އާދަމްގެފާނު ވާހަކަ: ދުނިޔެ ޚަލްޤުކުރެއްވެވުން

މިއަދު
ކިޔުމަށް ހޭދަވާނީ 11މ 24ސ
އާދަމްގެފާނު ވާހަކަ: ދުނިޔެ ޚަލްޤުކުރެއްވެވުން

މާތްالله سبحانه وتعالى އަކީ ހުރިހާކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް، ކޮންމެ ދިމާއަކަށް ނަޒަރު ހިންގާލި ކަމުގައިވިޔަސް ފެންނަމުންދެއެވެ. އިރު ހަނދާއި ތަރިތަކާއި، ރޭދުވާ ދައުރުވުމުގެ ފުރިހަމަ ނިޒާމުން އެކަލާނގެ ވޮޑިގެންވާކަމުގެ ފުރިހަމަ ދަލީލު ސާބިތުކޮށްދެއެވެ. މި ކާއިނާތުގައިވާ ހުރިހާ ތަކެއްޗެއްގެ ވެރިފަރާތަކީ މާތްالله سبحانه وتعالى ކަން ބަޔާން ކުރައްވައި، ކީރިތި ޤުރްއާނުގެ ޒުމަރު ސޫރަތުގެ 62 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 

اللَّـهُ خَالِقُ كُلِّ شَيْءٍ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ وَكِيلٌ ﴿٦٢

މާނައީ: "اللَّه އީ، ހުރިހާއެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ބައްލަވާވޮޑިގެންވާ، ރައްކާތެރިކުރައްވާ ރަސްކަލާނގެއެވެ."

ބުއްދީގެ ހަމަތަކުން ބެލިނަމަވެސް، ކޮންމެ އެއްޗެއްގެވެސް ހެއްދެވި ފަރާތެއްވާކަން ކަށަވަރުވެއެވެ. އީޖާދު ކުރި ފަރާތެއްވާނެކަން ޘާބިތުވެއެވެ. އެހެންކަމުން އުޑުތަކާއި ބިން ޚަލްޤުކުރެއްވި ފަރާތެއްވެސް ވާނެކަން ޤަބޫލުކުރަންޖެހެއެވެ. އިރު ހަނދާ ތަރިތައް އުފައްދަވައި، އެތަކެތި ވަކި އިންތިޒާމްތަކެއްގެ ދަށުން ދައުރުވޭވޭ ހުންނަ ގޮތް މިންވަރު ކުރައްވާނެ ފަރާތެއްވާނެކަން ޤަބޫލު ކުރަންޖެހެއެވެ. ޝައްކެއްނެތް ގޮތުގައި މިހުރިހާ ބާރުތަކެއްގެ ވެރި ރަސްކަލާނގެއަކީ ޚާލިޤުވަންތަ ހުސްޠާހިރު މާތް މާތްالله سبحانه وتعالى އެވެ.

މާތްالله سبحانه وتعالى ކާއިނާތާއި އެތަނުގައިވާހާއި އެއްޗެއް އުފައްދަވައިފައިވަނީ އިސްވެދިޔަ މިސާލެއް ނެތިއެވެ. ނެތުމުގެ ތެރެއިންނެވެ. އެކަން އެކަލާނގެ ވަނީ ކީރިތި ޤުރްއާނުގައި އަންގަވާފައެވެ. މާތްالله سبحانه وتعالى އުޑުތަކާއި ބިމުގައިވާ ހުރިހާ އެއްޗެއް ހައްދަވާފައިވަނީ ހަ ދުވަހުގެ ތެރޭގައެވެ. މިކަމަށް އިޝާރާތް ކުރައްވައި އަލްޙަދީދު ސޫރަތުގެ ހަތަރުވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. 

هُوَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۚ يَعْلَمُ مَا يَلِجُ فِي الْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ السَّمَاءِ وَمَا يَعْرُجُ فِيهَا ۖ وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ ۚ وَاللَّـهُ بِمَا تَعْمَلُونَ بَصِيرٌ ﴿٤

މާނައީ: އެކަލާނގެއީ، އުޑުތަކާއި، ބިން، ހަ ދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެއެވެ. ދެން އެކަލާނގެ عرش ގެ މައްޗަށް استواء ވެވޮޑިގަތެވެ. ބިމުގެތެރެޔަށް ވަންނަ ތަކެއްޗާއި، އެ ބިމުން ނުކުންނަ ތަކެއްޗާއި، އުޑުން ފައިބާ އެއްޗަކާއި، އެ އުޑަށް އަރައިގެންދާ އެއްޗެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންވީ ކޮންމެތަނެއްގައި، ތިޔަބައިމީހުންނާއެކު، އެކަލާނގެ ވޮޑިގެންވެތެވެ. އަދި اللَّه އީ، ތިޔަބައިމީހުން ކުރާ عمل ތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ."

މާތްالله سبحانه وتعالى އެންމެ ފުރަތަމަ ޚަލްޤުކުރެއްވީ ކޮންއެއްޗެއް ކަމާމެދު ޢިލްމުވެރިންގެ، މަޝްހޫރު ދެ ރައުޔެއްވެއެވެ. ބައެއް ޢިލްމުވެރިންގެ ނަޒަރުގައި އެންމެ ފުރަތަމަ ޚަލްޤުކުރެވުނީ ޢަރުޝިއެވެ. އަނެއްބައި ޢިލްމުވެރިންގެ ނަޒަރުގައި އެންމެ ފުރަތަމަ ޚަލްޤުކުރެއްވީ ޤަލަމެވެ.

އެންމެ ފުރަތަމަ ޚަލްޤުކުރެއްވުނީ، "ޤަލަމް" ކަމުގައި ވިދާޅުވާ ބޭކަލުންގެ ތެރޭގައި އިބުނު ޖަރީރުއްޠަބަރީ އާއި އިބްނުލް އަޘީރު ރަޙިމަހުﷲ ހިމެނިވަޑައިގަންނަވައެވެ. ފަހުގެ ޢިލްމުވެރިންގެ ތެރެއިން ޝެއިޚް އަލްބާނީގެ ބަސްފުޅަކީވެސް މިއީއެވެ. އެބޭކަލުންގެ ދަލީލަކީ ރަސޫލާ صلّى اللّـه عليه وسلّم  ގެ މިދަންނަވާ ޙަދީޘެވެ.

" إِنَّ أَوَّلَ مَا خَلَقَ اللَّهُ الْقَلَمَ فَقَالَ لَهُ اكْتُبْ‏. قَالَ رَبِّ وَمَاذَا أَكْتُبُ قَالَ اكْتُبْ مَقَادِيرَ كُلِّ شَىْءٍ حَتَّى تَقُومَ السَّاعَةُ "‏ {سنن أبي داود/ كتاب السنة/ باب فِي الْقَدَرِ/ ޙަދީޘް ނަންބަރު 4700} 

މާނައީ: [ މާތްالله سبحانه وتعالى އެންމެ ފުރަތަމަ އުފެއްދެވީ ޤަލަމެވެ. އަދި އެޤަލަމަށް ވަޙީ ކުރެއްވިއެވެ. ލިޔާށެވެ.! އެހިނދު ޤަލަމް ދެންނެވިއެވެ. ލިޔަންވީ ކޮން އެއްޗެއްތޯއެވެ؟ ވަޙީ ކުރެއްވިއެވެ. ޤިޔާމަތާއި ޖެހެންދެންވާނޭ ހުރިހާ ކަމެއް ލިޔާށެވެ."

ދެވަނަ ރައުޔަކީ، މާތްالله سبحانه وتعالى އެންމެ ފުރަތަމަ ޚަލްޤުކުރެއްވީ ޢަރުޝިކަމަށް ބުނެވޭ ރައުޔެވެ. މިފަދައިން ވިދާޅުވާ ޢިލްމުވެރިންގެ ދަލީލަކީ، ޞަޙީޙު މުސްލިމްގައި ޢަބްދުﷲ ބުން ޢަމްރު ބުނުލް ޢާޞު ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެފައިވާ ޙަދީޘެވެ. ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ. 

{كَتَبَ اللهُ مَقَادِيرَ الْخَلَائِقِ قَبْلَ أَنْ يَخْلُقَ السَّمَاوَاتِ وَالْأَرْضَ بِخَمْسِينَ أَلْفَ سَنَةٍ، قَالَ: وَعَرْشُهُ عَلَى الْمَاءِ} (مسلم/ كتاب القدر/ ޙަދީޘް ނަންބަރު 2653) 

މާނައީ: "އުޑުތަކާއި ބިން ހެއްދެވުމުގެ ފަންސާސްހާސް އަހަރުކުރިން ޚަލްޤުތަކުންގެ ތަޤްދީރު މާތްﷲ ލިޔުއްވިއެވެ. ޙަދީޘް ކުރެއްވިއެވެ. އޭރު އެކަލާނގެ ޢަރުޝި ވަނީ ފެންމަތީގައެވެ."

މި ދެންނެވި ޙަދީޘުން ދަލީލުކޮށްދެނީ އެންމެހާ ޚަލްޤުތަކެއްގެ ތަޤްދީރު މާތްﷲ ލިޔުއްވައިފައިވަނީ ޢަރުޝި ޚަލްޤުކުރެއްވުމަށް ފަހުގައިކަމެވެ. ކޮންމެއަކަސް، މިމައްސަލައަކީ ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވެފައިވާ މައްސަލައެކެވެ. ދެގޮތަށް ވިދާޅުވާ ޢިލްމުވެރިންގެ ދަލީލުތައްވެސް ވަރުގަދައެވެ.

الوح المحفوظ   އަކީ ހަތްވަނަ އުޑުގައިވާ ފިލައެކެވެ. މާތްالله سبحانه وتعالى ވަނީ އެންމެހައި މަޚްލޫޤުންގެ ތަޤްދީރު الوح المحفوظ   ލިޔުއްވައިފައިވެއެވެ. އެއީ މަޚްލޫޤުތަކުން ޚަލްޤުކުރެއްވުމުގެ އެތަށް ހާސް އަހަރެއް ކުރިންނެވެ. މިކަމަށް އިޝާރާތްކުރައްވައި ޙައްޖު ސޫރަތުގެ 70 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ.

أَلَمْ تَعْلَمْ أَنَّ اللَّـهَ يَعْلَمُ مَا فِي السَّمَاءِ وَالْأَرْضِ ۗ إِنَّ ذَٰلِكَ فِي كِتَابٍ ۚإِنَّ ذَٰلِكَ عَلَى اللَّـهِ يَسِيرٌ ﴿٧٠

މާނައީ: "ހަމަކަށަވަރުން، އުޑާއި، ބިމުގައިވާހާކަމެއް، اللَّه ދެނެވޮޑިގެންވާކަން ތިބާޔަށް ނޭނގެނީހެއްޔެވެ؟ ހަމަކަށަވަރުން، އެކަންތައްވަނީ، ފޮތެއްގައި ލިޔުއްވައިފައެވެ. ހަމަކަށަވަރުން، އެކަންތަކަކީ، اللَّه އަށް ދާދިފަސޭހަކަމެކެވެ"

الوح المحفوظ  ގައި ލިޔެވި ކަނޑައެޅިގެންވާ ކަމެއް މެނުވީ މިބިންމަތީގައި ނުހިގާނެއެވެ. މާތްالله سبحانه وتعالى ގެ މަޚްލޫޤުތަކުންނާ ބެހޭ އެންމެހާ ކަމެއްވަނީ ވަނީ الوح المحفوظ  ގައި  ބަޔާންކުރެވިގެންނެވެ. މަޚްލޫޤުތަކުންގެ ޢުމުރާއި ރިޒުޤެވެ. ކުރާނެ މަސައްކަތާއި، ޢަމަލުތަކެވެ. އަދި މިނޫންވެސް މަޚްލޫޤުތަކުންގެ ހުރިހާކަމެއް އެތަކެތި އުފެއްދެވުމުގެ ފަންސާސްހާސް އަހަރު ކުރިން ވަނީ ލިޔުއްވައިފައެވެ. ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރައްވައިފައިވެއެވެ.

{ كَتَبَ اللهُ مَقَادِيْرَ الْخَلاَئِقِ قَبْلَ اَن يَّخْلُقَ السَّمَوَاتِ وَالْأَرْضَ بِخَمْسِيْنَ أَلْفَ سَنَةٍ } (مسلم/ كتاب القدر/ ޙަދީޘް ނަންބަރު 2653) 

މާނައީ: " މާތްالله سبحانه وتعالى ވަނީ އެންމެހާ ޚަލްޤުތަކުންގެ ތަޤްދީރު އުޑުތަކާއި ބިން ހެއްދެވުމުގެ ފަންސާސްހާސް އަހަރު ކުރީން ލިޔުއްވައިފައެވެ." 

ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

މިއަދު އޮންލައިން