އާދަމްގެފާނު ވާހަކަ: އާދަމުގެފާނުގެ ކުރިން ދުނިޔޭގެ ހާލަތާ އާދަމުގެފާނު ޚަލްޤުކުރެއްވުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 26މ 19ސ
އާދަމްގެފާނު ވާހަކަ: އާދަމުގެފާނުގެ ކުރިން ދުނިޔޭގެ ހާލަތާ އާދަމުގެފާނު ޚަލްޤުކުރެއްވުން

آدم عليه السّلام

آدم عليه السّلام އަކީ، އިންސާނީ ބިނާވެއްޓެއް ދުނިޔޭގެ ބިމުގައި ލެއްވުމަށްޓަކައި މާތްالله سبحانه وتعالى، ޚަލްޤުކުރެއްވި އެންމެ ފުރަތަމަ އިންސާނާއެވެ. އެކަލޭގެފާނަކީ އިންސާނީ ނަސްލުގެ ބަފައިކަލުންނެވެ. آدم عليه السّلام ހެއްދެވީ މަށިންނެވެ. آدم عليه السّلام އަށް ލިބިވަޑައިގެންނެވި ޝަރަފުތަކުގެ ތެރެއިން އެންމެ ބޮޑު ޝަރަފަކީ، މާތްالله سبحانه وتعالى،  އެކަލާނގެ އަތްޕުޅުން އެކަލޭގެފާނު ޚަލްޤުކުރެއްވިކަމެވެ. 

އާދަމުގެފާނުގެ ކުރިން ދުނިޔޭގެ ހާލަތު: 

ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. "آدم عليه السّلام ޚަލްޤުކުރެއްވުމުގެ ދެހާސް އަހަރު ކުރިން މާތްالله سبحانه وتعالى،  ޖިންނީން ޚަލްޤުކުރެއްވިއެވެ. ދެން ޖިންނީންގެ ބާގަތަކުގެ މެދުގައި ދެކޮޅުވެރިކަން އުފެދި ލޭއޮހޮރުވުން ފެށުމުން، މަލާއިކަތްބޭކަލުންގެ ލަޝްކަރައެއް ޖިންނީންގެ ބާގަތަކާ ދިމާއަށް ފޮނުއްވިއެވެ. މަލާއިކަތްބޭކަލުން ވަޑައިގެން ޖިންނީންތައް ކަނޑުގެ އަޑިއަށް ފައްސަވައިލެއްވިއެވެ.  

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު}

މިދެންނެވި ރިވާޔަތުން، آدم عليه السّلام ޚަލްޤުކުރެއްވުމުގެ ކުރިން ޖިންނީން ޚަލްޤުކުރެއްވިކަން ދޭހަވެއެވެ. ޙިޖުރު ސޫރަތުގެ 26 ވަނަ އާޔަތާއި 27 ވަނަ އާޔަތުންވެސް މިކަމަށް ދަލީލު ލިބެއެވެ. މާތްالله سبحانه وتعالى، ވަޙީ ކުރައްވައިފައިވެއެވެ. 

وَلَقَدْ خَلَقْنَا الْإِنسَانَ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ ﴿٢٦﴾ وَالْجَانَّ خَلَقْنَاهُ مِن قَبْلُ مِن نَّارِ السَّمُومِ ﴿٢٧

މާނައީ: "تغيّر ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށިން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދި އޭގެކުރިން ދުމެއްނެތް އަލިފާނުން ތިމަންރަސްކަލާނގެ ޖިންނީން ހެއްދެވީމެވެ." 

އާދަމުގެފާނު ޚަލްޤުކުރެއްވުން: 

މާތްالله سبحانه وتعالى، آدم عليه السّلام ޚަލްޤުކުރައްވަން އިރާދަކުރެއްވި ހިނދު އެ ކަމުގެ ޚަބަރު މަލާއިކަތްބޭކަލުންނަށް ދެއްވިއެވެ. އެވާހަކަ ބަޔާން ކުރައްވައި ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 30 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 

وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً ۖ قَالُوا أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ۖ قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ ﴿٣٠ 

މާނައީ: "ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި خليفة އަކު ލައްވާހުށީމޭ ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! އެބޭކަލުން (އެހިނދު) ދެންނެވޫއެވެ. އަޅަމެން އިބަރަސްކަލާނގެއަށް حمد އާއެކު تسبيح ކިޔައި، އިބަރަސްކަލާނގެއަށް تقديس ކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ؟ އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ." 

ކުރިން، މި މަޒުމޫނުގައި ދެންނެވިފައިވާނޭ ފަދައިން މާތްالله سبحانه وتعالى، آدم عليه السّلام ޚަލްޤުކުރައްވައިފައިވަނީ ވެލިން ނުވަތަ މަށީންނެވެ. އެކަން ބަޔާން ކުރައްވައި ކީރިތި ޤުރްއާނުގެ މުއުމިނޫން ސޫރަތުގެ 12 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 

وَلَقَدْ خَلَقْنَا الْإِنسَانَ مِن سُلَالَةٍ مِّن طِينٍ ﴿١٢

މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މަށީގެ خلاصة އިން އިންސާނާ (އެބަހީ: آدم ގެފާނު) ހެއްދެވީމެވެ." 

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ محمّد صلّى اللّـه عليه وسلّم ޙަދީޘް ކުރައްވައިފައިވެއެވެ. 

"خُلِقَتِ الْمَلاَئِكَةُ مِنْ نُورٍ وَخُلِقَ الْجَانُّ مِنْ مَارِجٍ مِنْ نَارٍ وَخُلِقَ آدَمُ مِمَّا وُصِفَ لَكُمْ "‏ { صحيح مسلم/ كتاب الزهد والرقائق/ باب فِي أَحَادِيثَ مُتَفَرِّقَةٍ/ ޙަދީޘް ނަންބަރު 2996} 

މާނައީ: "މަލާއިކަތުން ޚަލްޤުކުރެވިގެންވަނީ ނޫރުންނެވެ. އަދި ޖިންނީން ޚަލްޤުކުރެވިގެންވަނީ އަލިފާނުގެ ހުޅުގަނޑުންނެވެ. އަދި އާދަމުގެފާނު ޚަލްޤުކުރެވިގެންވަނީ ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވާފައިވާ ފަދައިން (މަށިން) ނެވެ." 

މި ވާހަކަ އިތުރަށް ތަފްސީލުކޮށްދެއްވައި، މާތް ނަބިއްޔާ محمّد صلّى اللّـه عليه وسلّم ޙަދީޘް ކުރައްވާފައިވެއެވެ. 

" إِنَّ اللَّهَ تَعَالَى خَلَقَ آدَمَ مِنْ قَبْضَةٍ قَبَضَهَا مِنْ جَمِيعِ الأَرْضِ فَجَاءَ بَنُو آدَمَ عَلَى قَدْرِ الأَرْضِ فَجَاءَ مِنْهُمُ الأَحْمَرُ وَالأَبْيَضُ وَالأَسْوَدُ وَبَيْنَ ذَلِكَ وَالسَّهْلُ وَالْحَزْنُ وَالْخَبِيثُ وَالطَّيِّبُ " { جامع الترمذي/ كتاب تفسير القرآن عن رسول الله صلى الله عليه وسلم/ ޙަދީޘް ނަންބަރު 2955 / قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ صَحِيحٌ .}

މާނައީ: " މާތްالله سبحانه وتعالى، آدم عليه السّلام ޚަލްޤުކުރެއްވީ ބިމުގެ ހުރިހައި ކަންކޮޅުތަކުން ނެންގެވުނު ވެލިމުށްވަރަކުންނެވެ. ފަހެ، އާދަމުގެ ދަރީން އުފެދިފައިވަނީ، ބިމުގެ މިންވަރުންނެވެ. އެމީހުންގެ ތެރޭގައި ދޮން މީހުނާއި، ކަޅު މީހުނާއި، ރަތް މީހުނާއި، އެކުލަތަކުގެ ދެމެދުގައިވާ މީހުން ވެއެވެ. އަދި މުޢާމަލާތްކުރަން ފަސޭހަ މީހުންނާއި، ގޮތްދޫނުކުރާ ހަރުކަށި މީހުންނާއި، ނުބައި ނުލަފާ މީހުންނާއި، ހެޔޮ ލަފާ ރަނގަޅު މީހުންވެއެވެ." 

ނަބިއްޔާ صلّى اللّـه عليه وسلّم ގެ ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި آدم عليه السّلام ހެއްދެވުމަށްފަހު ފުރާނަ ނާޅުއްވައި ދުވަސްތަކެއްވަންދެން ބެހެއްޓެވިއެވެ. އަނަސު ބިން މާލިކުގެ ރަޟިޔަﷲ ޢަންހު ގެ އަރިހުން އިމާމު މުސްލިމު ރިވާކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ محمّد صلّى اللّـه عليه وسلّم ޙަދީޘްފުޅުކުރެއްވިއެވެ. 

" لَمَّا صَوَّرَ اللَّهُ آدَمَ فِي الْجَنَّةِ تَرَكَهُ مَا شَاءَ اللَّهُ أَنْ يَتْرُكَهُ فَجَعَلَ إِبْلِيسُ يُطِيفُ بِهِ يَنْظُرُ مَا هُوَ فَلَمَّا رَآهُ أَجْوَفَ عَرَفَ أَنَّهُ خُلِقَ خَلْقًا لاَ يَتَمَالَكُ " .{ صحيح مسلم/ كتاب البر والصلة والآداب/ باب خُلِقَ الإِنْسَانُ خَلْقًا لاَ يَتَمَالَكُ ‏‏/ ޙަދީޘް ނަންބަރު 2611} 

މާނައީ: "މާތްﷲ، އާދަމުގެފާނު ހެއްދެވުމަށްފަހު، ފުރާނަ ނާޅުއްވައި އެކަލާނގެ އެދިވޮޑިގެންވާ ދުވަހެއް ވަންދެން ބެހެއްޓެވިއެވެ. އެދުވަސްކޮޅު އިބިލީސް އާދަމުގެފާނުގެ ކައިރިން ބުރުޖަހާ އެއީ ކޮންއެއްޗެއްތޯ ބަލަން ފެށިއެވެ. އެހިނދު އެސޮރަށް އާދަމުގެފާނުގެ ހަށިކޮޅުގެ އެތެރެ ހުސްކޮށް ހުއްޓާ ފެނުމުން އެއީ ކެތްތެރިނުވެވޭނެ މަޚްލޫޤެއްކަން އެނގުނެވެ." 

މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި މާތްالله سبحانه وتعالى، آدم عليه السّلام ޚަލްޤުކުރެއްވީ ހުކުރު ދުވަހެއްގައެވެ. އެދުވަހުގެ ޢަޞްރުގެފަހުންނެވެ. އެދުވަހުގެ އެންމެފަހު ވަގުތުގައެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވުއެވެ. ރަސޫލާ صلّى اللّـه عليه وسلّم ތިމަންކަލޭގެފާނުގެ އަތްޕުޅުގައި ހިއްޕަވައިގެން ހުންނަވައި ޙަދީޘް ކުރެއްވިއެވެ. 

" خَلَقَ اللَّهُ عَزَّ وَجَلَّ التُّرْبَةَ يَوْمَ السَّبْتِ وَخَلَقَ فِيهَا الْجِبَالَ يَوْمَ الأَحَدِ وَخَلَقَ الشَّجَرَ يَوْمَ الاِثْنَيْنِ وَخَلَقَ الْمَكْرُوهَ يَوْمَ الثُّلاَثَاءِ وَخَلَقَ النُّورَ يَوْمَ الأَرْبِعَاءِ وَبَثَّ فِيهَا الدَّوَابَّ يَوْمَ الْخَمِيسِ وَخَلَقَ آدَمَ عَلَيْهِ السَّلاَمُ بَعْدَ الْعَصْرِ مِنْ يَوْمِ الْجُمُعَةِ فِي آخِرِ الْخَلْقِ وَفِي آخِرِ سَاعَةٍ مِنْ سَاعَاتِ الْجُمُعَةِ فِيمَا بَيْنَ الْعَصْرِ إِلَى اللَّيْلِ "{ صحيح مسلم/ باب ابْتِدَاءِ الْخَلْقِ وَخَلْقِ آدَمَ عَلَيْهِ السَّلاَمُ / ޙަދީޘް ނަންބަރު 2789}

މާނައީ: "މާތްالله سبحانه وتعالى، ބިން ޚަލްޤުކުރެއްވީ ހޮނިހިރު ދުވަހުގައެވެ. އެބިމުގައި ފަރުބަދަތައް ޚަލްޤުކުރެއްވީ އާދީއްތަ ދުވަހުގައެވެ. ގަސްގަހާގެހި ޚަލްޤުކުރެއްވީ ހޯމަ ދުވަހުގައެވެ. އަދި މަކުރޫހަ (އެބަހީ: ގެއްލުންދެނިވި ނުބައި ހުރިހާ އެއްޗެއް) ޚަލްޤުކުރެއްވީ އަންގާރަ ދުވަހުގައެވެ. އަދި އަލިކަން ޚަލްޤުކުރެއްވީ ބުދަ ދުވަހުގައެވެ. އަދި އެ ބިމުގައި ޖަނަވާރުތައް ޚަލްޤުކުރެއްވީ ބުރާސްފަތި ދުވަހުގައެވެ. އަދި ހުކުރު ދުވަހުގެ ޢަޞްރުފަހުން آدم عليه السّلام ޚަލްޤުކުރެވުނެވެ. އެއީ ޢަޞްރު ވަގުތާއި އިރުއޮއްސުމާ ދެމެދުގައިވާ ދުވާލުގެ އެންމެ ފަހުގެ ވަގުތެވެ." 

އަދިވެސް އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. 

" خَلَقَ اللَّهُ آدَمَ وَطُولُهُ سِتُّونَ ذِرَاعًا، ثُمَّ قَالَ اذْهَبْ فَسَلِّمْ عَلَى أُولَئِكَ مِنَ الْمَلاَئِكَةِ، فَاسْتَمِعْ مَا يُحَيُّونَكَ، تَحِيَّتُكَ وَتَحِيَّةُ ذُرِّيَّتِكَ‏. فَقَالَ السَّلاَمُ عَلَيْكُمْ‏. فَقَالُوا السَّلاَمُ عَلَيْكَ وَرَحْمَةُ اللَّهِ‏. فَزَادُوهُ وَرَحْمَةُ اللَّهِ‏. فَكُلُّ مَنْ يَدْخُلُ الْجَنَّةَ عَلَى صُورَةِ آدَمَ، فَلَمْ يَزَلِ الْخَلْقُ يَنْقُصُ حَتَّى الآنَ "‏‏ { صحيح البخاري/ كتاب أحاديث الأنبياء/ بَابُ خَلْقِ آدَمَ صَلَوَاتُ اللَّهِ عَلَيْهِ وَذُرِّيَّتِهِ/ ޙަދީޘް ނަންބަރު 3326} 

މާނައީ: "މާތްالله سبحانه وتعالى، އާދަމުގެފާނު ޚަލްޤުކުރެއްވިއިރު އެކަލޭގެފާނުގެ އިސްކޮޅުފުޅުގައި ފަސްދޮޅަސް މުށްހުއްޓެވެ. ދެން އެކަލޭގެފާނަށް އެންގެވިއެވެ. ކަލޭގެފާނު ވަޑައިގެން އެ ތިއްބެވި މަލާއިކަތްބޭކަލުންނަށް ސަލާންކުރައްވާށެވެ. ފަހެ، އެބޭކަލުން ކަލޭގެފާނަށް ޖަވާބު ދަންނަވާގޮތް ރަނގަޅަށް އަޑުއައްސަވާށެވެ. ފަހެ ހަމަކަށަވަރުން އެއީ ކަލޭގެފާނާއި ކަލޭގެފާނުގެ ދަރިފަސްކޮޅުގެ ސަލާމެވެ. ފަހެ އެކަލޭގެފާނު އެބޭކަލުންގެ އަރިހަށް ވަޑައިގެން "އައްސަލާމް ޢަލައިކުމް" މި ފަދައިން ވިދާޅުވުއެވެ. ފަހެ އެބޭކަލުން ޖަވާބުގައި "އައްސަލާމް ޢަލައިކަ، ވަރަޙްމަތު ﷲ" މިފަދައިން ވިދާޅުވިއެވެ. އެބޭކަލުން "ވަރަޙްމަތު ﷲ" މިޖުމުލަ އިތުރު ކުރެއްވިއެވެ. ސުވަރުގެވަންނަ ކޮންމެ މީހެއްގެވެސް ސޫރަ އެންމެ ވައްތަރުވާނީ އާދަމުގެފާނާއެވެ. އާދަމުގެފާނަށްފަހު، ދެން އައި މީސްތަކުންގެ އިސްކޮޅު ދިޔައީ ކުރުވަމުންނެވެ." 

އަލްޙާފިޡު އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ. އިބްނު އަބީޙާޠިމް ޙަސަން ދަރަޖައިގެ ސަނަދަކާއެކު އުބައްޔު ބުން ކަޢުބުގެ އަރިހުން މަރުފޫޢުކޮށް ރިވާކުރައްވައިފައިވެއެވެ. "މާތްﷲ އާދަމުގެފާނު ހައްދަވައިފައިވަނީ، އިސްކޮޅުފުޅުން ދިގު، އިސްތަށިފުޅު ދިގު އަދި އިސްތަށިފުޅުގެ އިސްތަށިފުޅުތައް ގިނަ ބޭކަލެއްގެ ގޮތުގައެވެ. {އިބްނު ޙަޖަރު، ފަތުޙުލްބާރީ، ހަވަނަ ޖިލްދުގެ 260 ވަނަ ޞަފްޙާ}

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ގެ އަރިހުން މަރުފޫޢުކޮށް ރިވާވެގެންވެއެވެ. "މާތްﷲ އާދަމުގެފާނު ހެއްދެވިފަހު އެކަލޭގެފާނަށް ކިނބިއްސެއް އެޅުއްވުނެވެ. އެހިނދު އެކަލޭގެފާނު الْحَمْدُ لِلَّهِ  އޭ ވިދާޅުވިއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. رحمك الله يا آدم އޭ އާދަމުގެފާނެވެ. މާތްކަލޭގެފާނަށް ރަޙްމަތްލެއްވިއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު އެއްވަނަ ޖިލްދު ޞަފްޙާ 97/ އަލްޙާފިޡު އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ. މިރިވާޔަތުގެ ސަނަދަކީ ޤަބޫލުކުރެވޭ ފެންވަރުގެ ސަނަދެކެވެ.} 

އަރަހުށި މާތްالله سبحانه وتعالى، آدم عليه السّلام ޚަލްޤުކުރެއްވުމަށްފަހު، އެކަލޭގެފާނަށް އެންމެހައި ތަކެއްޗެއްގެ ނަންތައް އުނގަންނަވައިދެއްވިއެވެ. ނަންކިޔުނު ތަކެއްޗާއި އެތަކެތީގެ ޙަޤީޤަތް ބަޔާންކޮށްދެއްވިއެވެ. ދެން އެތަކެތި މަލާއިކަތްބޭކަލުންނަށް ހުށައެޅުއްވުމަށްފަހު، އެތަކެތީގެ ޙަޤީޤަތް ބަޔާންކޮށްދެއްވުމަށް މަލާއިކަތްބޭކަލުންނަށް އެންގެވިއެވެ. މިކަން ބަޔާން ކުރައްވައި ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 31 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 

وَعَلَّمَ آدَمَ الْأَسْمَاءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى الْمَلَائِكَةِ فَقَالَ أَنبِئُونِي بِأَسْمَاءِ هَـٰؤُلَاءِ إِن كُنتُمْ صَادِقِينَ ﴿٣١﴾ 

މާނައީ: "އަދި آدم ގެފާނަށް ހުރިހައި ތަކެތީގެ ނަންތައް އެކަލާނގެ އުނގަންނަވައި ދެއްވިއެވެ. (އެބަހީ: ނަންކިޔުނު ތަކެއްޗާއި އެތަކެތީގެ حقيقة ތަކެވެ.) ދެން، އެކަލާނގެ އެތަކެތި ملائكة ންނަށް ހުށަހަޅުއްވައި، وحى ކުރެއްވިއެވެ. ތިޔަބައިމީހުން (ތިޔަކުރާ دعوى ގައި) ތެދުވެރިންކަމުގައިވަނީނަމަ، މިތަކެތީގެ ނަންތަކުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ނިކަން خبر ދީބަލާށެވެ!"

މަލާއިކަތްބޭކަލުންނަށް އެންމެހައި، ތަކެތީގެ ނަންތަކާއި އެތަކެތީގެ ޙަޤީޤަތް ބަޔާންކޮށްދެއްވުމަށް އެންގެވުމުން އެބޭކަލުން ވިދާޅުވި ބަސްފުޅު ބަޔާން ކުރައްވައި ބަޤަރާ ސޫރަތުގެ 32 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 

قَالُوا سُبْحَانَكَ لَا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا ۖ إِنَّكَ أَنتَ الْعَلِيمُ الْحَكِيمُ ﴿٣٢

މާނައީ: "އެ ملائكة ން ދެންނެވޫއެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އިބަރަސްކަލާނގެ އަޅަމެންނަށް އުނގަންނަވައިދެއްވި އެއްޗެއް މެނުވީ، އަޅަމެންނަކަށް އެނގުމެއް ނުވެއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ." 

ދެން މާތްالله سبحانه وتعالى، آدم عليه السّلام އަށް އެންގެވީ، އެތަކެތީގެން ނަންތަކާއި ޙަޤީޤަތްތައް މަލާއިކަތްބޭކަލުންނަށް ބަޔާންކޮށްދެއްވުމަށެވެ. މިކަން ބަޔާންކުރައްވަމުން ބަޤަރާ ސޫރަތުގެ 33 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

قَالَ يَا آدَمُ أَنبِئْهُم بِأَسْمَائِهِمْ ۖ فَلَمَّا أَنبَأَهُم بِأَسْمَائِهِمْ قَالَ أَلَمْ أَقُل لَّكُمْ إِنِّي أَعْلَمُ غَيْبَ السَّمَاوَاتِ وَالْأَرْضِ وَأَعْلَمُ مَا تُبْدُونَ وَمَا كُنتُمْ تَكْتُمُونَ﴿٣٣ 

މާނައީ: "އެކަލާނގެ وحى ކުރެއްވިއެވެ. އޭ آدم ގެފާނެވެ! ކަލޭގެފާނު، އެ ملائكة ންނަށް އެތަކެތީގެ ނަންތަކުން خبر ދެއްވާށެވެ! ދެން އެކަލޭގެފާނު، އެ ملائكة ންނަށް އެތަކެތީގެ ނަންތަކުން خبر ދެއްވިހިނދު، އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އުޑުތަކާއި ބިމުގެ غيب ދެނެވޮޑިގެންވަމޭ، އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތަކާއި ވަންހަނާކުރާ ކަންތައް ދެނެވޮޑިގެންވަމޭ، ތިޔަބައިމީހުންނަށް وحى ނުކުރައްވަން ހެއްޔެވެ؟"

 

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

 

 

 

މިއަދު އޮންލައިން