ބައެއް ޒުވާނުން ސުވާލުކުރެއެވެ. "ކޮންމެ ދިމާއަކުންވެސް ފެންނަނީ ނުހަނު ޝައުޤުވެރިވެވޭ އަނހެންކުދިންނެވެ. ހަމައެކަނި ފެންނަނީއެއްވެސް ނޫނެވެ. ބައެއް ޙާލަތްތަކުގައި އެކުދިން އަމިއްލައަށް އައިސް އެބަ އޮފަރތައް ހުށަހަޅައެވެ. މިޙާލަތުގައި ކެތްތެރިވެވޭނީ ކިހިނަކުން ހެއްޔެވެ؟"
މައްސަލައަކީ ހަމަ ހިނގަމުންދާ މައްސަލައެކެވެ. ކޮންމެ މުޖުތަމައުއެއްގައިވެސް ހުރިހާ ބާވަތެއްގެ މީހުންވެސް އުޅޭނެއެވެ. ޙައްލަކީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. އެހެންވެ މިރޭގެ ދަރުސް މިފަށަނީ ކުރުކުރު ޢިބްރަތްތެރި ވާހަކައަކުންނެވެ.
ޒުވާނަކު ބެންކޮކަށް ކުރި ދަތުރެއްގައި އެ ޤައުމުގެ އާދައިގެމަތިން ރޭގަނޑު ދަންވަރު ކޮޓަރީ ދޮރުގައި ޓަކި ޖެހުމުން ދޮރުހުޅުވުމުން ރީތި ޒުވާން އަންހެން ކުދިންތަކެއް އޭނާގެ ކޮޓަރިއަށް ވަދެ އެކި ގޮތްގޮތުން ހުށަހެޅުންތައް ހުށަހެޅިއެވެ.
ޒުވާނާ ބުނީ އެކުދިން ތިބި ގޮތުންނާއި ދެއްކި ވާހަކަތަކުން ވަރަށް ގިނަ އުނދަގޫތައް ލިބުނު ކަމަށެވެ. ހަށިގަނޑުގެ ގުނަވަންތައް އެކުދިންނަށް އެދި ރޮއި އާދޭސްކުރި ކަމަށެވެ. ނަމަވެސް އެކަން ކޮށްފިނަމަ މަރުވުމުން ޤިޔާމަތާއި ހަމައަށް އޮންނަން ޖެހޭނީ އަލިފާނުގެ ދުމަށްޓެއްގައި އަނދައި އަނދައި ކަމާއި ނަރަކައިގައި އޮންނަން ޖެހޭނީ މެއާއި ގުނަވަނުގައި ޗޭނު ޖެހި، އެލުވިގެން ނަރަކައިގެ ހޫނު ގަދަ އަލިފާނުން އަނދައަނދައިކަން ހިތަށްވަނުމުން ގަތް ބިރު ބޮޑުކަމުން ގައިން ހީބިހި ނެގި ކަމަށެވެ.
ޒުވާނާ ބުނީ އެހެންކަމުން އެކުދިންގެ އެއްވެސް ހުށަހެޅުމެއް ޤަބޫލު ނުކުރުމުން ކޮޓަރީގެ ތަޅުންގަނޑުމަތިން ނަމަވެސް ހަމައެކަނި ހެނދުނު ވަނަދެން ނިދައިލާނެ ތަންކޮޅަކަށް އެދުނު ކަމަށާއި ނަމަވެސް އެކަން ވެސް ޤަބޫލުނުކޮށް އެންމެފަހުން އެކުދިން ނިދާނެ ކޮޓަރިއެއް ކުއްޔަށް ހިފައިދިން ކަމަށެވެ.
އެކަމުގެ ނަތީޖާ ފެނުނު ގޮތް އެނގޭ ހެއްޔެވެ؟ ޒުވާނާ އެދަތުރު ބެންކޮކަށް ދިއައީ ކުންފުންޏެއްގެ މާކެޓިންގ އެގެޒެކަޓިވެއްގެ ގޮތުގައެވެ. އެނބުރި އައިތާ މަހެއްހައި ދުވަހުގެ ތެރޭގައި 3 ހަރުފަތް ގިރާކުރެވި މާރކެޓިންގ ޑިރެކްޓަރެއްގެ މަޤާމަށް ދެވުނެވެ. ނިކަން ވިސްނައިލަބަލާށެވެ! މިހިރީ ހަމަ މިޒަމާނުގައިވެސް ފެންނަމުންދާ ކަންތައްތަކެވެ. ހިނގަމުންދާ ކަންތައްތަކެވެ.
މީހަކު މަރުވުމުން ނުވަތަ ބަލިވުމުން ނުވަތަ އެފަދަ މުޞީބާތެއް މެދުވެރިވުމުން ކެތްތެރި ނުވެވެނީ ކީރިތި ޤްރްއާން ޤަބޫލުނުކުރާ މީހުންނަށެވެ. މީސްތަކުން ދުނިޔެއަށް ދޮނުއްވަވަނީ ކަނޑައެޅިފައިވާ މުއްދަކަށްކަން ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައިފައެވެ. ވީމާ އެއީ މީހާ މޮޔަވާ ވަރަށް ކަންބޮޑުވާންޖެހޭ ސަބަބަކަށް ވެގެން ނުވާނެއެވެ. ހަމައެފަދައިން ބަލިވުން، މުދައު ގެއްލުން ނުވަތަ އެނޫންވެސް މުޞީބާތެއް ކުރިމަތިވުމުން ފުރަތަމަ ވެސް ޤަބޫލުކުރަން ޖެހޭނީ މުޞީބާތްތައް ދުނިޔޭގައި ކުރިމަތިވާނެ ކަމާއި އެކަންކަން ކުރިމަތި ކުރައްވަވަނީ ﷲ ތަޢާލާ ކަމެވެ. އެއިރުން ދާނީ ކެތްތެރިވުމުގެ ބާރު ލިބެމުންނެވެ.
ކެތްތެރި ވުމަކީ ޞިރާޠު މަގު ފަހިވުމަށް އެދޭ މީހާ އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ އެއް ކަންތަކެވެ. ފުރިހަމައަށް ކެތްތެރި ވެވޭ މީހާއަކީ ވަރަށް ބޮޑު މަތިވެރިކަމެއް ލިބިގެންވާ މީހެކެވެ. އެހެނީ ﷲ ތަޢާލާ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި ކަމަށް ވަޙީ ކުރައްވަވާފައި އޮތުމުން ކެތްތެރިކަމުގެ މަތިވެރިކަން އެނގިގެންދެއެވެ.
އަޅުކަން ކުރުމުގަ އާއި ފާފަ ނުކުރުމަށް ކެތްތެރި ނުވެ ޞިރާޠު މަގަކުން ނުދެވޭނެއެވެ. ނަރަކައަށް ވެއްޓި ނުގަނެ ޞިރާޠުމަގު ހުރަހެއް ނުކުރެވޭނެއެވެ. ވީމާ ޞިރާޠު މަގު ހުރަސްކޮށް ސުވަރުގެ ދިއުމަށް އެދޭ މީހާ މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭނެޖެހޭނެއެވެ.
ކެތްތެރިކަމެވެ ބުނެވިއްޖަނަމަ އާންމު ގޮތެއްގައި ހިތަށް އަންނާނީ ދުނިޔަވީ ކޮންމެވެސް މުޞީބާތަކަށް ކެތްތެރިވާން ޖެހުން ކަމަށެވެ. އެއީ ވެސް ކެތެރިކަމެވެ. ނަމަވެސް ޙަޤީޤަތުގައި ކެތްތެރިކަމުގެ މާނަ ވަރަށް ފުޅަލެވެ. ކެތްތެރިކަން ވަނީ އެތައް ބައަކަށް ބެހިގެންނެވެ.
ﷲ ތަޢަލާއަށްޓަކައި ކުރަންޖެހޭ އަޅުކަން ކުރުމުގައި ކެތެރިވުމަކީ ވެސް މަތިވެރި ކެތްތެރިކަމެކެވެ. ކެތްތެރިކަމުގެ ދަރަޖަ މަތިވެރިކަމުން މިވެނިކަމަކީ އެންމެ މަތިވެރި ކެތްތެރިކަން ކަމަށް ބުނަން އުނދަގޫތަކެއް އެބަހުއްޓެވެ. ނަމަވެސް ވިސްނައިލާއިރު ކެތްތެރިކަމުގެ ތެރެއިން އަޅުކަން ކުރުމުގައި ކެތްތެރިވުމުގެ ދަރަޖަ ވަރަށް މަތިވެރިއެވެ. އެހެނީ އަޅުކަން ކުރުމުގައި ކެތްތެރި ނުވެވިއްޖެނަމަ އަޅުކަން ފުރިހަމަ ނުވާނެތީއެވެ. ފުރިހަމަ ނުވާނަމަ އަޅުކަމުން ލިބެންޖެހޭ ހަޤީޤީ މަންފާ ނުލިބޭނެތީއެވެ.
ހަމަ އެއާއިއެކު ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަން ނުކޮށް ހުރުމަށް ވާންޖެހޭ ކެތްތެރިކަމަކީ ވެސް ވަރަށް މަތިވެރި ކެތްތެރިކަމެކެވެ. އެހެނީ އެއްކޮޅުން އެ ފާފައެއް ކުރުމަށް ޝައިޠާނާ ގެންދާނީ ހިތްވަރުދެމުންނެވެ. އަމިއްލަ ނަފުސުގެ ގުނަވަންތައް ދާނީ ފާފަ ކުރުމަށް ދަހިވެތިކުރުވަމުންނެވެ. އެ ހާލަތުގައި ވެސް ފާފައެއް ނުކުރުމަށް ހިތްވަރުކޮށް ތިމާ ކެތްތެރިވުމަކީ ވެސް ކެތްތެރިކަމުގެ ވަރަށް މަތިވެރި ދަރަޖައެވެ.
ކެތްތެރިވާން ބޭނުންވާ އަދި އެކަމަށް އެދޭމީހާއަށް ﷲ ތަޢާލާ ކެތްތެރިކަން ދެއްވަވާނެތެވެ. އެކަމުގެ ކުޑަ މިސާލެއް ކިޔައިދޭނަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން