ރެޑިކަލިޒަމްގެ ވިސްނުމުގައި ފެމިނިޒަމް މާނަކުރެވޭ ގޮތްތަކާ ބައެއް މުސްލިމު މުފައްކިރުން ގެންނަވާފައިވާ އިޞްޠިލާޙުތައް-

މިއަދު
ކިޔުމަށް ހޭދަވާނީ 6މ 51ސ
ރެޑިކަލިޒަމްގެ ވިސްނުމުގައި ފެމިނިޒަމް މާނަކުރެވޭ ގޮތްތަކާ ބައެއް މުސްލިމު މުފައްކިރުން ގެންނަވާފައިވާ އިޞްޠިލާޙުތައް-

ރެޑިކަލިޒަމްގެ ވިސްނުމުގައި ފެމިނިޒަމް މާނަކުރެވޭ ގޮތްތައް 

ރެޑިކަލިޒަމްއަކީ މުޖުތަމަޢެއްގައި އަށަގަނެފައިވާ ފިކުރީ، ސިޔާސީ، އިޤްޠިޞާދީ އަދި އިޖުތިމާޢީ ވިސްނުންތައް، އެއާ ދުރު ވިސްނުމަކަށް ބަދަލުކުރުމަށް މަސައްކަތްކުރާ ސިޔާސީ ފިކުރެކެވެ. 

ރެޑިކަލިސްޓް ވިސްނުމުގައި ފެމިނިޒަމްގެ ތަޢުރީފު ބިނާވެގެން އަންނަނީ ވިސްނުމުގެ އައު ވައްޓަފާޅިއަކުންނެވެ. އަދި ތާރީޚުގެ ތެރެއިން ފިރިހެނުންނާއި އަންހެނުންނާ ދެމެދުގައިވާ ގުޅުން ފަހުމުކުރުމުގައި ގެންގުޅެނީ އެހެން ނަޒަރިއްޔާތަކާ ތަފާތު އުސްލޫބެކެވެ. އަދި މުޖުތްމަޢު ބިނާކުރުމާއި މިންތީގެ ހަމަހަމަކަމުގެ ވާހަކަތައް ދައުރުވަނީ ފިރިހެނުން އިސްސަފުގައި ތިބެ ހިންގާ ނިޒާމު (patriarchal system) ގެ ވަށައިންނެވެ. އެހެންކަމުން އެ ނިޒާމުގެ އަސާސްތަކަށް ބަދަލު ގެނައުމަށް އަމާޒުކުރެއެވެ. އަދި އަންހެނުންނަށް އެބައިމީހުންގެ ހަށިގަނޑުގެ މިލްކުވެރިކަމާއި އެ ހައްޓަށް އަމުރުހިންގުމުގެ ބާރު އަނބުރާ އަންހެނުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރެއެވެ. 

އެގޮތުން ރެޑިކަލިސްޓް ވިސްނުމުގައި އަންނަނިވި ގޮތްތަކަށް ފެމިނިޒަމް މާނަކުރެވެއެވެ.

[ފެމިނިޒަމަކީ އިޖުތިމާޢީ ބާރެކެވެ. އަދި އެކަން ބިނާވެގެންވަނީ ދެ ޖިންސުގެ މީހުން، ޘަޤާފީ، އިޤްޠިޞާދީ އަދި ސިޔާސީގޮތުން ތަފާތު ފަންތިތަކަށް ބަހާ ކޮންމެ މުޖުތަމަޢެއްގައި އަންހެނުން ވަޒަންކުރެވެނީ ފިރިހެނުންނަށް ވުރެ ދަށްކޮށްކަމަށް ޤަބޫލުކުރާ ޤަބޫލުކުރުމުގެ މައްޗަށެވެ. އަދި އަންހެނުންނަށް އަމިއްލަ އިޚްތިޔާރުގައި، ޖަމާޢީ މަސައްކަތުން އަންހެނުންގެ ޙާލަތު ބަދަލުކުރެވިދާނެކަމަށް ދެކޭ ދެކުމަށްވެސް މިކަން ބިނާވެއެވެ." 

އަދި ބެލް ހޫކްސް މިފަދައިން ތަޢުރީފު ގެނެސްފައިވެއެވެ. [ޖިންސީ ގޮތުންނާއި ނަސްލީ ގޮތުން އަދި ފަންތީގެ ގޮތުން ހުޅަނގުގެ ޘަޤާފަތުގައި އަށަގަނެފައިވާ ބާރުވެރިކަމުގެ ޤަބޫލުކުރުން ނައްތާލުމަށް ކުރެވޭ މަސައްކަތެކެވެ.] 

ކްރިސް ވީޑަން (Chris Weedon)ގެ ތަޢުރީފުގައި ފެމިނިޒަމަކީ، [ފިރިހެނުންނާއި އަންހެނުންނާ ދެމެދުގައިވާ ގުޅުމުގައި އެކުލެވޭ ބާރުވެރިކަމުގެ މީޒާން ބަދަލުކޮށްލުމަށް މަސައްކަތްކުރާ ސިޔާސަތެކެވެ.] 

އަދި ޖެކް ޑެރިޑާ (Jacques Derrida) އަންނަނިވި ގޮތަށް ފެމިނިޒަމްގެ ތަޢުރީފު ގެނެސްފައިވެއެވެ. [އަންހެނުން ފިރިހެނުންނާ އެއްފަދަވުމަށް އަދި ޙަޤީޤަތާއި ޢިލްމު އަދި ޒާތީ އިހުސާސްތަކުން އެއްކިބާވެ ހުރެ ޙަޤީޤަތަށް ބެލުމަށް ވަކާލާތުކުރާ، ކަންކަމަކީ ދޮގު ނުކުރެވޭނެ ޙަޤީޤަތްކަމަށް ސާބިތުކޮށްދޭން ޖެހޭ ފަލްސަފާވެރިން (dogmatic philosophers) ފަދައިންވުމަށް އެދި އަންހެނުން މަސައްކަތް ކުރާ މަގުތަކެވެ.

މިގޮތުން މި ވިސްނުމުގައި ފެމިނިޒަމް ސިފަވެގެން މި ދަނީ އަންހެނުންގެ ޙާލަތު އަދި ފިރިހެނުންނާ ދެމެދު އޮންނަ ގުޅުން ބަދަލު ކުރުމަށްޓަކާ އަނިޔާވެރިވުމާއި ހައްދުފަހަނަ އަޅައިދިއުމުގެ ސިފަތަކުންނެވެ. ޒިކުރު ކުރެވިދިޔަ ތަޢުރީފުތަކުން މިކަން ސާފުވެ ބަޔާންވެގެންދެއެވެ. އަދި އެބައިމީހުންގެ ލަނޑުދަނޑިތަކާއި މިސްރާބަށް އެޅޭ ކޮންމެ ހުރަހަކާ ދެކޮޅުވެރިވެ ހަނގުރާމަ ކުރެއެވެ. ސިފަވެގެން މި ދަނީ ފެމިނިޒަމް ބަދަލުވަމުން އައިސް މިހާރު އޮތް ޙާލަތެވެ.

ބައެއް މުސްލިމު މުފައްކިރުން ގެންނަވާފައިވާ އިޞްޠިލާޙުތައް: 

ޑރ. އިބްރާޙީމް އަލް-ނާޞިރު ފެމިނިޒަމް ގެ ތަޢުރީފު މި ފަދައިން ގެނަނަވާފައިވެއެވެ. 

[އެއީ އަންހެނުންގެ މިނިވަންކަމުގެ ޙަރަކާތެއްގެ ގޮތުގައި ކުރިން އެނގިފައިވާ ހުޅަނގުގެ ޙަރަކާތެކެވެ. އެއަށްފަހު އަސްކަރީ އަދި ފިކުރީ ހަނގުރާމައިގެ ތެރެއިން މި ޙަރަކާތް މިވަނީ އަޅުގަނޑުމެންގެ ޢަރަބި އިސްލާމީ ދުނިޔެއަށްވެސް ވަދެގަނެފައެވެ. އުންމަތް މިވަނީ އެކަމުގެ ހިތި އެތަކެއް އަހަރުތަކަކަށް ތަހަންމަލުކުރަން ޖެހިފައެވެ. އަދި މި ފިކުރު އުފަންވެގެން އައި ތަނުގައި މި ޙަރަކާތް ފުޅާވެގެންދާ ކޮންމެ ފަހަރަކު އެ ފިކުރުތައް މި އުންމަތަށް ވަދެގެން ދިއުން އަދިވެސް ހުއްޓިގެން ނުދެއެވެ.] 

މި ތަޢުރީފު ބިނާވެގެން މިވަނީ ފެމިނިޒަމް އުފެދިގެން އައި ގޮތާއި އޭގެ އަޞްލާ އަދި އިސްލާމީ ދުނިޔެއަށް މި ފިކުރު ވާޞިލުވީ ގޮތުގެ މައްޗަށެވެ.

އަދި ހާވާޑް ޔުނިވަރސިޓީގެ ޕްރޮފެސަރެއްކަމަށްވާ މިރުފަތު ޙާތިމް ފެމިނިޒަމްގެ ތަޢުރީފު ގެންނަވާފައިވަނީ މިފަދައިންނެވެ. 

[އެއީ އަންހެނުން އިތުރަށް ދެނެގަތުމަށްޓަކައި ސަރަޙައްދީ ގޮތުންނާއި ޤައުމީ ގޮތުން އަދި ޚާރިޖީ ގޮތުން އެކަނބަލުންނާއި އަންހެނުންގެ އެހެން ޖަމާޢަތްތަކާ އޮތް ގުޅުން ދެނެގަތުމަށްޓަކާ ބޭނުންކުރެވޭ ތަޙްލީލީ އާލާތްތަކާއި ފާޑުކިޔަން ބޭނުން ކުރެވޭ އާލާތްތަކުގެ ތެރެއިން އާލާތްތަކެކެވެ.] 

މި ތަޢުރީފުން ފެންނަނީ ފެމިނިޒަމަކީ އަންހެނުން ދެނެގަތުމަށާއި ހުރިހާ ޤައުމުތަކެއްގެ އަންހެނުން އެއްބަޔަކު އަނެއްބަޔަކާ ދެމެދު އޮތް ގުޅުން ދެނެގަތުމަށް ބޭނުންކުރާ އާލާތްތަކެއް އެކަނިކަމުގައެވެ.

ޑރ. ނާހީދު މުޠީޢު ފެމިނިޒަމްގެ މާނަކުރައްވާ ވިދާޅުވެފައިވެއެވެ. 

[މިހާރު ދުނިޔޭގައި މިވަނީ ހުރިހާ ގޮތަކުންވެސް ފިރިހެނުންނަށް އިސްކަންދެވޭ ރައުޔުއެކެވެ. އަދި މިއަދު ހުށައެޅެނީވެސް ފިރިހެނުންނަށް ޚާއްޞަ ރައުޔުތަކެކެވެ. އެއީ ސައިކޮލޮޖީގައިކަމަށް ވިޔަސް ނުވަތަ އެޕިސްޓެމޮލޮޖީގައިކަމަށް ވިޔަސް ނުވަތަ އޮންޓޮލޮޖީގައިކަމަށް ވިޔަސްމެއެވެ. އެހެންކަމުން މިހާރު އަންހެނުން އެދެނީ އެކަނބަލުންވެސް ދުނިޔޭގެ ނަޒަރިއްޔާއެއް އުފައްދާ ފިރިހެނުންގެ ރައުޔުއަށްވުރެ އެކަނބަލުންގެ ރައުޔު ކުރިއަރައިގެން ދިއުމެވެ.] 

އަންހެނުން އުފައްދާފައިވާ ނަޒަރިއްޔާއެއް ފިރިހެނުންގެ ނަޒަރިއްޔާއާ އެއް ހަމައަކަށް ވާސިލުކުރަން ބޭނުންވާކަން މި ތަޢުރީފުން ސާފުވެގެންދެއެވެ.

ހަމައެހެންމެ، ސަޢުދީ ޢަރަބިއްޔާގެ ޝޫރާ މަޖިލިސްގެ މެންބަރުކަން އަދާކުރައްވާފައިވާ ޑރ. ސަޢުދު ބިން ޢަބްދުއްރަޙްމާން އަލްބާޒިޢީ ފެމިނިޒަމް މާނަކުރައްވާ ވިދާޅުވެފައިވެއެވެ. 

[އެއީ ނަޒަރީ އޮނިގަނޑަކާއި ލަނޑުދަނޑިތަކެއް އަދި ނަމެއް ލިބިގެންވާ ޙަރަކާތެއް އުފެއްދުމަށްޓަކައި ނަޒަރިއްޔާތުތަކަކާއި އާދަތަކެއް އެއްކުރުމަށް، ތާރީޚުގެ ވަކި މަރުޙަލާއެއްގައި ހުޅަނގުގެ އަންހެނުންނާއި ފިރިހެނުން ބަލައިގަނެފައިވާ ފިކުރުތަކަކާއި އާދަތަކެކެވެ.] 

މި ތަޢުރީފުން ދައްކައިދެނީ ފެމިނިޒަމަކީ ތާރީޚުގެ ވަކި ދުވަސްވަރެއްގައި ފިރިހެނުންނާއި އަންހެނުންވެސް އެއް މިންގަނޑެއްގައި ގެންގުޅުނު ފިކުރުތަކަކާއި އާދަތަކެއްކަމެވެ. އަދި މި ފިކުރުތަކާއި އާދަތައް މި ޙަރަކާތުގެ މަޤްޞަދު ދެނެގަތުމަށްޓަކައި އެހީއެއްކަމުގައިވެއެވެ. 

  • ޚުލާސާ 

ފެމިނިޒަމްގެ މާނަ ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވޭކަމާއި ފެމިނިޒަމްގެ އިންތަކެއް ކަނޑައެޅުމަށް ދަތިވެފައިވާކަން އިސްވެ ބަޔާންކުރެވިފައިވާ ނުކުތާތަކުން ވަރަށް ބޮޑަށް ސާފުވެގެން ހިނގައްޖެއެވެ. އެއީ ތާރީޚުގެ ތެރެއިން މި ޙަރަކާތް ގިރާކޮށްފައިވާ ތަފާތު މަރުޙަލާތަކުގެ ސަބަބުންނާއި، މި ޙަރަކާތް ފާޅުވެފައިވާ ތަފާތު ދާއިރާތަކުގެ ސަބަބުންނާ އަދި ކަޑައްތު ކޮށްފައިވާ މިސްރާބުގެ ސަބަބުންނެވެ. ނަމަވެސް ފެމިނިޒަމަކީ ކޮބާކަން ދެނެގަތުމަށް ޢާންމު އިންތަކެއް އަންނަނިވި ގޮތަށް ކަނޑައަޅާލެވިދާނެއެވެ. 

1.    އެއީ ހުޅަނގުގެ ޤައުމުތަކުން ފާޅުވެގެންއައި އިޖުތިމާޢީ، ސިޔާސީ އަދި އިޤްޠިޞާދީ ޖާނިބުތަކުގައި އަންހެނުންގެ ޙައްޤުތަކަށް ވަކާލާތު ކުރުމަށްޓަކައި އުފެދުނު ސިޔާސީ އިޖުތިމާޢީ ޙަރަކާތެކެވެ.

2.    އެއީ ލުޣަވީ ގޮތުންނާއި އަދަބީ ގޮތުންނާއި ތާރީޚީގޮތުން އަދި އަޚްލާޤީގޮތުންވެސް މުޅިން އައު ނަޒަރިއްޔާއަކާއި ފަލްސަފާއެކެވެ. އެމީހުން ބުނާގޮތުގައި ޢާންމުކޮށް ފެތުރިފައިވާ ނަޒަރިއްޔާތަކާއި ފަލްސަފާތަކާ ތަފާތު ނަޒަރިއްޔާއެއްގެ ގޮތުގައި އުފެދިގެން އަންނަން ޖެހުނީ، ޢާންމު ނަޒަރިއްޔާތައް ބިނާވެފައިވަނީ ފިރިހެނުންގެ ވިސްނުމާއި ފިރިހެނުނަންނަށް އިސްކަންދިނުމުގެ މައްޗަށްކަމަށް ވާތީއެވެ.

3.    އެއީ ފެށިގެން އައި އިރު ސިޔާސީ، އިޤްޠިޞާދީ އަދި އިޖުތިމާޢީ ޖާނިބުތަކުން ހަމަހަމަކަން ހޯދައިދިނުމަށް ވަކާލާތުކުރި އަދި މިހާރު ކޮންމެކަމެއްގައިމެ އެއްވެސް އުނިކަމެއްނެތި ފުރިހަމަ ހަމަހަމަކަން އަންހެނުންނާއި ފިރިހެނުންނާ ދެމެދު އޮތުމަށް ވަކާލާތުކުރާ ފިކުރުތަކަކާއި ވިސްނުންތަކެކެވެ.

4.    އެއީ އިންސާނުން (އަންހެނުންނާއި ފިރިހެނުން އެކުގައި) ވަށާ މަރުކަޒުވެފައިވާ ޘަޤާފަތާއި ދެކޮޅު، އަންހެނުން ވަށާ މަރުކަޒުވެފައިވާ އަދި ފިރިހެނުން އެކުގައި އެއްފަރާތްކުރުމަށް ގޮވާލާ ފިކުރެކެވެ.

5.    މި އެންމެހާ ކަންތައްތައް ދައުރުވަނީ ފިރިހެނުންގެ ފަރާތުން އަންހެނުންނަށް ކުރިމަތިވާ އަނިޔާވެރިކަމާ އަދި އެ ކަންކަމާ ކުރިމަތިލުމަށް ބޭނުންޖެހިފައިވާ މިންވަރުގެ ވަށައިގެންކަމަށްވެފައި، އެއީ ޞައްޙަ ރަނގަޅު މަގަކުން ނުވަތަ ފާސިދު ނުބައި މަގަކުން ނަމަވެސް އަންހެނުންނަށް ކުރިމަތިވާ ދަތިތަކަށް ނަޞްރު ހޯދައިދިނުމަށް މަސައްކަތް ކުރުމެވެ.

މި ލިޔުމުގެ ކުރިޔަށް ހުރި ބައިތަކުގައި، ފެމިނިޒަމް އުފެދިގެން އައި ގޮތާއި އިތުރަށް ފުޅާވެ މި ޙަރަކާތަށް އައި ބަދަލުތަކަށް ނަޒަރު ހިންގާލާއިރު، މި ބަޔާން ކުރެވުނު އިންތަކަށް އިތުރަށް އަލިއަޅުވާލެވޭނެއެވެ. إن شاء الله

- ނުނިމޭ- 

- އައްޝައިޚް ޙަސަން ޒިޔާން

 

 

މިއަދު އޮންލައިން