ރަމަޟާން މަސް ގާތްވަމުން އަންނަވަރަކަށް އެމަހަށްޓަކައި އަހަރެމެން ތައްޔާރުވަމުއެވެ. މިއުޅެނީ ރަމަޟާން މަހަށް ތައްޔާރުވާން ގިނަ ބައަކު ގޭގައި ގެންގުޅޭ ތަކެތި އައުކުރާ ވާހަކަ ދައްކާކަށް ނޫނެވެ. ޙަޤީޤަތުގައި އެއީ އެއްވެސް ޙާލެއްގައި ރަމަމާން މަހާއި ގުޅުވެން އޮތް ކަމެއް ނޫނެވެ. ވީމާ އެވާހަކަ ދައްކާނީ އެހެން ދަރުސެއްގައެވެ.
ރަމަމާން މަހަށް ތައްޔާރުވާން ޤަޞްދުކުރާ މީހާ ފުރަތަމަ ކަމަކަށް ތައްޔާރުވާންވީ ޝަޢްބާން މަހަށެވެ. މިހާރު ޖުމާދިލްއާޚިރާ މަސ މިނިމެނީއެވެ. ދެން އޮތީ ރަޖަބް މަހެވެ. ދާދި އަވަހަށް ރަޖަބް މަސް ނިމި ޝަޢްބާން މަހާއި ބައްދަލުވެދާނެއެވެ. ވީމާ މިހާރު އެންމެ މުހިންމީ ޝަޢްބާން މަހަށް ތައްޔާރުވުމުގެ ވާހަކަ ދެއްކުމެވެ.
ޝަޢްބާން މަހަކީ އެމަހެއްގައި ރަސޫލް އެންމެ ގިނައިން ރޮޑަ ހިއްޕެވި މައްސަރެވެ. ބައެއް ރިވާޔަތްތަކުން އެނގެން އޮތް ގޮތުގައި އެންމެ 2، 3 ދުވަސް ނޫން ހުރިހާ ދުވަސްތަކެއްގައި ވެސ ރޯދަ ހިއްޕެވިއެވެ. ވީމާ އެ ސުންނަތް ދަމަހައްތަން ޖެހެއެވެ. އެކަން ކުރެވޭނީ އެކަމަށް ތައްޔާރުވެގެންނެވެ.
ވީމާ މިހާރުންސުރެ ވީހައި ގިނައިން ސުންނަތް ރޯދަތައް ހިފަމުން ގެންދާށެވެ. އަދި ޝަޢްބާންމަހު ވީހައިގިނަ ދުވަހު ރޯދަހިފާށެވެ! ރޯދަ ހިފުމަކީ އެންމެ ގިނައިން ޘަވާބު ދެއްވަވާ އަޅުކަމެވެ. އިމެއް ނެތިއެވެ. ރޯދައަށް ޘަވާބު ދެއްވަވާނެ މިންވަރު މަލާއިކަތުންނަށްވެސް ނުއަންގަވައެވެ. އެކަން ދެނެވޮޑިގެންވަނީ ނުވަތަ އެކަން ނިންމްވަނީ ﷲ ތަޢާލާއެވެ.
ވީމާ މިހާުންސުރެ ސުންނަތް ރޯދަތައް ހިފުން ގިނަކުރާށެވެ. އަދި ޝައޢްބާން މަހު ވީހާ ގިނައިން ރޯދަހިފާށެވެ. މިހާރުންސުރެ ހޯމް، ބުރާސްފަތީގައި އަދި މަހުގެ 13، 14، 15 ތިން ދުވަހު ރޯދަ ހިފާނަމަ ޝަޢްބާން މަހު އެކުގައިވެސް ރޯދަ ހިފުމަކީ ބުރަކަކަށް ނުވާނެއެވެ. އިން ޝާ ﷲ
--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން