އޭނާގެ އުމުރަކީ 40 އަހަރެވެ. ނަމަވެސް ފެންނަ ފެނުމުގައި އެކަމެއް ނޭނގެއެވެ. ގިނަ ބައަކު ހީކުރަނީ 25 ވަރަކަށް އަހަރުކަމަށެވެ. އޭނާގެ 20 އަހަރުގެ އަންހެން ދަރިއަކު ހުރެއެވެ.
އޭނާގެ ފިރިމީހާ އޭނާ ވަރިކުރިތާ 5 އަހަރުފަހުން ދަރިފުޅާ އެއް އުމުރުގެ ޒުވާނަކު އޭނާގެ ފަހަތުން އަޅައިގެންފިއެވެ. އެއީ ވަރަށް ރީތި ވެސް ޒުވާނެކެވެ. ގެއަށްވެސް އަންނަން ފަށައިފިއެވެ. އެތަން ދަރިފުޅަށްވެސް ފެނިއްޖެއެވެ. އެކަމާ ދަރިފުޅު ލަދުގަނެއެވެ. ދަރިފުޅު ބުނަނީ މަންމަ އޭނާ އާ ވާހަކަ ދައްކާނަމަ މަންމަ ދޫކޮށް ބައްޕަގާތަށް ދާނެ ކަމަށެވެ.
އެއް ދުވަހަކު ޒުވާނާ ގެއަށް އައުމުން އުމުރަކީ 40 އަހަރުކަމަށާއި އެއީ ޒުވާނާގެ މަންމަގެ އުމުރުކަމަށް ބުނުމުން ޒުވާނާ ބުނީ އެއީ އޭނާއަށް އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އޭނާއަށް މައްސަލައެއް އެބައޮތެވެ. އެއީ ދަރިފުޅު ގެއްލޭނެ ކަމެވެ. އެހެންވެ އޭނާ ޒުވާނާ ނުވައްދައި ހިތާއި ދެކޮޅަށް ދޮރުޖަހާފައި ގެއަށްވަނީއެވެ.
މިއީ ސޯޝަލް މީޑިއާއިން އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑު ބޭނުންވަނީ އެވާހަކަ ނިންމާލަމުން ކޮށްފައި އިން ސުވާލު މިއަދުނޫހުގެ އަންހެން ކިޔުންތެރިންނާއި ކޮށްލުމަށެވެ. އެސުވާލަކީ:
މިފަދަ ޙާލަތެއްގައި ތިބާ ކަންތައް ކުރާނީ ކިހިނަކުންހެއްޔެވެ؟
--ޝަޒޫ / މިއަދުނޫހުގެ ކިޔުންތެރިއެއް