ލިބެރަލިޒަމްގައި ފެމިނިޒަމް މާނަ ކުރެވޭ ގޮތް-

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 32ސ
ލިބެރަލިޒަމްގައި ފެމިނިޒަމް މާނަ ކުރެވޭ ގޮތް-

ލިބެރަލިޒަމްއަކީ މުޖުތަމަޢެއްގައި އިޖުތިމާޢީ އަދި ސިޔާސީ ހޭލުންތެރިކަން ހުރި މިންވަރަކަށް ބިނާވެގެން، އިންސާނުންނަށް ފަރުދީ ގޮތުންނާއި ޖަމާޢީ ގޮތުން ހުރި ސިޔާސީ، އިޤްތިޞާދީ އަދި ޘަޤާފީ ހުރަސްތަކުން މިނިވަންކަން ހޯދައިދިނުމަށް އަމާޒުކޮށް މަސައްކަތްކުރާ ފަލްސަފާއަކާއި ޤަބޫލުކުރުމެކެވެ. މި ފިކުރު އެ މުޖުތަމަޢުގައި ހުންނަ ޤަބޫލުކުރުންތަކާއި ގުޅިގެން ބަދަލުވެ ތަފާތުތަކެއް އައިސްދާނެއެވެ. ފަރުދީ އަދި މަދަނީ މިނިވަންކަމަށްވެސް މި ފިކުރުގެ އަހުލުވެރީން ވަކާލާތުކުރެއެވެ. 

މި ފިކުރުގައި ފެމިނިޒަމް މާނަކުރާ ގޮތް ދެނެގަތުމަށްޓަކާ މި ފިކުރުގެ އަޞްލު ނަޒަރިއްޔާތަކަށް ރުޖޫޢަވެލަން ޖެހެއެވެ. މި ގޮތުން ލިބެރަލިސްޓް ފެމިނިޒަމްއިން ދެކޭ ގޮތުގައި މުޖުތަމަޢު މިސްރާބު ޖަހާފައިވަނީ އަންހެނުންނަކީ އެ މީހުންގެ ޠަބިއްޔަތުގައިވެސް ވިސްނުމާއި ޖިސްމާނީ ގޮތުން ފިރިހެނުންނަށް ވުރެ ބަލިކަށި ބައެއްކަމަށް ޤަބޫލުކުރާ ޤަބޫލުކުރުމާ ދިމާލަށެވެ. އެހެންކަމުން އަންހެނުންވަނީ ތަޢުލީމީ އަދި އިޤްޠިޞާދީ ވެށިން އެކަހެރިކޮށް ބާކީ ކުރެވިފައެވެ. ނަތީޖާއަކަށްވަނީ ގިނަ އަންހެނުންގެ ޤާބިލުކަން ފުރިހަމައަށް ޙާޞިލު ނުކުރެވުމެވެ. އަދި ތަޢުލީމާއި މަދަނީ ޙައްޤުތަކުގައި އަންހެނުންނާއި ފިރިހެނުންނަށް އެއް ފުރުސަތުތަކެއް ފަހިކޮށްދީފިނަމަ އަންހެނުންނާއި ފިރިހެނުން އެއް މިނެއްގައި ކުރިއަރައިގެން ދާނެއެވެ. މިފަދައިން އެބައިމީހުން ވަކާލާތުކޮށް މަސައްކަތްކުރަނީ، ކޮންމެ ފަރުދަކަށްވެސް ހަމަހަމަކަމާއި އޭނާގެ ޤާބިލުކަމާއި ކުޅަދާނަކަމަށް ފުރުޞަތުތައް ލިބުމުގެ ޙައްޤު އޮންނަންވާނެކަމަށް ދެކި އެކަމަށް އިޙުތިރާމުކުރުމުގެ މައްޗަށް ބިނާވެފައިވާ މުޖުތަމަޢުއެއް އުފެއްދުމަށެވެ.[ 

މި ކަންކަމަށް ބިނާވެގެން ލިބެރަލިޒަމްގައި އަންނަނިވި ގޮތްތަކަށް ފެމިނިޒަމް މާނަ ކުރެވިފައިވެއެވެ.

  • [ސިޔާސީ، އިޤްޠިޞާދީ އަދި އިޖުތިމާޢީ ގޮތުން ދެ ޖިންސުގެ ހަމަހަމަކަމަށް ބިނާވެފައިވާ ނަޒަރިއްޔާއެކެވެ.][2]
  • [ފިރިހެނުންނެކޭ އެއް ޙައްޤުތަކަކާއި ފުރުޞަތުތަކެއް އަންހެނުންނަށްވެސް ލިބެންޖެހޭނެކަމަށް ޤަބޫލުކުރާ ޤަބޫލުކުރުމެކެވެ.][3]
  • [ފިރިހެނުންނާއި އަންހެނުންގެ ގުޅުމާއި، އޭގެ އަޞްލުތަކާއި، އެކަންކަމަށް ބަދަލުތަކެއް ގެނެވޭނެ ގޮތްތަކަށް ބިނާވެފައިވާ ފިކުރުތަކެކެވެ.][4] 
  • ސޯޝަލިސްޓް މާކްސިޒަމްގައި ފެމިނިޒަމް މާނަކުރެވޭ ގޮތްތައް 

މާކްސިޒަމްއަކީ ކާލް މާކްސް (Karl Marx) އުފެއްދި އުޞޫލުތަކަށް ބިނާވެގެން އުފެދުފައިވާ ފިކުރެކެވެ. އޭނާގެ ފަލްސަފާވެރި އަދި އިޖުތިމާޢީ ނަޒަރިއްޔާތުތައް ބިނާވެފައިވަނީ މާއްދިއްޔަތުގެ ތަފާތުތަކުގެ މައްޗަށެވެ. މި ފިކުރަކީ މުޖުތަމަޢުއެއްގެ ޙާލަތު ދެނެގަތުމަށްޓަކައި އެ މުޖުތަމަޢުގައި ފަރުދުން ބެހިގެންވާ ތަފާތު ފަންތިތައް ބޮޑު ދައުރެއް އަދާކުރާ ފިކުރެކެވެ.[5]

ސޯޝަލިޒަމްއަކީ ކޮމިއުނިސްޓް މުޖުތަމަޢުއެއް އުފެދުމުގެ ފުރަތަމަ މަރުޙަލާ ކަމުގައި ދެކެވޭ ފަލްސަފާކެވެ. އެބައިމީހުންގެ އަމާޒަކީ ފަންތީގެ ތަފާތުތަކުން އެއްކިބާވެފައިވާ އަދި އުފެއްދުންތެރިކަމުގެ ވަސީލަތްތަކާއި މުދާ ގަނެވިއްކުމާއި ބަދަލުކުރުމުގެ ވަސީލަތްތައް ފަރުދީ ގޮތުން މިލްކުކުރުމުން އެއްކިބާވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމެވެ. 

ސޯޝަލިސްޓް މާކްސިޒަމްގައި ފެމިނިޒަމްގެ ތަޢުރީފުތައް ބޮޑަށް ބިނާވެފައިވަނީ ކާލް މާކްސް އާއި ފެޑްރިކް އެންގެލްސް (Friedrich Engels) ގެ ނަޒަރިއްޔާތުތަކުގެ މައްޗަށެވެ. އެ ގޮތުން އަންހެނުންނަށް ކުރިމަތިވާ އަނިޔާތަކާއި ފިއްތުންތައް ކުރިމަތިވާން އެކިއެކި ސަބަބުތައް މެދުވެރިވާކަމުގައި މިބައިމީހުން ދެކެއެވެ. އެގޮތުން:

1.    ދެ ޖިންސުގެ ދެމެދު އޮންނަ ގުޅުމުގައި ހަމަހަމަކަން ނެތުމުގެ ސަބަބުން، ފަރުދީ މިލްކުވެރިކަން ފާޅުވެ އިންސާނީ މުޖުތަމަޢުއަށް ޙާޞިލުވެފައިވާ ހަމަހަމަކަންވެސް ގެއްލިގެން ދެއެވެ. މިކަން ބިނާވެފައިވަނީ ޖިންސީ ފަރަޤަށް ބިނާވެގެން މަސައްކަތްތަކާއި ޒިންމާތައް ބެހުމުގެ މައްޗަށެވެ. މިއީ މުދާ ވާރުތަކުރުމުގައި ޝައްކެއް ނެތް މިންވަރަށް ޢާއިލީ ގުޅުން ކަށަވަރުކުރަން ޖެހުމުގެ ނަތީޖާއެވެ. [7] 

2.    ފަންތިތަކަށް ބެހުމަކީ އަންހެނުންނަށް ކުރިމަތިވާ އަނިޔާވެރިކަމާއި ފިއްތުންތަކުގެ ފެށުމެވެ. އެހެނީ މަސައްކަތްތެރިން އުފެއްދުމަށް ހޭދަވާ ވަގުތާއި އުފުލަންޖެހޭ ބުރައިގެ ބޮޑު ބަޔަކީ އަންހެނުން ޢާއިލާތަކުގައި ހިލޭސާބަހަށް، ޞިއްޙަތު ރަނގަޅު ދުޅަހެޔޮ ބަޔަކު އުފެއްދުމަށް ކުރާ މަސައްކަތެވެ.[8] އެހެން ހުރިހާ ދާއިރާއެއްގައި އަންހެނުންނަށް ކުރިމަތިވާ ދަތިތަކުގެ ސަބަބަކީ މިއެވެ.[9] 

3.    ކެޕިޓަލިޒަމްގައި ޚާއްޞަ އަދި ޢާންމު ދާއިރާތައް ފަރަޤު ކުރެއެވެ. މިގޮތުން ފިރިހެނުންނަށްވަނީ އާމްދަނީ ލިބޭ، ފައިދާ ހުރި މަސައްކަތްތަކެވެ. އަދި އަންހެނުންނަށްވަނީ ގޭތެރޭގެ މަސައްކަތްތައް ހިލޭސާބަހަށް ކުރުމެވެ. އަދި މިއީ ފައިދާ ހުރި މަސައްކަތެއްކަމުގައި ނުދެކެއެވެ. 

4.    ކެޕިޓަލިޒަމްއާއި ގުޅިފައިވާ އަދި ފަރުދީ މިލްކުވެރިކަން ތަރައްގީވެގެން އައުމާއެކު، އިޖުމާޢީ ގޮތުން އުފެދުނު، ހިންގުމުގައި ފިރިހެނުން އިސްވެ ތިބޭ ނިޒާމަކީ އަދި އެއާއި ގުޅިގެން މަސައްކަތްތައް ބެހުމަށް ހުރި ދަތިތަކަކީ، ގޭތެރޭގެ މަސައްކަތްތަކަކީ އަންހެނުން އަދާކުރަންޖެހޭ އަސާސީ ދައުރެއްކަމަށް ވެގެންދިޔަ ސަބަބެވެ. 

5.    މި ކަންކަމަށް ބިނާކޮށް ސޯޝަލިސްޓް މާކްސިޒަމްގައި ފެމިނިޒަމްގެ މަފްހޫމަކީ: އެއީ އަންހެނުން އެނބުރި މަސައްކަތުގެ ބާޒާރަށް ނެރުވުމަށާއި،  އިޖުތިމާޢީ ފަންތިތަކުގެ ވާދަވެރިކަމުގައި އަންހެނުން ބައިވެރި ކުރުމަށް ކުރެވޭ މަސައްކަތެކެވެ. އޭގެ ސަބަބުން ކެޕިޓަލިޒަމްގެ ނިޒާމު ބަދަލުވެ، އިޖުތިމާޢީ ފަންތީގެ ތަފާތުތައް ނެތިގެން ހިނގައިދާނެއެވެ. އަދި އުފެއްދުންތެރިކަމުގެ ވަސީލަތްތަކަކީ މުޖުތަމަޢުގެ ޢާންމު މިލްކިއްޔާތުކަމުގައި ވެގެންދާނެފަދަ އިޖުތިމާޢީ ބަދަލެއް ގެނެސް، އެކަމުގެ ތެރެއިން އަމިއްލަ ފަރުދުންގެ ގޭގެ އިޤްޠިޞާދާއި ދަރިން ބެލުމާއި ބޯހިޔާވަހިކަމަކީވެސް އިޖުތިމާޢީ މަސައްކަތްތައްކަމުގައި ކަނޑައެޅި، ގޭތެރޭގެ ބުރަބޮޑު މަސައްކަތުން އަންހެނުން މިނިވަންކުރުމެވެ.[12]

= ނުނިމޭ

- އައްޝައިޚް ޙަސަން ޒިޔާން

 

މިއަދު އޮންލައިން