އުޑުތަކާއި ބިން ޚަލްޤުކުރެއްވުމުގައި ވިސްނާފިކުރު ކުރާ ބަޔަކަށް ވަރަށް ބޮޑު ޢިބުރަތެއްވަނީ ލައްވައިފައެވެ. ކީރިތި ޤުރްއާނުގެ އެތަށް އާޔަތެއްގައި އުޑުތަކާއި ބިން ހެއްދެވުމުގެ ވާހަކަ ބަޔާން ކުރައްވައިފައިވެއެވެ. އެގޮތުން، މާތްالله سبحانه وتعالى އުޑުތަކާއި ބިން ޚަލްޤު ކުރެއްވުމުގެ ކުރިން، އުޑުތަކާއި ބިމުގެ ޙާލަތު އޮތްގޮތް ބަޔާން ކުރައްވައި، ކީރިތި ޤުރްއާނުގެ އަލްއަންބިޔާއު ސޫރަތުގެ 30 ވަނަ އާޔަތުގައި ވަޙީކުރައްވައިފައިވެއެވެ.
أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا ۖوَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ ۖ أَفَلَا يُؤْمِنُونَ ﴿٣٠﴾
މާނައީ: "ހަމަކަށަވަރުން، އުޑުތަކާއި، ބިން، އެކަތިގަނޑަކަށްވެފައިވަނިކޮށް، ފަހެ، ތިމަންރަސްކަލާނގެ އެދޭތި ވަކިކޮށްލެއްވިކަން، كافر ވި މީހުން ނުދަންނަނީ ހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ ދިރޭ ކޮންމެ އެއްޗެއް ފެނުން ހެއްދެވީމެވެ. ފަހެ، އެއުރެން إيمان ނުވަނީ ހެއްޔެވެ؟"
ކީރިތި ޤުރްއާނުގެ ފުއްޞިލަތު ސޫރަތުގެ 11 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
ثُمَّ اسْتَوَىٰ إِلَى السَّمَاءِ وَهِيَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ائْتِيَا طَوْعًا أَوْ كَرْهًا قَالَتَا أَتَيْنَا طَائِعِينَ ﴿١١﴾
މާނައީ: "ދެން ދުމެއްގެ ސިފައިގައި އުޑުވަނިކޮށް، އުޑުހައްދަވައި، ފުރިހަމަކުރެއްވުމަށް އެކަލާނގެ އިރާދަކުރެއްވިއެވެ. ފަހެ، އެކަލާނގެ އެ އުޑަށާއި، ބިމަށް وحى ކުރެއްވިއެވެ. ރުހުމުގައި، ނުވަތަ ނުރުހުމުގައިވިޔަސް (ފުރާފުރިހަމަވެގެން) އަންނާށެވެ! އެ އުޑާއި ބިން ދެންނެވިއެވެ. ތިމަންމެން ރުހުމުގައި އަތުވެއްޖައީމުއެވެ."
އުޑުތަކާއި ބިން ހެއްދެވުމުގެ ވާހަކަ ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 29 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
هُوَ الَّذِي خَلَقَ لَكُم مَّا فِي الْأَرْضِ جَمِيعًا ثُمَّ اسْتَوَىٰ إِلَى السَّمَاءِ فَسَوَّاهُنَّ سَبْعَ سَمَاوَاتٍ ۚ وَهُوَ بِكُلِّ شَيْءٍ عَلِيمٌ ﴿٢٩﴾
މާނައީ: "އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ބިމުގައިވާ އެންމެހައި ތަކެތި ހެއްދެވި ރަސްކަލާނގެއެވެ. ދެން އެކަލާނގެ އުޑު ހެއްދެވުމަށް އިރާދަކުރައްވައި، އެ އުޑުތަކުގެ ހެއްދެވުން ހަތް އުޑަށް ފުރިހަމަކުރެއްވިއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްމެ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
މާތްالله سبحانه وتعالى ހަތް އުޑު ހައްދަވައިފައިވާފަދައިން ހަތްބިންވެސް އުފައްދަވާފައިވާކަން ކީރިތި ޤުރްއާނުން ޘާބިތުވެފައިވެއެވެ. ކީރިތި ޤުރުއާނުގެ ޠަލާޤު ސޫރަތުގެ 12 ވަނަ އާޔަތުގައި މާތް الله سبحانه وتعالى ކުރައްވައިފައިވެއެވެ.
اللَّـهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ يَتَنَزَّلُ الْأَمْرُ بَيْنَهُنَّ لِتَعْلَمُوا أَنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّـهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا ﴿١٢﴾
މާނައީ: "اللَّه އީ، ހަތް އުޑު ހެއްދެވި ރަސްކަލާނގެއެވެ. އަދި ބިމުންވެސް އެފަދަމެއެވެ. (އެބަހީ: އެކަލާނގެ ހަތް ބިން ހެއްދެވިއެވެ.) އެތަންތާނގައި އެކަލާނގެ أمر ފުޅު ހިނގަހިނގާ ހުރެތެވެ. ހަމަކަށަވަރުން اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަމާއި، ހަމަކަށަވަރުން، اللَّه ގެ علم ފުޅު، ހުރިހާ އެއްޗެއްގެ ވަށައިގެންވާކަން ތިޔަބައިމީހުންނަށް އެނގުމަށްޓަކައެވެ."
މާތްالله سبحانه وتعالى ބިން އުފެއްދެވުމަށްފަހު އެބިމަށް ގަދަކަން ދެއްވައި ޘާބިތުކުރެއްވުމަށް އެބިމުގައި ފަރުބަދަތައް ލެއްވިއެވެ. މިފަދައިން ފަރުބަދަތައް ލެއްވުމުން އެބިމަށް ގަދަކަން ލިބިގެން ދިޔައެވެ. ބިންހެލުންފަދަ ކަންތައްތަކުން ރައްކާތެރިކަން ލިބިގެންދިޔައެވެ. ކީރިތި ޤުރްއާނުގެ އަންބިޔާއު ސޫރަތުގެ 31 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَجَعَلْنَا فِي الْأَرْضِ رَوَاسِيَ أَن تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجًا سُبُلًا لَّعَلَّهُمْ يَهْتَدُونَ ﴿٣١﴾
މާނައީ: "އަދި އެއުރެންނާއިގެން އެ ބިން، ތެޅިފޮޅިގެންފާނެ ކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ތިމަންރަސްކަލާނގެ ބިމުގައި ލެއްވީމެވެ. އަދި އެ ބިމުގައި، ބޮޑެތި ތަނަވަސް މަގުތައް ލެއްވީމެވެ. (އެއީ) އެއުރެންނަށް މަގު އެނގުމަށްޓަކެވެ."
ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް