިމީހުންނަށް ދެއްވާފައިވާ اللَّه ގެ މުދަލުން، ތިޔަބައިމީހުން އެއުރެންނަށްދޭށެވެ!--" ވީމާ އަހަރެމެންގެ އަތުގައިވާ ތަނަވަސްކަމަކީ އަހަރެމެންގެ ޙައްޤެއް ނޫނެވެ. ﷲ ތަޢާލާގެ ޙައްޤެކެވެ.

ﷲ ތަޢާލާ ތަނަވަސްކަން ދެއްވަވަނީ އެމީހަކު ބޭނުންހައި ކަންކަމަށް ޚަރަދުކުރާކަށް ނޫނެވެ. ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވުމަށެވެ. ތިބާގެ އަތުގައި އެތަނަވަސްކަންވަނީ ﷲ ތަޢާލާގެ އަމާނާތެއްގެ ގޮތުންނެވެ. ޤިޔާމަތް ދުވަހު ތިބާގެ ގަނޑުވަރު އުސްކޮށް ފުރިހަމަކުރަން ބޭނުންނަމަ އެހެން މީހުންނަށް އެހީތެރިވުން ގިނަކުރާށެވެ.

ދުނިޔެއަށް ތިބާ އުފަންވަނީ އެއްވެސް އެއްޗެއް އަތުގައި ނެތިއެވެ. ދުނިޔެ ދޫކޮށްފައި ދާންޖެހޭނީވެސް ހަމަ ހުސްއަތާއެވެ. އާޚިރަތް ދުވަހު ފައިދާއެއް ކުރާނީ ތިބާ އާއި ﷲ ތަޢާލާ ޙަވާލުކުރެއްވެވި އަމާނާތުގެ ބޭނުން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ހިފިނަމައެވެ.

މީސްތަކުންނޭވެ! ﷲ ތަޢާލާގެ މަގުގައި ޞަދަޤާތްކޮށްގެން އެއްވެސް މީހަކު ބަނގުރޫޓުނުވާނެ ކަމުގެ ގަރަންޓީ ރަސޫލް ވަނީ ދެއްވަވައިފައެވެ. އަދި ތިބާއަށް މާލީ ދަތިތައް ކުރިމަޔިވާހެން ހީވާނަމަވެސް މުށްބާރުކުރަންވީއެއް ނޫނެވެ. މީސްތަކުންނަށްޓަކައި ދީލަތިވާންވީއެވެ. އެއިރުން އެތައް ގުނައަކަށް އިތުރުވެގެން އެނބުރި އައިސް ތިބާގެ ޖީބަށް ވަންނާނެއެވެ.

މީސްތަކުންނޭވެ! ޚާއްޞަކޮށް ޔަތީމް ކުއްޖަކު ޙާލުގައި ޖެހިގެން އަތުވެއްޖެނަމަ ނުވަތަ ޔަތީމް ކުއްޖަކަށް ކަމެއް ބޭނުންވެގެން އަތުވެއްޖެނަމަ ފުއްދައިނުދީ ދޫކޮށްނުލާށެވެ! އަދި އެހީތެރިކަމަށް އެދިގެން އަންނަ މީހަކަށް އެމީހާގެ ހިތުގައި ޖެހޭ ފަދަ ނުބައި ބަސްތައް ނުބުނާށެވެ! އެކަމަށް ﷲ ތަޢާލާގެ އަމުރުފުޅު ކީރިތި ޤުރްއާނުގައި އެބައޮތެވެ!

"ދަންނާށެވެ! ފަހެ، ކަލޭގެފާނު، ޔަތީމް ކުއްޖާ ނިކަމެތިކޮށް ނުލައްވާށެވެ!" "އަދި ދަންނާށެވެ! ފަހެ، ކަމަކަށްއެދި އަންނަ މީހާއަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ!" (އައްޟުޙާ: 9،10)

މީސްތަކުންނޭވެ! ޔަތީމް ކުދިންނާއި ހުވަފަތް އަންހެނުން ދުނިޔޭގައި ލައްވަވާފައިވަނީ އަހަރެމެންނަށް ހުރި ރަޙްމަތެއްގެ ގޮތުގައެވެ. އެހެނީ ޙަދީޘްފުޅުގައި ވެއެވެ. "ޔަތީމްކުދިންނަށް އެހީތެރިވެދޭ މީހާ ސުވަރުގޭގައި ވާނީ ތިމަންކަލޭގެފާނާއި މިފަދައިންނެވެ." ދެންދައްކަވައިލެއްވެވީ އަތްތިލަފުޅުގެ ދެ އިނގިލިފުޅެވެ.

އިތުރު ޙަދީޘްފުޅެއްގައިވަނީ ހުވަފަތް އަންހެނުންނާއި ޔަތީމްކުދިންނަށް ހަމައެކަނި ﷲ ތަޢާލާއަށްޓަކައި ހެޔޮކޮށް ހިތައި އެހީތެރިވެދިނުމަކީ ހުރިހާ ރޭތަކެއްގައި މުޅިރޭ ރޭއަޅުކަންކުރުމާއި ހުރިހާ ދުވަހަކު ރޯދައަށް ހުރުމަށްވުރެ ފައިދާހުރި ކަމެއް ކަމަށެވެ.

ޔަތީމް ކުދިންނާއި ހުވަފަތް އަންހެނުން ނުލައްވަވާނަމަ މިބޮޑު ނަޞީބު އަހަރެމެންނަށް ޙާޞިލްކުރެވޭނީވެސް ކިހިނަކުންހެއްޔެވެ؟ ވީމާ ބުއްދީގެ ބޭނުންކޮށް ފުރުޞަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން